ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ފެބްރުއަރީ 8، 2012 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހުޅުޖެހުމުގެ ހާދިސާތަކުގެ ތެރެއިން ގދ. ތިނަދޫގެ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހިކަމުގެ ދައުވާލިބޭ 89 މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތިނަދޫ ކޯޓާއި އެރަށު ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާ މީހުންގެ ޝަރީއަތަކަށް ދައުލަތުގެ ވަކީލުން ނުފޮނުވި ކަމަށް ބުނެ އެ އެންމެންގެ މައްސަލަ ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ މައްސަލަ ބޭރުކޮށްލިކަން އަންގާ ކްރިމިނަލް ކޯޓުން ފޮނުވި ސިޓީ ބާތިލްކޮށްފަ އެވެ.
އެ މައްސަލަތައް އޭރު ބޭރުކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެފައިވަނީ އެދުވަހުގެ ޝަރީއަތަށް ވަކީލަކު ހަމަޖައްސައި ނުދެވުނީ އެ ޝަރީއަތް އެންމެ ފަހުން ބާއްވަން އުޅުނު މިމަހުގެ 22 ވީ ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވަން އުޅޭ ކަން ބުރާސްފަތި ދުވަހުގެ މާ ފަހުން އެންގުމުން ކަމަށެވެ. އޭގެފަހުން ޕީޖީން އެތައް ފަހަރަކު އެ މައްސަލަތައް ކޯޓަށް ފޮނުވި ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައިނުގެންފަ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބައްލަވަމުން ގެންދެވި އެ މައްސަލަތައް އަނބުރާ ފޮނުވާލީ އިޖްރައާތާ ޚިލާފަށެވެ. އަދި މިމަހުގެ 22 ވަނަ ދުވަހު ބާއްވަން އޮތް އެ އަޑުއެހުމަށް ހާޒިރުވާނެ ވަކީލަކު ހަމަޖައްސަން ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންގީ އޭގެ ދެ ދުވަސް ކުރިން މިމަހުގެ 20 ވަނަ ދުވަހު ކަމަށާއި އެހެންވެ އެއީ އެކަމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާއި ދެމެދު މަޝްވަރާ ކުރެވި، އަޑުއެހުންތައް ގެންދާނެ ގޮތާ ބެހޭގޮތުން ތާވަލެއް އެކުލަވާލާފައިވީ ނަމަވެސް 22 ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުރިން ނިންމާފައިވާ ނެތްކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކުރިން އެއްބަސްވެފައިވާ ތާވަލަށް ބަދަލެއް ގެންނަ ނަމަ އެކަމަށް ތައްޔާރުވުމަށް ދެ ފަރާތަށް ވެސް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެދުވަހު ވަކީލަކު ފޮނުވައިދެވެން ނެތުމުން އެދުވަހުގެ އަޑުއެހުން ކެންސަލްކޮށް ދިނުމަށް ޕީޖީން ކޯޓުގައި އެދުމަކީ އެ ޝަރީއަތަށް ޕީޖީން އެއްބާރުލުން ނުދިނުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައި އިތުރަށް ވަނީ ދައުލަތުން ކުރާ ޖިނާއީ ދައުވާތަކަކީ މުޅި މުޖްތަމައުގެ މަސްލަހަތުގައި ކުރާ ދައުވާތަކަކަށް ވާއިރު އެފަދަ މައްސަލައެއް ކޯޓުން ބަލައިގަތުމަށް ފަހު އިދާރީ ފިޔަވަޅެއްގެ ގޮތުން އެ މައްސަލައެއް ކޯޓުން ބޭރުކޮށް ނުލެވޭނެ ކަމަށެވެ. އެގޮތުން މައްސަލައިގެ ހުކުމް ކުރުމެއް ނެތި އިދާރީ ކަމެއް ހަމަނުޖެހިވުމުގެ ސަބަބުން އެކަމަށް ވަގުތު ނުދީ އަދި އެކަން ހައްލު ކުރަން މަސައްކަތް ނުކޮށް އެ މައްސަލައެއް ބޭރުކޮށްލުމުގެ ބާރު ކޯޓަށް ލިބިދޭ އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ވެސް ވިޔަސް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެދުވަހުގެ ހަމަނުޖެހުންތަކުގައި އެތައް ރަށެއްގެ ޕޮލިސް ސްޓޭޝަންތަކާއި ވެހިކަލްތަކުގެ އިތުރުން ކޯޓުތަކުގައި ހުޅުޖެހި މައްސަލައިގައި 150 އެއްހާ ގިނަ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ ކުރާއިރު އެއިން ކޮންމެ ޝަރީއަތެއް ކުރިއަށް ގެންދަން އެތައް ހާހެއްހާ ރުފިޔާ ކޯޓުން ކޮންމެ ދުވަހަކު ޚަރަދު ކުރަންޖެހެ އެވެ. އެގޮތުން ދައުވާލިބޭ ކޮންމެ މީހެއްގެ ދަތުރުގެ ޚަރަދާއި މާލޭގައި ތިބުމާއި ކެއުމުގެ ޚަރަދު ވެސް ދޭންޖެހޭނީ ކްރިމިނަލް ކޯޓުންނެވެ.
އެދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ތިނަދޫގެ 89 މީހެއްގެ މައްޗަށް ދައުވާ ކުރާއިރު އައްޑޫއިން އެކަނި ވެސް 80 އާ ގާތްކުރާ އަދަދެއްގެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.
ތިނަދޫ ހުޅުޖެހި މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އިޖްރައަތާ ޚިލާފަށް: ހައި ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ