އެތައް ވޭނާއި ބުރަ މަސައްކަތުން ހޯދި މިނިވަންކަން ބިލުން ހަނިކުރެވޭ، މިއީ ހިތާމަވެރި ދުވަހެއް: ނަޝީދު
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ފާސްކުރި މީޑިއާ ބިލުން، ރާއްޖެއަށް ވަރަށް ބުރަ މަސައްކަތުން ގެނައި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ކަމަށާއި ބިލާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލު 60 މެންބަރުންގެ ވޯޓުން ފާސްކުރީ، އެ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށެވެ. އަދި ބިލާ ދެކޮޅަށް ތަޅުމުގައި އިހުތިޖާޖު ކުރި އެމްޑީޕީގެ މެންބަރުންގެ ނަން އިއްވައި، ބޭރު ކުރުމަށްފަހުގައެވެ. މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެނެސްދީފައިވަނީ އެ މަސައްކަތް ކުރި މީހުން އެތައް ވޭނާއި، އެކަނިވެރިކަމާ ކުރިމަތިލައި، ކުރި ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް މީޑިއާ ބިލުން އެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/1968036193821659507 މީގެ ކުރިން ނަޝީދު ވަނީ ސަރުކާރުން ޚިޔާލު ފާޅުކުރުން ހަނިކުރުމުން މުޅި ގައުމުގެ މިނިވަންކަމާއި ކުރިއެރުމަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބިލް ފާސްކުރި ނަމަވެސް، ބިލު ތަސްދީގު ނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި އާދޭހާއެކު އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި ނަމަވެސް ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު ކަމަށް، އެ ބިލާ ގުޅުވައި ނަޝީދު ވިދާޅުވެފައިވެއެވެ. https://sun.mv/210683 ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ނަޝީދުގެ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަލުގައި އެތައް ދުވަހެއް ހޭދަ ކުރައްވަން ޖެހި، ބޮޑެތި އަނިޔާތަކާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. މި ސަރުކާރު އިންތިޚާބުވި ފަހުން ނަޝީދު ވަނީ ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގެންކަން އިއުލާންކުރައްވައިފައެވެ. ނަމަވެސް، ސަރުކާރުގެ ފުރަތަމަކޮޅު މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދުކުރައްވައި ވާހަކަދައްކަވައިފައިވެއެވެ. އެއަށް ފަހު މިދިޔަ ޖޫން މަހު ނަޝީދު ވަނީ އަނެއްކާ ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު ހިމެނޭ ގޮތަށް އަންނަނީ މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ސަރުކާރުގެ މެންބަރުން އަންނަނީ، މީޑިއާ ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް، ބިލުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ