އަޅުގަނޑުގެ ފަސް ރިސޯޓްގެ ސުޕާތައް ބަންދު ކުރަން އެންގި އެންގުމަކީ ބޮޑު ޖަރީމާއެއް: ގާސިމް

ހަށި ވިއްކާ ކަމަށް ތުހުމަތުކޮށް ވިލާ ހޮޓެލްސްގެ ފަސް ރިސޯޓްގެ ސުޕާ ބަންދު ކުރަން ސަރުކާރު އެންގި އެންގުމަކީ ހިންގާލި ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެއީ ތުހުމަތު ކުރާ ބޮޑު ދޮގެއް ކަމަށް ވިލާ ހޮޓެލްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުގެ ފަސް ރަށަށް ޓޫރިޒަމުން އެ ސިޓީ ފޮނުވާފައި ވަނީ ރޭ. މިހާތަނަށް އަޅުގަނޑަށް އެނގިފައި ވަނީ އެ އެންގުން އެންގީ އަޅުގަނޑުގެ ރަށް ރަށަށް އެކަނި ކަމަށް. އެކަމާ ގުޅިގެން އަޅުގަނޑު ވާނީ މިހާރު މުޅި މައްސަލަ ލޯޔަރުންގެ ހާއްސަ ޓީމަކާ ހަވާލުކޮށްފައި،" ގާސިމް ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވީ އޭނާގެ ރިސޯޓްތަކުގެ ސުޕާތަކުގައި ހަށި ވިއްކާ ކަމުގެ ތުހުމަތުތައް ކުރި ކުރިމަކީ ކަނޑައެޅިގެން ސަރުކާރުން ހެދި ބޮޑު ދޮގެއް ކަމަށެވެ. އެއީ ރާވައިގެން ހިނގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ޖަރީމާ ހިންގާފައި ވަނީ އަޅުގަނޑު ފަނޑިޔާރުންނާއި ޖުޑިޝަރީ ހިމާޔަތް ކުރުމުގެ ގޮތުން ވީޓީވީގައި ވާހަކަ ދެއްކުމުން އަދި މަޖިލީހުގައި ވެސް އަޅުގަނޑު އެގޮތަށް ވާހަކަ ދައްކާތީ... މިއަކީ އާ ކަމެއް ނޫން ދެއްތޯ؟" ގާސިމް ސުވާލު ކުރެއްވެވި އެވެ.
ގާސިމް ވިދާޅުވީ ތުހުމަތެއްކޮށް ސިޓީއެއް ފޮނުވައި ރިސޯޓް ސުޕާތައް ބަންދުކުރަން އަންގާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން ވިލާ އިން ދެން އިތުރަށް ބަސްބުނެ ހަދާނީ އައްޔަން ކޮށްފައިވާ ލޯޔަރުންގެ ޓީމުން އެކަނި ކަމަށެވެ.
ގާސިމްގެ ފަސް ރިސޯޓެއްގެ ސުޕާގައި ހަށިވިއްކުމުގެ އަމަލު ހިންގާ ކަމަށް ބުނެ އެ ރިޒޯޓްތަކުގެ ސުޕާތައް ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެންގީ ރޭގަ އެވެ. ސަރުކާރުން މި ފިޔަވަޅު އެޅި އިރު ގާސިމް ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޓީވީ ސްޓޭޝަން، ވީޓީވީގައި ރޭ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ