ޝިލްޕާގެ ވިޔަފާރިއަށް ސައުތު އިންޑިއަން ރެސްޓޯރަންޓެއް އިތުރުކޮށްފި

އިންޑިއާގެ ބަތަލާ ޝިލްޕާ ޝެޓީ ހިންގާ މަޝްހޫރު ރެސްޓޯރަންޓް 'ބަސްޓިއަން' ބަންދުކުރަން ނިންމާފައިވާކަން އިއުލާނުކުރި ނަމަވެސް އެ ރެސްޓޯރަންޓް އެއްކޮށް ބަންދު ނުކުރާނެކަން ބަތަލާ އިއުލާނުކޮށްފިއެވެ. މުމްބާއީގެ ބަންޑްރާގައި ހުންނަ 'ބަސްޓިއަން' ރެސްޓޯރަންޓް ބަންދުކުރާކަން ސޯޝަލް މީޑިއާގައި އިއުލާނުކުރަމުން ބަތަލާ ބުނީ އެއީ ވަރަށް ގިނަ ހަނދާންތަކެއް ގުޅިފައިވާ ތަނެއް ކަމަށާއި ރެސްޓޯރަންޓު ބަންދުކުރާތީ އެކަމަށްޓަކައި ހާއްސަ ހަފްލާއެއް މިރޭ 'ބަސްޓިއަން'ގައި އޮންނާނެ ކަމަށެވެ. ދިހަ އަހަރަށްފަހު 'ބަސްޓިއަން' ރެސްޓޯރަންޓު ބަންދުކުރަނީ މުޅިން އާ ތަޖުރިބާތަކެއް ކުރުމަށް ކަމަށާއި އެ ރެސްޓޯރަންޓް ދެން ބަދަލުވާނީ ސައުތު އިންޑިއަން ރެސްޓޯރަންޓަކަށް ކަމަށް ޝިލްޕާ ފަހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ވަނީ ބުނެފައެވެ. ޝިލްޕާ ޝެޓީ ފިރިމީހާ ރާޖް ކުންދްރާއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ 'ބަސްޓިން' ރެސްޓޯރަންޓް މިހާރު ހިންގާ ތަން ރީބްރޭންޑް ކޮށްލަނީ 'އައްމާކީ' ނަމަކަށްކިޔާ ސައުތު އިންޑިއަން ރެސްޓޯރަންޓަކަށް ކަމަށާއި 'ބަސްޓިއަން' ރެސްޓޯރަންޓްގެ ޚިދުމަތް މުމްބާއީގެ ޖުހޫއަށް ބަދަލުކޮށްލަން ނިންމާފައިވާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. ޝިލްޕާ އަކީ ސައުތު އިންޑިއާއަށް ނިސްބަތްވާ ބަތަލާއެއް ކަމުން ސައުތު އިންޑިއާގެ ކެއުންތައް މުމްބާއީގެ ގިނަ ބަޔަކަށް ލިބޭނެ މަގުފަހިކޮށްދިނުމަށް ފެށި ދަތުރަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށް ޝިލްޕާ ވަނީ ސިފަކޮށްފައެވެ. ޝިލްޕާގެ 'ބަސްޓިއަން' ރެސްޓޯރަންޓް ބަންދުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކަން އިއުލާނުކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ ބަތަލާއަށް ގުޅާފައި ކަމަށާއި އެއިން ދޭހަކޮށްދިނީ އެ ރެސްޓޯރަންޓަށް ގިނަ ބައެއްގެ ހިތުގައި އޮތް ލޯބި ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. ޖުހޫގައި ހިންގާ ރެސްޓޯރަންޓްގެ އާ ނަމަކީ 'ބަސްޓިއަން ބީޗް ކްލަބް' ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ގިނަ ފިލްމުތަކުން ފެނިފައިވާ ބޮލީވުޑް ބަތަލާ އާ ރެސްޓޯރަންޓެއް ހުޅުވަން ނިންމިކަން އިއުލާނުކޮށްފައިވާއިރު ޝިލްޕާ އާއި ފިރިމީހާ ރާޖް ކުންދުރާގެ މައްޗަށް ދާދިފަހުން ވަނީ ފައިސާ އާއި ގުޅުންހުރި 60 ކްރޯޑު ރުޕީސްގެ މަކަރާއި ހީލަތުގެ ތުހުމަތުތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ