ގެސްޓްހައުސްތަކުގެ ފެން ބިލާއި ކަރަންޓު ބިލު ދެއްކުން ނޮވެމްބަރަށް ފަސްކޮށްދީފި

ގެސްޓްހައުސްތަކުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމައަށް ނުދައްކާ ހުރި ފެން ބިލުތަކާއި ކަރަންޓު ބިލުތައް، އަންނަ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަދައިދިނުމަށް ނިންމައިފިއެވެ. ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގެސްޓްހައުސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ވަރަށް ގިނަ ދުވަހު ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވި މާލީ ދަތިތަކާހުރެ ގެސްޓްހައުސްތައް ހުޅުވުމަށް ގިނަގުނަ، ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކަރަންޓު ބިލްތަކާއި ފެން ބިލުތަކުގެ ޕެންޑިން އަދަދު ބޮޑުވެފައި އެކަމަށް އެކަށީގެންވާ ލުއިތަކެއް ލިބިފައި ނުވާތީ، އެކަމަށް ލުއިތަކެއް ހޯދައިދިނުމަށް ބައެއް ގެސްޓްހައުސްތަކުން އެ އެސޯސިއޭޝަންގައި އެދިފައިވާ ކަމަށެވެ. އެހެންކަމުން، އެ އެސޯސިއޭޝަނުން ޓޫރިޒަމް މިނިސްޓްރީގައި އެދުމުން އެކަމަށް ވަރަށް އެކަށީގެންވާ އިޖާބައެއް ދެއްވައި، ކަމާބެހޭ ފަރާތްތަކާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެކަށީގެންވާ ލުއިތަކެއް ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ކަރަންޓު ބިލުތަކާއި، ފެން ބިލުތަކުގެ ތެރެއިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމައަށް ނުދައްކާ ހުރި ބިލުތަކަށް ދައްކަންޖެހޭ ފައިސާ މިއަހަރު ނޮވެމްބަރު މަހުން ފެށިގެން ހަ މަސް ދުވަހަށް ބަހާލަދިނުމަށް ބައްދަލުވުމުގައި ބައިވެރިވި ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީ އިން އެއްބަސްވެފައިވާކަމަށެވެ. ވީމާ މިކަމަށް އެދޭ ފަރާތްތަކުން އެކަމާބެހޭ ކުންފުންޏަކާ ގުޅައިގެން ކުރިއަށް ގެންދިއުމަށް އެސޯސިއޭޝަންގެ ވަގުތީ ރައީސް މުހައްމަދު އިމްތިޔާޒް ސޮއިކުރައްވާ ގެސްޓްހައުސްތަކަށް ފޮނުވި ސާކިއުލާގައި ވަނީ އެދިފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވައި ފަތުރުވެރިކަން އަލުން ފަށާފައި ވާއިރު މި މަހުގެ 15 އިން ފެށިގެން މާލޭ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓު ހައުސްތައް ޓްރާންސިޓު ހޮޓަލުގެ ގޮތުގައި ބޭނުންކުރަން ވަނީ ފަށައިފައެވެ. އެހެން ނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވާލަން ނިންމާފައި ވަނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ. ނަމަވެސް މި ތާރީހު ބަދަލުވެދާނެ ކަމަށާއި ގެސްޓްހައުސްތައް ހުޅުވާލުމުގެ ކުރިންވެސް ރާއްޖެ އަންނަ ފަތުރުވެރިއަކަށް، ޓޫރިސްޓް ރިސޯޓަށް ދިޔުމުގެ ކުރިން މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްއެއްގައި، ޓްރާންސިޓު ސްޓޭ އަކަށް ހާއްސަ ހުއްދައެއްގެ ދަށުން މަޑު ކުރެވިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިގޮތަށް މަޑުކުރާއިރު ފަތުރުވެރިޔާ އަށް އޭނާ ހުންނަ ގެސްޓްހައުސް އިމާރާތުން ބޭރަށް ނުދެވޭނެ ކަމަށާއި އޭނާގެ ކެއިންބުއިމުގެ ކަންތައްވެސް ހަމަޖައްސަން ޖެހޭނީ ގެސްޓްހައުސް ގައި ކަމަށް ބުނެފައިވެއެވެ. މިގޮތަށް ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެންދާ އުޅަނދުތަކަކީ އެޗްޕީއޭގެ ގައިޑްލައިންތައް ބުނާގޮތަށް އޮޕަރޭޓުކުރާ އުޅަނދުތަކަށް ވާންޖެހޭނެކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ