ސިޔާސީ ހިޔާލުތައް އުޑާއި ބިމާ ހައި ތަފާތު ދެ ބޭފުޅުން ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި، ނިއުޔޯކް ސިޓީގެ މޭޔަރަކަށް އިންތިހާބުވެވަޑައިގެންފައިވާ ޒޯރާން މަމްދާނީ ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަށްފަހު، ޓްރަމްޕް ވަނީ މަމްދާނީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔަ ގާތްކަމާއި ހިތްހެޔޮކަމަކީ، ފާއިތުވި މަސްތަކުގައި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުކުރައްވާފައިވާ ހަރުކަށި ބަސްތަކާ މުޅިން ފުށުއަރާ ސިފައެކެވެ. ޓްރަމްޕް ވަނީ މަމްދާނީއަކީ ޔަހޫދީންނާ ދެކޮޅު ކޮމިއުނިސްޓެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާގެ އެމެރިކާގެ ރައްޔިތުކަން އަތުލައްވާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ. އަދި އޭގެ ހަމަ ހަފުތާތަކެއް ކުރިން މަމްދާނީ، އޭނާގެ އިންތިހާބީ ކާމިޔާބީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓްރަމްޕްއަކީ "އަނިޔާވެރި ވެރިއެއް" ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އެހެންނަމަވެސް، ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަށްފަހު އޯވަލް އޮފީހުގައި ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޓްރަމްޕް ވިދާޅުވީ މަމްދާނީއަކީ ވަރަށް އުއްމީދީ ލީޑަރެއް ކަމުގަ އެވެ. މަމްދާނީ ވިދާޅުވީ ޓްރަމްޕްއާމެދު ހީކުރެވިފައި ހުރި ވަރަށް ގިނަ ކުށްހީތައް ފިލައި ގޮސްފި ކަމަށެވެ.
ސިޔާސީ ގޮތުން މުޅިން އިދިކޮޅު މި ދެ ބޭފުޅުންގެ މި ގާތް ބައްދަލުވުމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، މި ބައްދަލުވުމުން ފާހަގަކޮށްލެވޭ ބައެއް މުހިންމު ކަންކަން ތިރީގައި މިވަނީ އެވެ.
ދެބަސްވުންތައް އެއްފަރާތްކޮށް އެއްގަލަކަށް އެރޭނޭ ކަންކަމަށް އިސްކަން ދިނުމަށް އެއްބަސްވުން
މިމަހުގެ ކުރީކޮޅު ނިއުޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ ފަދަ ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުން ބަލިކުރައްވައި، 34 އަހަރުގެ މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު، ޓްރަމްޕްއާ ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ދެ ބޭފުޅުންގެ ފަރާތުންވެސް ފެނިގެންދިޔައީ ގާތްކަމާއި ހިތްހޮޔެކަމެވެ.
ޓްރަމްޕްއާ ބައްދަލުކުރެއްވުމުގެ ކުރިން މަމްދާނީ ވިދާޅުވެފައިވަނީ، އެމެރިކާގެ އެންމެ ބޮޑު ސިޓީގެ ރައްޔިތުންނަށް ދިރިއުޅުމުގެ އަގުހެޔޮކޮށްދިނުމުގެ އޭނާގެ އެޖެންޑާ ކުރިއަށް ގެންދެވުމަށް "ކޮންމެ މީހަކާވެސް ބައްދަލުކުރައްވަން" ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދިރިއުޅުމުގެ އަގު ބޮޑުވުމުގެ މައްސަލައަށް އިސްކަންދެއްވައިގެން ކެމްޕޭން ކުރެއްވުމަކީ ޓްރަމްޕްއާއި އޭނާއާ ދެމެދުގައިވާ އެއްގޮތް ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ނިއުޔޯކުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުން ފައިދާ ހުރި ކޮންމެ ކަމެއްގައި، އަހަރެން ކޮންމެ މީހަކާވެސް ވާހަކަ ދައްކާނަން. އަދި އެކަމަށް އަބަދުވެސް ވަކާލާތު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ، އޭނާ ހީކުރެއްވި ވަރަށްވުރެ މާ ގިނަ ކަންކަމުގައި އޭނާއާއި މަމްދާނީ އެއްބަސްވެވަޑައިގަންނަވާ ކަމަށާއި، ނިއުޔޯކުގެ މޭޔަރުކަމުގައި މަމްދާނީއަށް ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އޭނާގެ ވަރަށް ގިނަ ހިޔާލުތަކަކީ އަހަރެންގެވެސް ހިޔާލުތައް،" ޓްރަމްޕް ވިދާޅުވި އެވެ. އަދި އޭނާއަށް ތާއީދުކުރާ ބައެއް މީހުން މަމްދާނީއަށްވެސް ވޯޓު ދިން ކަމަށް ޓްރަމްޕް ވިދާޅުވުމުން، "އެއީ 10 މީހުންގެ ތެރެއިން އެކަކު" ކަމަށް ވިދާޅުވެ މަމްދާނީ ޖަވާބު ދެއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ނިއުޔޯކަކީ އަމާންތަނަކަށް ހެދުމުގައި ގެންގުޅޭ ވިސްނުމާއި، ބޯހިޔާވަހިކަމުގެ މައްސަލައާއި، ތަކެތީގެ އަގު ތިރިކުރުމަށް ހައްލު ހޯދުމުގައި ވެސް ދެ ބޭފުޅުންގެ ހިޔާލު އެއްގޮތް ކަމަށެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ މި ހުރިހައި މައްސަލަތަކަށް ހައްލު ހޯދުމަށް ގުޅިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގަ އެވެ.
ތަޢުރީފާއި މަޖާ ވާހަކަ
ސިޔާސަތުތަކާ ގުޅޭ ރަސްމީ ކަންކަމުގެ އިތުރުންވެސް، މި ބައްދަލުވުމުގައި ގާތް ރަހުމަތްތެރިކަމާއި ދެ ބޭފުޅުންގެ ސަކަ މިޒާޖު ފެނިގެން ދިޔަ އެވެ. ޓްރަމްޕް ވަނީ ތަކުރާރުކޮށް މަމްދާނީއަށް ތައުރީފު ކުރައްވާފައެވެ.
"އަހަރެންނަށް ހީވަނީ، މި މޭޔަރަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވިދާނެހެން،" ތަކުރާރުކޮށް އެތައް ފަހަރަކު ޓްރަމްޕް އެހެން ވިދާޅުވި އެވެ.
"އޭނާގެ މަސައްކަތް ރަނގަޅުވި ވަރަކަށް، އަހަރެން އުފާވޭ. އޭނާއަށް ވަރަށް ރަނގަޅު މަސައްކަތެއް ކޮށްދެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަހަރެންނަށް އެބައޮތް."
ޓްރަމްޕް ވަނީ، މަމްދާނީގެ އިންތިހާބީ ކެމްޕޭނާއި، ޕޯލްތަކުން އެންމެ 1 އިންސައްތަ ލިބިފައި އޮއްވައި ފުރަތަމަ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީން، އަދި އޭގެފަހުން އިންތިހާބުންވެސް ކުއޯމޯ ބަލިކުރެއްވި ގޮތުގެ ވާހަކަ ދައްކަވާފަ އެވެ.
ނޫސްވެރިއަކު ޓްރަމްޕްއާ ސުވާލުކުރީ، މަމްދާނީގެ މޭޔަރުކަމުގެ ދަށުން ނިއުޔޯކް ސިޓީގައި ދިރިއުޅުއްވަން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނެތޯ އެވެ.
"ޔަގީން،" ޓްރަމްޕް ވަގުތުން ޖަވާބު ދެއްވި އެވެ. "ހާއްސަކޮށް މި ބައްދަލުވުމަށްފަހު. ހަމަގައިމުވެސް."
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓްރަމްޕް ވަނީ، އެ ބައްދަލުވުމަށްފަހު މަމްދާނީއާ މެދު އޭނާއަށް ވިސްނުނު ގޮތް ސިފަކޮށްދެއްވާފަ އެވެ.
"އަހަރެން ބައްދަލުކުރީ ވަރަށް ވެސް ހެޔޮ ވިސްނޭ ބޭފުޅަކާ. އަހަރެން ބައްދަލުކުރީ ނިއުޔޯކް އަލުން ބަދަހި ވެގެންދާ ތަން ދެކެން ވަރަށް ބޭނުންފުޅުވާ ބޭފުޅަކާ. އަހަރެންނަށް ހީވަނީ، އޭނާ ބޭނުންވަނީ ކުރިއަށްވުރެވެސް މާ ރަނގަޅު ތަނަކަށް އެތަން ހަދަންހެން."
ނޫސްވެރިއަކު މަމްދާނީއާ ސުވާލުކުރީ، އޭނާ ކުރިން ރައީސް ޓްރަމްޕްއަކީ 'އަނިޔާވެރި ޑިކްޓޭޓަރެއް' ގޮތުގައި ސިފަކުރެއްވި ވާހަކަ އަދިވެސް އެގޮތުގައި ދެމިއޮތްތޯ އެވެ. އެ ސުވާލަށް ޖަވާބު ދިނުމުގައި މަމްދާނީ ހުއްޓުންއެރުމުން ޓްރަމްޕް ވަނީ އެ ސުވާލުން ރެކުމަށް އޭނާއަށް ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.
"އެއީ އެއްވެސް މައްސަލައެއް ނޫން. އާނއެކޭ ބުނެލިޔަސް ރަނގަޅުވާނެ. އެކަން ސާފުކޮށްދިނުމަށްވުރެ އެގޮތް މާ ފަސޭހަވާނެ." ސަމާސަ ރާގެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕާ ބެހޭގޮތުން ވާހަކަ ދައްކަވާއިރު، މަމްދާނީ ގެންގުޅުއްވީ އިހުތިރާމުގެ ރާގެއް ނަމަވެސް، އޭނާއަށް ސީދާ ތައުރީފު ނުކުރައްވާން މަސައްކަތްކުރިކަމަށް ފެނުނެވެ. އެހެންކަމުން، ތައުރީފުގެ ބަސްތައް ގިނައިން އައީ އެއް ފަރާތަކުންނެވެ.
އިސްރާއީލުގެ މައްސަލަ
ޓްރަމްޕާއި މަމްދާނީއާ ދެމެދުގައި ކުރިމަތިލުންތަކެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން އުފެއްދި އެއް މައުލޫއަކީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދު ކުރުމުގެ ހަނގުރާމަ އެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މިހާރުގެ ސަރުކާރު ހިމެނޭގޮތަށް އެމެރިކާ ސަރުކާރު ބައިވެރިވާ ކަމަށް ވިދާޅުވެ މަމްދާނީ ކުރިން ދައްކަވާފައިވާ ވާހަކަތަކާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން، އެ ފާޑުކިޔުންތައް ތަކުރާރު ކުރެއްވުމަށް މަމްދާނީ ފަސްޖެހިވަޑައެއް ނުގަންނަވަ އެވެ.
"އަހަރެން ވާހަކަ ދައްކާފައިވާނެ އިސްރާއީލު ސަރުކާރުން [ޣައްޒާގައި] ނަސްލުހޭދު ކުރުމެއް ހިންގާ ވާހަކަ، އަދި އެކަމަށް އަޅުގަނޑުމެންގެ ސަރުކާރުން ފައިސާ ދޭ ވާހަކަވެސް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މަމްދާނީ ވަނީ ވަގުތުން އޭނާގެ މައިގަނޑު މެސެޖު ކަމަށްވާ، ނިއުޔޯކުގެ ދިރިއުޅުމުގެ އަގު ބޮޑުވުމުގެ މައްސަލައަށް ވާހަކަފުޅު އަނބުރާލައްވާފައެވެ.
"އަހަރެން ރައީސްއާ ހިއްސާކުރިން ނިއުޔޯކުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް. އެމީހުން ބޭނުންވަނީ އެމީހުންގެ ޓެކްސް ފައިސާ ނިއުޔޯކުގެ ރައްޔިތުންގެ ފައިދާއަށާއި، އަސާސީ ሰብތަކެތި ހޯދުމުގެ ގާބިލުކަން އެމީހުންނަށް ލިއްބައިދިނުމަށް ހަރަދުކުރަން،" އޭނާ ވިދާޅުވިއެވެ.
"އަދި އަހަރެން ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ގުޅޭ އަހުދުނާމާތަކަށް ތަބާވާންޖެހޭ. އަދި އަޅުގަނޑަށް އެނގޭ، މިއަދުވެސް އެ ހައްގުތަކާ ހިލާފުވަމުންދާކަން،" ޣައްޒާގެ ވާހަކަ ވިދާޅުނުވެ މަމްދާނީ އިތުރުކުރެއްވި އެވެ.
މަމްދާނީއަށް ނިއުޔޯކް ހިންގޭނީ އެމެރިކާގެ ސަރުކާރުގެ އެއްބާރުލުން ލިބިގެންނެވެ. މި ބައްދަލުވުމަކީ އެކަމަށް މަގުފަހި ކުރުމުގެ ފުރަތަމަ ފިވަޔަޅެވެ. ދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުން އޮމާންކޮށް ކުރިއަށް ދިޔަނަމަވެސް، މި ދެބޭފުޅުންނަކީ ގިނަ ކަންކަމުގައި ހިޔާލު ތަފާތު ދެބޭފުޅުންކަމުން ކުރިއަށް އޮތްތަނުގައި ކަންކަން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ޓްރަމްޕް އާއި މަމްދާނީގެ ބައްދަލުވުމުން ފާހަގަކޮށްލެވޭ މުހިންމު ކަންކަން ޓްރަމްޕް އާއި މަމްދާނީގެ ބައްދަލުވުމުން ފާހަގަކޮށްލެވޭ މުހިންމު ކަންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ