13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ވަޑައިގަންނަވާ ވަކީލުންގެ ކުރައްވަމުން ގެންދަވާ ކަމަކީ ސަކަރާތް ޖެއްސެވުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އޮފީހަށް އެޑްރެސް ކުރައްވާ މި މަހުގެ ތިން ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައިއެވެ. މި ސިޓީ އާންމުވެފައިވަނީ މިރޭގެ ވަގުތެއްގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ޓުވިޓާގައި ސިޓީ ހާމަކުރެއްވުމުންނެވެ.
މި ސިޓީގައި އުމަރު ނަސީރު ވިދާޅުވެފައިވަނީ ފަހަކަށް އައިސް ނަޝީދުގެ ގާނޫނީ ވަކީލުން ގާނޫނީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ކޮންމެ ދުވަހަކު އެމަނިކުފާނުގެ އަރިހަށް ކުރައްވާ ޒިޔާރަތުގައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސަކަރާތް ޖެހުމާއި، ހީ ސަމާސަ ކުރުމާއި އެމަނިކުފާނުގެ މުނިފޫހިފިލުވާ ދިނުމުގެ މަސައްކަތް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމަށް ލިބިދެވޭ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް އުމަރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެދިލައްވާފައިވާ ގޮތުގެ މަތިން ނަޝީދު އާއި ބައްދަލުކުރުމުގެ ފުރުސަތު ދެވިފައިވާނެ ކަމަށް ވެސް ސިޓީގައި އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު މިހެން ވިދާޅުވިއިރު، ރައީސް ނަޝީދު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަ ހާއްސަ އެޕާޓްމަންޓެއްގައިއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ބޭރުން ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ.
ނަޝީދު އަރިހަށް ވަޑައިގަންނަވާ ވަކީލުންގެ ކަމަކީ ސަކަރާތް ޖެއްސެވުން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ