މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް 48 ބިލިއަން ރުފިޔާއަށްވުރެ މަތިވިއިރު ލިބުނު އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރި މިންވަރު 15 ބިލިއަން ރުފިޔާއާ ގާތަށް އަރާފައިވާކަން ހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ޖުމްލަ ހަރަދު 48 ބިލިއަނަށް އަރައި އާމްދަނީއާއި ހަރަދުގެ ފަރަގު 15 ބިލިއަނާ ގާތަށް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން 26 ޑިސެންބަރާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 33.8 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ އާމްދަނީގެ ތެރެއިން 25.5 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ދެ ބިލިއަނެއްހައި ރުފިޔާ އިތުރެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 23.4 ބިލިއަން ރުފިޔާ އެވެ.
އެގޮތުން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ނިމުނު އަހަރު 12.7 ބިލިއަން ރުފިޔާ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާއިރު މި އަހަރު އެ އަދަދުވަނީ 13.8 ބިލިއަނަށް އިތުރުވެފަ އެވެ.
މުދަލާއި ހިދުމަތުގެ ޓެކުސްތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރު 9.1 ބިލިއަން ރުފިޔާ ލިބުނެވެ. ފާއިތުވި އަހަރު ލިބުނީ 8.4 ބިލިއަން ރުފިޔާ އެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައިވެ އެވެ. އެގޮތުން މި އަހަރު ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 7.5 ބިލިއަން ރުފިޔާ އެވެ. ފާއިތުވި ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 8.4 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މިހާތަނަށް ޖުމްލަ 48.5 ބިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އެއިން 33.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަވެފައިވަނީ 14.8 ބިލިއަން ރުފިޔާ އެވެ.
ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު ރިކަރަންޓު ހަރަދުތައްވަނީ ފާއިތުވި އަހަރަށްވުރެ ތިން ބިލިއަނެއްހައި ރުފިޔާ މަތިވެފަ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި މި އަހަރު ހޭދަވި މިންވަރުވެސް ފާއިތުވި އަހަރަށްވުރެ 250 މިލިއަނެއްހައި ރުފިޔާ އިތުރެވެ.
މި މުއްދަތުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް 4.5 ބިލިއަން ރުފިޔާ ހަރަދުވި އެވެ. ހަރަދުތަކުން އެ އަދަދު އުނިކުރުމުން މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 10.3 ބިލިއަން ރުފިޔާ އެވެ. އެ ފައިސާ ހިމެނުމުން އެ އަދަދު 14.8 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދައުލަތުގެ ހަރަދުތައް 48 ބިލިއަނަށް، ބަޖެޓު ދަރަނި 15 ބިލިއަނާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ