ސިކުނޑި ހަލާކުކޮށްލާ އެމީބާއާ ކެރެލާ ކުރިމަތިލަނީ ކިހިނެއް؟

ފެނުގެ ޒަރިއްޔާއިން ފެތުރޭ ސިކުނޑީގެ ޓިޝޫތައް ހަލާކުކޮށްލާ ބައްޔެއް އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފެތުރެމުންދާތީ މި ހަފްތާ ތެރޭ ކަމާބެހޭ ފަރާތްތަކުން ވަނީ ސަމާލުވާން އެދިފައެވެ. އެ ބަލި ޖެހިގެން ކެރެލާއިން މިއަހަރު 70 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު 19 މީހަކު ވަނީ މަރުވެފައެވެ. ކެރެލާއިން ބަލި ޖެހުނު މީހުންގެ 24 ޕަސެންޓް މީހުން ދިރިތިބިއިރު، ދުނިޔޭގެ ނިސްބަތުން އެ ބަލި ޖެހޭ މީހުންގެ ދިރިހުރުމުގެ ނިސްބަތަކީ ތިން ޕަސަންޓެވެ. ނަމަވެސް ޕްރައިމަރީ އެމީބިކް މެނިންޖޯއެންސެފަލައިޓިސް (ޕީއޭއެމް) ގެ ކޭސްތަކުގައި ކެރެލާއިން ދިރިހުންނަ މީހުންގެ ނިސްބަތް އެހާ މަތީ އެ ބައްޔާ ކިހިނެއް ކުރިމަތިލާތީތޯ ސުވާލު އުފެދެއެވެ. އޯޗީ އިންޑިއާގެ ޓްރިވެންޑްރަމްއަށް އިރުމުގެ ސަބަބުން ފެންބޮދުވެފައި-- ކެރެލާގައި ޕީއޭއެމް ކޭސްތައް މަދުން ނޫނީ ނުފެންނަ މި ބަލި ޖެހެނީ ނޭގްލެރިއާ ފައުލެރީ ކިޔާ ކުޑަ ދިރޭ އެއްޗަކުންނެވެ. އެ ވައްތަރުގެ ދިރޭ އެއްޗެހި ފެންނަނީ ތަޣައްޔަރުވެފައިވާ ސްވިމިން ޕޫލްތަކާއި، ކުޑަކުދިން ކުޅެން އުޅޭ ޕާކުތަކުގައި ހުންނަ ފެން އަރުވާ ވަޑާންފަދަ ލޮނު ނޫން ފެން ބޭނުންކުރާ ތަންތަނުން ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެއެވެ. އާންމުކޮށް ފެންގަނޑެއްގައި ފަތާއިރު، އެ ވައިރަސް ނޭފަތުން ވަދެ، ސިކުނޑީގެ ޓިޝޫތައް ހަލުވިކަމާއެކު ހަލާކުކޮށްލައެވެ. ކެރެލާގެ މި ބަލިޖެހިފައިވާ މީހުންގެ ތެރޭގައި ތިން މަހުގެ ކުއްޖެއްގެ އިތުރުން 92 އަހަރުގެ މީހެއްވެސް ހިމެނެއެވެ. އެ ސްޓޭޓުން އެންމެ ފުރަތަމަ އެ ބަލީގެ ކޭސްއެއް ރިޕޯޓްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް އާދަޔާޚިލާފަށް މިއަހަރު ކެރެލާގައި މުޅި ސްޓޭޓްގައި ދޭތެރެ ދޭތެރެއިން ކޭސްތައް ފެންނަމުންދާ ކަމަށް ސިއްޙަތާބެހޭ ވަޒީރު ވީނާ ޖޯޖް ވިދާޅުވިއެވެ. ޕީއޭއެމް އަކީ ކިހާ ނުރައްކާތެރި ބައްޔެއް؟ ވަރަށް މަދުން ފެންނަ މި ބައްޔަކީ ފުރާނާއަށް ނުރައްކާ ބައްޔެކެވެ. އާ ދިރާސާއަކުން ދައްކާ ގޮތުގައި 1962 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔެއިން ޕީއޭއެމްގެ 488 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން ކޭސްތައް ގިނައީ އެމެރިކާ، ޕާކިސްތާން އަދި އޮސްޓްރޭލިއާގައެވެ. އަދި، ބަލި ޖެހުނު މީހުންގެ ތެރެއިން 95 ޕަސަންޓު މީހުން ވަނީ މަރުވެފައެވެ. މި ބަލި ޖެހޭ މީހުން އަލާމާތްތައް ފެންނަތާ ގާތްގަޑަކަށް ފަސް ދުވަސް ތެރޭގައި އާންމުގޮތެއްގައި މަރުވެއެވެ. ކެރެލާއިން ބައްޔާ ކުރިމަތިލަނީ ކިހިނެއް؟ ދާދި ފަހަކާ ޖެހެންދެންވެސް ކެރެލާގައި މި ބަލި ޖެހުނު އެންމެންވެސް މަރުވަނީއެވެ. ނަމަވެސް ބަލި ޖެހިގެން މަރުވާ ނިސްބަތް މިހާރު އަންނަނީ ދަށް ވަމުންނެވެ. މިދިޔަ އަހަރު ބަލި ޖެހިގެން 39 ކޭސް ރިޕޯޓުކޮށްފައިވާއިރު 23 ޕަސަންޓު މީހުން ދިރިތިއްބެވެ. މިއަހަރު 70 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، ދިރިހިހުރި މީހުންގެ ނިސްބަތް ހުރީ 24.5 ޕަސަންޓްގައެވެ. ކެރެލާއިން އަންނަނީ މި ބައްޔާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިއުސް18 އަށް ވާހަކަ ދައްކަވަމުން ކެރެލާގެ ޑިރެކްޓަރޭޓް އޮފް ހެލްތު ސާވިސަސް (ޑީއެޗްއެސް) ގެ އެސިސްޓެންޓް ޑިރެކްޓަރު (ޕަބްލިކް ހެލްތު) ޑރ ހަރިކުމާރު އެސް ވިދާޅުވީ ބަލި އަވަހަށް ދެނެގަތުމަށް ސަވައިލަންސް ނިޒާމެއް ބޭނުންކުރާ ކަމަށެވެ. "ކެރެލާގައި ހުންނަ ސަވައިލެންސް މެކޭނިޒަމްގެ ސަބަބުން އަޅުގަނޑުމެންނަށް ކޭސްތައް އަވަހަށް ފާހަގަކުރެވޭ." އޭނާ ވިދާޅުވިއެވެ. ޕީއޭއެމް އިންފެކްޝަންތައް އިތުރުވި ނަމަވެސް، ކެރެލާގެ ދިރިހުރުމުގެ ނިސްބަތް ދުނިޔޭގެ ފެންވަރުގައި އޮތީ ވަރަށް ކުރީގައެވެ. "ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް މަރުވާ ނިސްބަތް ދަށް. ބަލި ޖެހުމުގެ ކުރިން ޓެސްޓް ހެދުން ބަލި ޖެހިފައި ހުއްޓަސް އަވަހަށް ދެނެގަނެވޭ. އެއީ ކެރެލާގައި ދިރިހުރި މީހުންގެ ނިސްބަތް މަތިވާ ސަބަބު." ތިރުވަންތަޕޫރަމްގެ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީޒްތަކުގެ ވެރިޔާ އަރަވިންދު ރެގުކުމާރު ބީބީސީއަށް ވިދާޅުވިއެވެ. އެންޓިމައިކްރޮބިއަލްސް އާއި ސްޓިރޯއިޑްސް އެކުލެވޭ ޑްރަގް ކޮކްޓެއިލް އެއް ވެސް މަރުވާ މީހުންގެ ނިސްބަތް ދަށް ކުރުމަށް އެހީތެރިވެދެ އެވެ. ނަމަވެސް މި ބައްޔަށް ޚާއްސަ ފަރުވާއެއް އަދި ނެތެވެ. މިވަގުތު ޑޮކްޓަރުން އެކަމާ ކުރިމަތިލަނީ އެމްފޯޓެރިސިން ބީ، ރިފަމްޕިން، މިލްޓެފޮސިން، އެޒިތްރޮމައިސިން، ފްލޫކޮނަޒޯލް އަދި ޑެކްސަމެތަސޯން ފަދަ ބޭސްތައް އެއްކޮށްގެންނެވެ. ބައްޔަށް ފަރުވާ ދިނުމަށް ކެރެލާއިން މިލްޓެފޯސިން ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެންޓިމައިކްރޮބިއަލް އެއް ކަމަށްވާ މި ބޭސް ފުރަތަމަ ބޭނުންކުރީ ޓްރޮޕިކަލް ޕެރަސައިޓެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ލޭޝްމަނިއޭސިސްއަށް ފަރުވާ ދިނުމަށެވެ. ނަމަވެސް އެ ބޭހުގެ ސަބަބުން ކިޑްނީ އާއި ފުރަމޭއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފަސްޓް ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ. ނޭޝަނަލް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (އެންސީޑީސީ) އާއި ކެރެލާގެ ހެލްތު ޑިޕާޓްމަންޓުން ދަނީ ތިމާވެށީގެ ސާމްޕަލް ނެގުމާއި ފެން ޓެސްޓް ކުރުން ހިމެނޭ ގޮތަށް އެޕިޑެމިއޮލޮޖިކަލް ތަހުގީގުތައް ކުރަމުންނެވެ. އަދި އާންމު ސިއްޙަތުގެ ފިޔަވަޅުތައް ކަމަށްވާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި ސާފު ފެން ކްލޮރިން ކުރުން ފަދަ ފިޔަވަޅުތައް ވެސް ކެރެލާއިން ދަނީ އަޅަމުންނެވެ. ގާތްގަނޑަކަށް 5.5 މިލިއަން ވަޅާއި 55،000 ފެންގަނޑު އޮންނަ ކެރެލާއަކީ މަދުން ނޫނީ ނުފެންނަ މި ބަލީގެ ނުރައްކާ ބޮޑު ސަރަހައްދެކެވެ. އޮގަސްޓް މަސް ނިމުނުއިރު އެ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވަނީ 2.7 މިލިއަން ފެން ވަޅު ކްލޮރިނޭޓްކޮށްފައެވެ. ބަލި ޖެހުމުން އާންމުކޮށް އަލާމާތްތައް ފެންނަނީ އެއް ދުވަހާއި 12 ދުވަހުގެ ތެރޭގައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ހޮނޑުލެވުމާއި ކަނދުރާ ހަރުވުން އަދި ވާނުވާ ނޭނގޭގޮތްވުން ހިމެނެއެވެ. ބަލި ޖެހިގެން ސީރިއަސްވެއްޖެނަމަ، ކުއްލިއަކަށް މިހާ ހުއްޓި ކޯމާއަށް ދާންޖެހޭ ހަލާތްތައް ވެސް މެދުވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ