ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް މިހާރު ބޭނުންކުރާ އާލާތްތައް ވަނީ، އެ ކަމުގެ ނުރައްކާ އޮތް ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ ހާލަތު ބުނެދިނުމުގައި ފެއިލްވެފައި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އަމިއްލަ މެޑިކަލް ސްކޫލެއް ކަމަށްވާ، އައިކާން ސްކޫލް އޮފް މެޑިސިން އެޓް މައުންޓް ސައިނާ (މައުންޓް ސައިނާ ސްކޫލް)ގެ ސައެންސްވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ އޮތްކަން ދެނެގަތުމަށް މިހާރު ބޭނުންކުރަމުން އަންނަ ބައެއް އާލާތްތަކަކީ، ބަރާބަރަށް ނަތީޖާ ދައްކާ އެއްޗެއްސެއް ނޫނެވެ.
މައުންޓް ސައިނާ ސްކޫލްގެ އެސިސްޓެންޓް ޕްރޮފެސަރު އަމީރް އަހްމަދީ ވިދާޅުވާ ގޮތުގައި މިހާރު ބޭނުންކުރާ އާލާތްތަކުން ޓެސްޓުކުރި އެތައް ބަޔަކަށް ވަނީ، ޓެސްޓުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީ ހާޓްއެޓޭކް ޖެހިފައެވެ. އެހެންކަމުން އެފަދަ އާލާތްތަކުން ބުނެދޭ ނަތީޖާއަކީ، ހަގީގީ ނުރައްކާ އޮތް މިންވަރު ބުނެދޭ އާލާތްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދިރާސާގައި، ސައެންސްވެރިން ވަނީ ހާޓް އެޓޭކްގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރާ އެއް މިންގަނޑު ކަމަށްވާ، "އަތެރޯސްކްލެރޮޓިކް ކާޑިއޯވެސްކިއުލާ ޑިސީސް (އޭއެސްސީވީޑީ) ރިސްކް ސްކޯ" އިން ދައްކާ ނަތީޖާ އާއި އަލަށް އުފެއްދި މިންގަނޑު ޕްރިވެންޓް (PREVENT) އަޅައި ކިޔައިފައެވެ. މި ދިރާސާގެ ނަތީޖާއަށް ބަލައި އެސިސްޓެންޓް ޕްރޮފެސަރު އަމީރް އަހްމަދީ ވިދާޅުވާ ގޮތުގައި އޭއެސްސީވީޑީއަކީ ބަލި މީހުންގެ ހާލަތު ބަރާބަރަށް ބުނެދެވޭ މިންގަނޑެއް ނޫނެވެ.
މިހާރު ބޭނުންކުރާ މިންގަނޑުގައި ބަލިމީހާއަށް ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ހިސާބުކުރަނީ، އަހަރަކު އެއް ފަހަރު ބަލިމީހާގެ ހާލަތު ވަޒަންކޮށްގެންނެވެ. މި މިންގަނޑުން އާންމު ގޮތެއްގައި ހާލަތު ވަޒަންކުރަނީ، ހިތުގެ ބައްޔެއް ނުޖެހި ތިބޭ، އުމުރުން 40 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ އެވެ.
މި މިންގަނޑުން ބަލިމީހާގެ ހާލަތު ވަޒަން ކުރާއިރު ބަލަނީ އެމީހާގެ އުމުރާއި ޖިންސާއި ނަސްލާއި ލޭގެ ޕްރެޝަރާއި ކޮލެސްޓެރޯލްގެ މިންވަރާއި ލޭގައި ހަކުރު އެކުލެވޭ މިންވަރާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ ހުރި ގޮތެވެ. މި ކަންކަމަށް ބެލުމަށް ފަހު، އެމީހެއްގެ ސިއްހީ ދުޅަހެޔޮކަން ހުރި ނެތްގޮތަށް ބިނާކޮށް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އޭނާ އަށް ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ޑޮކްޓަރުން ކަނޑައަޅައެވެ.
މި ކަންކަމަށް ބަލާއިރު، ކޮލެސްޓެރޯލްގެ މިންވަރު މެދުމިނުގައި ނުވަތަ ވަރަށް މަތީގައި ހުންނަ މީހެއް ނަމަ، ކޮލެސްޓެރޯލް ދަށް ކުރުމަށް ބޭސް ދެއެވެ. ނުވަތަ އިތުރު ޓެސްޓުތައް ހަދަން ބުނެއެވެ. ކޮލެސްޓެރޯލްގެ މިންވަރު ދަށުގައި ނުވަތަ ބޯޑާލައިނުގައި ހުންނަ މީހުންނަށް، ވަކިން ހާއްސަކޮށް، މެޔަށް ތަދުވުން، ނޭވާ ކުރުވުން ފަދަ ކަމެއް ނުހުންނަ މީހުންނަކީ ހިތުގެ ބައްޔެއްގެ ނުރައްކާ ނެތް މީހުން ކަމަށް ބަލައި، އިތުރަށް ބެލުމެއް ނެތި އަދި ބޭހެއް ދިނުމެއް ނެތި ގެއަށް ފޮނުވައިލައެވެ.
ޖޭއޭސީސީ: އެޑްވާންސަސް ކިޔާ ޖާނަލްގައި އާންމުކޮށްފައިވާ މި ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި ފުރަތަމަ ފަހަރަށް ހާޓް އެޓޭކް ޖެހުނު ދެ ބައިކުޅަ އެއްބައި މީހުންނަކީ، އެމީހުންގެ ހާލަތު އޭގެ ދެ ދުވަސްކުރިން ޓެސްޓުކުރި ނަމަވެސް، ހާޓް އެޓޭކެއްގެ ނުރައްކާ އޮތް ކަމަށް ނުދައްކާނެ މީހުންނެވެ. ސަބަބަކީ އެމީހުންގެ ކޮލެސްޓެރޯލް މިންވަރު ދަށުގައި ނުވަތަ ބޯޑަލައިންގައި ހުރުމެވެ.
އެހެންކަމުން، މި ދިރާސާ ހެދި ސައެންސްވެރިން ދެކޭ ގޮތުގައި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ އޮތްތޯ ބެލުމަށް މިހާރު ހަދާ ޓެސްޓުތަކަކީ އެހާ އިތުބާރު ހިފޭ ޓެސްޓުތަކެއް ނޫނެވެ. އޭގެ މާނައަކީ، ޓެސްޓު ހަދާއިރު ކޮލެސްޓެރޯލްގެ މިންވަރު ދަށުގައި ހުރުމަކީ ހާޓް އެޓޭކެއްގެ ނުރައްކާ ނެތުމެއް ނޫނެވެ. މި ކަމުގެ ހަގީގަތް ދެނެގަތުމަށް އިތުރު ދިރާސާތައް ހަދަންޖެހެއެވެ.
ހާޓް އެޓޭކަށް ސްކްރީންކުރާ މިންގަނޑު ވަނީ ފެއިލްވެފައި ހާޓް އެޓޭކަށް ސްކްރީންކުރާ މިންގަނޑު ވަނީ ފެއިލްވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ