ސީއެސްސީގެ ރައީސްއަކަށް މުޖުތާޒު، ނައިބަކަށް ނާސިހު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ނާސިހް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ވީ ކިހިނެއް؟ - މުޖުތާޒާއި ނާސިހަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. އެ ހުށަހެޅުން، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ދިރާސާކުރަން މިއަދު މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
އެ ކޮމިޓީން ނިންމީ:
އެ ބޭފުޅުންނާ އިތުރަށް އިންޓަވިއުނުކޮށް، ރައީސް ފޮނުއްވާފައިވާ ގޮތަށް އެ މަގާމަށް މުޖުތާޒާއި ނާސިހު އައްޔަންކުރަން ރުހުންދޭން؛ މިގޮތަށް ފާސްކުރީ ކޮމިޓީގެ އިއްތިފާގުން
އިންޓަވިއުނުކޮށް އެ ބޭފުޅުންނަށް ރުހުންދޭން ނިންމީ މުޖުތާޒާއި ނާސިހަކީ ތައުލީމާއި ތަޖުރިބާ އާއި އިންޓަވިއުއަށް ބަލައި ސީއެސްސީގެ މެންބަރުކަމަށް މީގެ ކުރިން ވެސް މަޖިލީހުން ރުހުންދީފައިވާ ބޭފުޅުންނަށް ވާތީ
ތަފްސީލް - އެ ދެ ބޭފުޅުން އައްޔަންކުރަން ރުހުންދީ، އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އެ މަގާމަށް މުޖުތާޒާއި ނާސިހު އައްޔަންކުރަން މަޖިލީހުގައި މިއަދު ވޯޓަށް އަހާފައިވެ އެވެ.
ރައީސްގެ މަގާމަށް މުޖުތާޒު އައްޔަންކުރަން ފާސްކުރީ:
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތާއީދާ އެކު
ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
ނައިބުގެ މަގާމަށް ނާސިހު އައްޔަންކުރަން ފާސްކުރީ:
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ތާއީދާ އެކު
ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެއް
އެނގުން މުހިންމު - މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރީ މިދިޔަ އެޕްރީލްގަ އެވެ.
މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗެލާ އޮފް ލޯ ހާސިލް ކުރެއްވި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރުކަން ކުރެއްވި
17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާ ތަމްސީލްކުރެއްވި މެންބަރަކީ މުޖުތާޒް
ސީއެސްސީގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި ނާސިހަކީ އެ ކޮމިޝަންގެ މިހާރުގެ ރައީސް އެވެ. އޭނާ އެ މަގާމުން ދުރުކޮށް، އެ ކޮމިޝަންގެ ނައިބުގެ މަގާމަށް އައްޔަންކުރަން މިއަދު ރުހުންދިންއިރު، އޭނާގެ ދައުރު މިމަހުގެ 3 ވަނަ ދުވަހު ހަމަވުމުން، އިތުރު ދައުރަކަށް އެ ކޮމިޝަނަށް އައްޔަންކުރެއްވީ މި މަހުގެ 7 ވަނަ ދުވަހު އެވެ.
މި ވެރިކަމުގެ ކުރީކޮޅު މިހާރު މި އޮތް ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުން ނާސިހު އެ ކޮމިޝަންގެ ރައީސްގެ މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ފެށި އެވެ. ނަމަވެސް ފަހުން ނިންމީ އޭނާ ވަކިނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ