ވަޓްސްއެޕަށް އިންސްޓަގްރާމް 'ނޯޓްސް' އާ އެއްގޮތް އާ ފީޗާއެއް ތަޢާރަފުކޮށްފި
ވަޓްސްއެޕްއިން އިންސްޓަގްރާމްގެ މަޝްހޫރު 'ނޯޓްސް' ފީޗާއާ އެއްގޮތް އާ ފީޗާއެއް ތަޢާރަފުކޮށްފިއެވެ. މިއީ ވަޓްސްއެޕްގައި ކުރިންވެސް ބޭނުންކުރަމުން އައި 'އެބައުޓް' ފީޗާ، އާ ގޮތަކަށް ޒަމާނީކޮށްގެން އަލުން ގެނެސްދިން ބަދަލެކެވެ. މި އާ ފީޗާގެ އެހީގައި ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ކުރު މެސެޖެއް ނުވަތަ އިމޯޖީއެއް ބޭނުންކޮށްގެން، ތިމާގެ ހާލަތު ނުވަތަ ކުރަމުންދާ ކަމެއް ރައްޓެހިންނަށް ފަސޭހައިން ހިއްސާކޮށްލެވޭނެއެވެ. މިގޮތަށް ލިޔާ ލިޔުންކޮޅުތައް ޕްރައިވެޓް ޗެޓްތަކުގެ އެންމެ މަތީގަޔާއި، ޔޫޒަރުގެ ޕްރޮފައިލްގައި ފެންނަން ހުންނާނެއެވެ. މިއީ ޚާއްޞަކޮށް ބިޒީކޮށް އުޅޭ ވަގުތުތަކުގައި، ނުވަތަ ވާހަކަދައްކަން ނުލިބޭނެ ސަބަބު ކޮންޓެކްޓުންނަށް އަވަހަށް އަންގައިދިނުމަށް ބޭނުންކުރެވިދާނެ ފީޗާއެކެވެ. އިންސްޓަގްރާމް ނޯޓްސް ފަދައިން، މި އަދާހަމަތައް ވެސް އާންމު ގޮތެއްގައި 24 ގަޑިއިރުގެ ތެރޭގައި ގެއްލޭނެއެވެ. ނަމަވެސް، މި އާ އަޕްޑޭޓާއެކު ލިބޭ ޚާއްޞަ ކަމަކީ، ބޭނުންނަމަ މި ވަގުތު ކުރުކުރުމުގެ ނުވަތަ އިތުރުކުރުމުގެ އިޚްތިޔާރު ބޭނުންކުރާ ފަރާތަށް ލިބުމެވެ. އަދި މި ނޯޓްސް ފެންނާނީ ކޮން ބަޔަކަށްކަން ކަނޑައެޅުމުގެ ފުރުޞަތު ވެސް ޕްރައިވެސީ ސެޓިންގްސް މެދުވެރިކޮށް ލިބޭނެއެވެ. އިންސްޓަގްރާމް ނޯޓްސް ފަދައިން، މި އަދާހަމަތައް ވެސް އާންމު ގޮތެއްގައި 24 ގަޑިއިރުގެ ތެރޭގައި ގެއްލިގެން ދާނެ --- މި ފީޗާގެ ޚާއްޞަ އަނެއް ކަމަކީ، އެހެން މީހުން ޖަހާފައި ހުންނަ މިފަދަ 'އެބައުޓް' ސްޓޭޓަސްތަކަށް ފިތާލުމުން، ސީދާ ޗެޓްގެ ތެރެއިން އެއަށް ޖަވާބު ދެވޭގޮތަށް ހުރުމެވެ. މެޓާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފީޗާ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މޮބައިލް ޔޫޒަރުންނަށް މަޑުމަޑުން ލިބެން ފަށާނެއެވެ. މެޓާއިން އިންސްޓަގްރާމްގައި 'ނޯޓްސް' ފީޗާ ތަޢާރަފުކުރީ 2022 ވަނަ އަހަރުގެ ފަހުކޮޅެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި މި ފީޗާއަކީ ފޮޓޯއާއި ވީޑިއޯއަށްވުރެ ފަސޭހައިން، ލިޔުމުން ޝުޢޫރު ފާޅުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. ވަޓްސްއެޕްގައި މި ފީޗާ ހިމެނުމަކީ މެޓާގެ ދަށުން ހިންގާ އެޕްލިކޭޝަންތަކުގެ މެދުގައި އެއްގޮތް ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތުގެ ބައެކެވެ. ތާރީޚަށް ބަލާއިރު، 2009 ވަނަ އަހަރު ވަޓްސްއެޕް އެންމެ ފުރަތަމަ އުފެދިގެން އައިއިރުވެސް އެ އެޕްގެ މައިގަނޑު މަޤްޞަދަކަށް ވެފައި އޮތީ މީހާ ހުރި ހާލަތު (ސްޓޭޓަސް) ލިޔުމުން އެހެން މީހުންނަށް އެންގުމެވެ. އެހެންކަމުން، މި ގެނައި އާ ބަދަލަކީ ވަޓްސްއެޕްގެ އަސްލު ކޮންސެޕްޓް، ޒަމާނީ ބަދަލުތަކަކާއެކު އަލުން ދިރުވައި އާލާކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ޓެކް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ