ވެރިކަން ހަމަ މަގަށް އެޅުވުމަށް ރައްޔިތުންގެ ޒިންމާ ބޮޑު ވެރިކަން ހަމަ މަގަށް އެޅުވުމަށް ރައްޔިތުންގެ ޒިންމާ ބޮޑު

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދެވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ވީ ވައުދާއި ހަގީގަތާ ދެމެދުގެ ފަރަގު ބޮޑެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ގައުމުގައި ހުރި ގިނަ މައްސަލަތަކެއް ހައްލު ކުރާނެ ކަމުގައި ވައުދާއެކު އެވެ. މާލީ، އިގުތިސާދީ، އަދި އުމްރާނީ ގޮތުން ކުރިއެރުން ހޯދުމާއި، ހަރުދަނާ ހިންގުމުގެ ނިޒާމަކާއި، ހާމަކަން ބޮޑު ދައުލަތެއް ދައްކައިދޭނެ ކަމާއި، ބާރުވެރިކުރެވިފައިވާ ކައުންސިލްތައް އުފައްދައި ދިނުމާއި، ބޭރުގެ އަސްކަރިއްޔާ ނެތް ދިވެހީންގެރާއްޖެ އެއް ދައްކައިދޭނެ ކަމުގެ ޔަގީން ކަމާއެކު އެވެ.
ނަމަވެސް، ދެ އަހަރުގެ ރިކޯޑު ބަޖެޓު ހުސްވެގެން ދިޔައިރު ފެނިގެން ދިޔައީ ހަގީގީ ތަރައްގީ ވުރެ ބޮޑަށް، ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ނޫސްތަކުގެ ސުރުހީތަކުގައި މެގަ މަޝްރޫއުތައް ބިނާކުރި މަންޒަރެވެ. ރިކޯޑު ހެދުމާއި އެކަމުގައި އުފާފާޅުކުރަން ޝައްކު އުފެދޭ ފައިސާ ހަރަދު ކުރުމެވެ.
އެހެންވެ، ވައުދާއި އަހުދަކީ ހަމައެކަނި އިންތިހާބުގެ ތަގުރީރުތަކުގައި ލިޔެލާ ނޯޓުތަކަށް ވަނީ ވެފަ އެވެ. އެފަދަ އެއް މިސާލަކީ އަދުލް އިންސާފުގެ ދާއިރާ އެވެ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮނޑި ގެއްލޭނެ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު، އެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ސަސްޕެންޑެއް ކުރި އެވެ. މިއީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލްއިންސާފަށް އަރައިގަތުމެވެ.
ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލިއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އޮތީ ތަޅު އަޅުވައި، "މުއިއްޒުގެ މަޖިލީހަކަށް" ހަދައިފަ އެވެ. މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރުމުގެ ބާރު ނެގި އެވެ. ކައުންސިލްތައް ބާރުވެރި ކުރުރުވަން ވީ ވައުދުވީ މަރުކަޒު ކުރުމަށެވެ. އެ ސިލްސިލާގެ ދަށުން ދެން އޮތީ އަތޮޅު ކައުންސިލްތައް އުވާލައި، މުއިއްޒު އައްޔަން ކުރާ މީހަކު އަތޮޅުތައް ހިންގާ ގޮތަށް ބަދަލު ކުރުމެވެ.
މުއިއްޒުގެ މައިގަނޑު ހުރިހާ ވައުދެއް ހުރީ މިފަދަ ގޮތަކަށެވެ. އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރަންވީ ވައުދާއި، މޯލްޑިވްސް ފަސްޓު ޕޮލިސީއެއް މިހާރު ނެތެވެ. އިންޑިއާއިން ބޭނުންވި ގޮތަށް، އަސްކަރިއްޔާ ބާއްވަން މުއިއްޒު ޖެހުނީ އެއްބަސް ވާށެވެ. އިންޑިއާގެ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އުދުހެމުން ދާއިރު ވެސް މުއިއްޒު އާއި އެމަނިކުފާނުގެ ސަޕޯޓަރުން އަދިވެސް ދައްކަނީ ވައުދު ފުއްދިއްޖެ ވާހަކަ އެެވެ. ނަމަވެސް އެއީކީ ހަގީގަތް އޮޅުވައިލެވޭ ވަރަށް ވުރެ ސާފު މަންޒަރެކެވެ.
މުއިއްޒުގެ ވައުދުތަކުގެ ތެރެއިން، ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާ ވެސް އޮތީ ބޮއްސުން ލައިފަ އެވެ. އާސަންދަ ރިފޯމް ކުރެވިއްޖެ ހެއްޔެވެ؟ ޔޫރަޕް ބޭހެއް ވެސް ނުލިބޭއިރު، ބޭސް ހޯދުމަށް މިދިޔަ އަހަރެއްހާ ދުވަހަށް ވުރެ ތަދު ދުވަސްތަކެއް ނުދެ އެވެ.
ކޮންމެ އިންތިހާބަކަށް، ނުވަތަ އަހަރު ފުރޭ ދުވަސްކޮޅާ ދިމާކޮށް، ބޯހިޔާވަހިކަމުގެ ވާހަކަ ވެސް ތަކުރާރުކުރެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މުއިއްޒު ވިދާޅުވެފައި ވަނީ "ހަގީގީ މާނައިގައި އަތްފޯރާފަށުގެ އިޖުތިމާއީ ލޯން ސްކީމެއް މިއޮތީ، އިސްލާމިކް ފައިނޭންސް ޝަރީޢާ ކޮމްޕްލައަންޓް ލޯން ސްކީމެއް ތަޢާރުފްކޮށްފައި" ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ލޯން ސްކީމެއް މިއީ. އެ ލޯން ސްކީމް މިއޮތީ ހުޅުވާލާފައި މިހާރު،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ފަންޑަށް މި އަހަރުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ހިމަނާފައި އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި ދެ ބިލިއަނަށްވުރެ ގިނަ ލޯނު 2025 ގައި ދެ ވޭނެ ކަމަށް ވިދާޅުވި އެވެ. އަދި މާލޭ ސަރަހައްދުގައި މި އަހަރު 15000 ހައުސިންގ ޔުނިޓް، އަތޮޅުތެރޭގައި 12940 ހައުސިންގ ޔުނިޓް އަޅަން ފަށާނެ ކަމަށް ވެސް ވައުދުވެފައިވެ އެވެ. ނަމަވެސް އެންމެ ގާބުރިއެއް ވެސް ނުބޭއްވެ އެވެ. އެންމެ ލޯނެއް ވެސް ދޫނުކޮށް، މިފަދަ ވައުދުތައް އެ ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ.
މުއިއްޒުގެ ވައުދުގެ ތެރެއިން މިއަދާ ހަމައަށް ވެސް ދަމަހައްޓަމުން އައި ވައުދަކީ ފައިސާ ޗާޕް ނުކުރުމެވެ. އެ މަނިކުފާނުގެ ކޮންމެ ތަގުރީރެއްގައި ވެސް ފައިސާ ޗާޕްނުކޮށް، މާލީ، އިގުތިސާދީ މައްސަލަތައް ހައްލު ކުރައްވަމުން ގެންދަވާކަން ފަހުރިވެރިކަމާއެކު ވިދާޅުވެ އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވީތީ، ފައިސާ ޗާޕްނުކޮށް، ފައިސާ ޗާޕްނުކޮށް، ދައްކަންޖެހޭ ދަރަނި ދެއްކުމުގައި، އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކޮށް، އަޅުގަނޑުމެން މިއަދާ ހަމަޔަށް މިއައީ، ބަނގުރޫޓުނުވެ. ބަނގުރޫޓުނުވެ،" ނޮވެމްބަރު 17، 2024 ގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.
މިއަދު އެ މަނިކުފާނު މަސައްކަތް އެ ކުރައްވަނީ މި ވައުދު ވެސް ދުއްވާއިލުމަށެވެ. ފައިސާ ޗާޕް ނުކުރާކަން ދެއްކުމަށްޓަކައި، ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް ހޯދަނީ ޕެންޝަން އޮފީސް މެދުވެރިކޮށެވެ.
އެ މުއާމަލާތް މުއިއްޒު ބޭނުންވާ ދުވެލީގައި ނިންމުމަށް ހުރަކަށް އޮތީ ޕެންޝަން އޮފީހުގައި ތިބި ޕްރޮފެޝަނަލް މުވައްޒަފުން އޭގައި ސޮއިކުރަން ދެކޮޅު ހެދުމެވެ. ސަރުކާރުން ބޭނުން ވެގެން ހިންގަން އުޅޭ އެ މުއާމަލާތާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އޮކްޓޯބަރު 22، ގައި ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވި އެވެ. އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.
ނަމަވެސް މުއިއްޒު ވައުދު ދަމަހައްޓާ ކަމަށް ވިދާޅުވެ ތަކުރާރު ކުރައްވަނީ ފައިސާ ޗާޕް ނުކުރާ ކަމަށެވެ. ވެރިއެއްގެ ބަހާއި އަމަލު މިވަރަށް ދިމާނުވާއިރު، މިފަދަ ކަންކާމެދު ރައްޔިތުން ވިސްނަންޖެ އެވެ. ވޯޓުލުމަށް ފަހު ހަނުތިބެގެން ހެޔޮ ދައުލަތެއް ނުހޯދޭނެ އެވެ.
ކައުންސިލް އިންތިހާބު ބޯމަތިވުމުން އިންތިހާބަށް ޖަހާ ކަޑަފަދައިން ގިނަ ބިންގާތަކެއް އެބަ އަޅަ އެވެ. ދެ އަހަރު ދުއްވާލީ، ވައުދުވުމާއި، ކުރެހުންތައް ދެއްކުމުގަ އެވެ. ނަތީޖާއެއް ނުކުންނަ ގޮތަކަށް މަސައްކަތެއް ނުފެށޭކަން، ޑިވެލޮޕްމެންޓު ބޭންކާއި، ފައިނޭންސް ސެންޓަރާއި ބަންކަރިން އާއި، ރަށްރަށަށް ވެފައިވާ މެގަ ޕްރޮޖެކްޓުތަކުގެ ވައުދުތަކުން ވެސް އެނގެ އެވެ.
މިއީ ރައްޔިތުން ވިސްނަންވީ އެންމެ މުހިންމު ވަގުތެވެ.
ރަށްރަށަށް ތަރައްގީ ނުގެނެވި އޮތީ، ސަރުކާރުގެ ކައުންސިލްތަކެއް ނެތިގެނެއް ނޫނެވެ. ވެރިކަމުގެ ހުރިހާ ބާރާއި އާރަކާއި، ރިކޯޑު ބަޖެޓު ރައްޔިތުން މުއިއްޒަށް ދިނެވެ. ނަމަވެސް ނަތީޖާއެއް ނެރެވުނުތޯ އަމިއްލަ ނަފުސާ ސުވާލުކޮށް ބަލާށެވެ.
ވަޒީފާތަކަށް އައްޔަންކުރާ މީހުންގެ ޒިންމާއަކީ ހަމައެކަނި ސިޔާސީ ޖަލްސާތަކުގައި އަތް ޖެހުން ކަމަށް ހަދާފައި ވާއިރު، ގައުމެއްގެ ހާލަތު ދެން ދާނެ ދަށު ދަރަޖައަށް ވިސްނަން ޖެހެ އެވެ. ޒިންމާދާރު ރައްޔިތެއް އުފަން ނުވެއްޖެ ބިމެއްގައި ދެން އޮންނާނީ އަނިޔާ އާއި ވައްކަމާއި ފަސާދަ އެވެ. އެއީ ދިވެހިން 2023 ގައި ވޯޓު ދިން މަގުސަދު ހެއްޔެވެ؟
މިއީ މަގުސަދު ކަމަށް ގަބޫލު ނުކުރާނަމަ، ޒިންމާއަކީ އެ މީހަކަށް ވެވުނު މިންވަރަކުން ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމެވެ. ބަސް ބުނުމެވެ. ބަސް އިއްވުމެވެ. ދެކޮޅުވެރިކަން ދެއްކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ