މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އަޑުއުފުލަން ނޫސްވެރިން އެއްވަމުންދިޔަ ރައީސް އޮފީހުގެ ކުރިމަތީ މި ސަރުކާރުން ގާއިމު ކުރި މީޑިއާ ފެންޑާ އުވާލަން ރައީސް މުހައްމަދު މުއިއްޒު އިއްޔެ ނިންމެވި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ފެންޑާ އުވާލީ ހުއްދަ ނުހޯދައި "ނޫސްވެރިންގެ ނަމުގައި" ބަޔަކު އެތަނަށް ވަދެ އުސޫލާ ހިލާފު ކަންކަން ކުރަމުންދާތީ ކަމަށެވެ.
"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާންމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ކަމެއް،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.
އެތަނަށް ނޫސްވެރިން އެއްވެ އަޑުއުފުލާތީ އެތަނުގެ ބޭނުން ހިފާ ބައެއް ނޫސްވެރިން ޝަކުވާ ކުރި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، މެއި 29، ގައި އެތަން ހުޅުވި ފަހުން މި ހަރަކާތްތަކާއި ޖެހެންދެން މީޑިއާ ފެންޑާ ހުރީ ފަޅަށެވެ. މުޒާހަރާތަކުގެ ތެރެއިން، އެތަނުގައި ނޫސްވެރިން މަސައްކަތް ވެސް ކުރި އެވެ.
މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" މަޖިލީހަށް ބަލައިގަތް ފަހުން ނޫސްވެރިން އެކި ދުވަސް މަތިން އެ ސަރަހައްދަށް އެއްވި އެވެ.
ފުރަތަމަ ދުވަހު މުޒާހަރާ ކުރި ނޫސްވެރިން ހައްޔަރުކުރި ނަމަވެސް ފަހުން ބޭއްވި އެއްވުންތަކަށް ފުލުހުން ހުރަހެއް ނާޅަ އެވެ. ސަބަބެއް ކަމުގައި ފުލުހުންނާއި ސަރުކާރުން ބުނަމުން ދިޔައީ މީޑިއާ ފެންޑާގައި އެކަން ކުރަމުން ދިޔުމެވެ.
ނޫސްވެރިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ރޭ އާޓިފިޝަލް ބީޗުގައި "ހިޔާލާ ފިކުރު ކަފުނަށް" ނަމުގައި ފޯރަމެއް ވެސް ބޭއްވި އެވެ. އެ ފޯރަމުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
ހުލާސާކޮށް އިއްޔެ: ނޫސްވެރިން ދެކެ ބިރުން މީޑިއާ ފެންޑާ "ކަފުންކޮށްފި" ހުލާސާކޮށް އިއްޔެ: ނޫސްވެރިން ދެކެ ބިރުން މީޑިއާ ފެންޑާ "ކަފުންކޮށްފި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ