ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުސާރައަށް ޝަކުވާތަކަށް ބަލައި، މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރެއްވުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ހުށަހަޅުއްވާފައިވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކު އެމަނިކުފާނު ވަނީ ދިރާސާކުރައްވާފައެވެ.
މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމަވާފައިވަނީ މި މައްސަލަތާގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވޭތީކަމަށެވެ. އަދި އެކަންކަމަށް ރިޢާޔަތްކުރެއްވުމާއެކު، މި ދާއިރާތަކުގެ އެކި ބޭފުޅުންނާއި މަޝްވަރާކުރައްވާ އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ މަތިންކަމަށެވެ.
އެގޮތުން 1 މެއި 2023 ގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތްއޮތުން ބަދަލުކޮށް، ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާގުޅިގެން އައި.ޖީ.އެމް.އެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާކުރެއްވުމާއެކު ސިވިލް ސަރވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލަތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ހައްލު ހޯއްދަވައިދެއްވާފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ.
އެގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެގޮތް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިދެއްވާފައެވެ. އަދި ޞިއްޙީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ހަމައެހެންމެ މަސައްކަތުގެ ތަޖުރިބާއަށް ބަލާ އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި، އައު އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާކަމަށް ފާހަގަކުރެވުނު 9 ނަރުހުންގެ މައްސަލަ ހައްލުކުރުމަށްވެސް ރައީސް ނިންމަވާފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް، ކުރި ތިބި މަޤާމުގައި ބޭތިއްބުމަށް އުޞޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތުކުރުމަށްފަހު ކުރިން ތިބި މަޤާމަށް ބަދަލުކުރުމަށްވެސް އެމަނިކުފާނު ނިންމަވާފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ.
1 މެއި 2023 ގައި ޢަމަލުކުރަން ފަށާފައިވާ ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ބޭފުޅުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިރާސާކުރައްވާ، މިކަމާގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި ވަނީ މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާތަކުގެ އަލީގައި ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑުގެ 7 ވަނަ މާއްދާގެ (ހ) ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވޯރކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 18 މަސް ދުވަސްތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިޙްތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ރައީސް ޞާލިޙު ވަނީ ނިންމަވާފައެވެ.
މިޢްވާން ވިދާޅުވީ، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވުމަށް ނޭޝެނަލް ޕޭ ކޮމިޝަނާއި، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވާފައިވާކަމަށެވެ. އަދި މި ނިންމެވުންތަކާއެކު ނަރުހުންނާއި، ޑޮކްޓަރުން އަދި ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ