މިއަދަކީ ރާއްޖޭގެ ޑިމޮކްރެސީ އަށް ހިތާމަވެރި ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހުން މިރޭ ވަނީ ފާސްކޮށްފަ އެވެ. ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ބިލު ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކު އެވެ.
މި ބިލު ފާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ޕާޓީއަށް މަޖިލީހުގައި ލިބިފައިވާ ސުޕާ މެޖޯރިޓީގެ ބޭނުންކޮށްގެން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް އައުމުގެ ނިޝާނެއް ކަމަށެވެ.
އަދި ނޫސްވެރިންނާއި، އިދިކޮޅު ޕާޓީތަކާއި، މީޑިއާ ޖަމްޢިއްޔާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އަދި އާންމު ރައްޔިތުން އިހުތިޖާޖު ކުރަމުން ދިޔަ ނަމަވެސް، މި ބިލު މަޖިލީހުން ފާސްކުރި ގޮތުން، ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތަކަށް ސަރުކާރުން ބެހެއްޓި އިޙްތިރާމް ކުޑަކަން ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލުގައި ކަންބޮޑުވުންތަކެއް ހުރި ކަމާއި ބިލު ދިރާސާކުރަން އިތުރަށް ވަގުތު ދިނުމަށް ކަމާގުޅޭ ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ.
އަދި މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
މި ބިލު ފާސްކޮށްފައިވަނީ ބައެއް އިސްލާހުތަކާއެކު އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ވެސް ހިމެނެ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
މިއީ ރާއްޖޭގެ ޑިމޮކްރެސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ