ޕޭޕަލް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ. އަދި މިހިދުމަތް ދިނުމަށްޓަކައި އެ ދެ ކުންފުނީގެ ޕާޓްނަރޝިޕްގެ ތަފްސީލް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އުރީދޫން މައުލޫމާތުދެ އެވެ.
އުރީދޫ އިން ބުނީ، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ. 2026 ވަނަ އަހަރު ތައާރަފް ކުރަން ހަމަޖެހިފައިވާ ޕޭޕަލް ޚިދުމަތާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލް ގެ ހިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރިކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ކްރޮސް ބޯޑަރ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އުރީދޫ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޙާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
"އުރީދޫ ފިންޓެކް އަދި ޕޭޕާލްގެ ޕާޓްނަރޝިޕާއެކު ޕޭޕާލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާއި ލިންކް ވެގެން ދިޔުމަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭނޭ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމެއް." ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ޕޭޕާލް ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އުއްމީދަކީ އަންނަ އަހަރު މި ހިދުމަތް ފެށިގެން ދިޔުމާއެކު ދުނިޔޭގެ އެކި ހިސާބުގައި ވިޔަފާރި ކުރެވި ދިވެހިންނަށް އާ ފަހި ފުރުސަތުތަކެއް ރާއްޖޭގައި ތިބެގެން ލިބުންކަމުގަ އެވެ.
އަދި މި އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިސޯދު އިތުރަށް ވަރުގަދަވެ ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންނަށް ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެކަމުގައި ސައީދު ވިދާޅުވި އެވެ.
އުރީދޫން ރާއްޖެއަށް އަންނަ އަހަރު ޕޭޕަލް ހިދުމަތް ތައާރަފުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ