އިމްރާން، ރައީސް މުއިއްޒަށް: ގާނޫނީ އިމުން ބޭރުވާނަމަ ގެކޮޅަށް ވަޑައިގަންނަވާ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިއަކު ހުރަސްކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސްކުރައްވާފައި ކަމަށާއި ގާނޫނީ އިމުގެ ތެރެއަށް އެނބުރި ވަޑައިނުގެންފި ނަމަ އެ މަނިކުފާނު ޖެހިވަޑައިގަންނަވާނީ ގެކޮޅަށް ވަޑައިގަންނަވަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު ވައްދަން ކަމަށް ބުނެ، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަށް ގުޅިގެން މަސައްކަތްކުރަން ގޮވާލާފައެވެ. އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ، މި ސަރުކާރުން ދައުލަތް ހިންގުމުގެ މުޅި ނިޒާމު ޚަރާބުކޮށް އޮޅުން ބޮޅުން ކޮށްލައިފި ކަމަށެވެ. އެކަން ފެށުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަޅުއެޅުވޭ ގޮތަށް ފާސްކުރި ގާނޫނާ ހަމައިން ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށް ފަހު، ޝަރުއީ ނިޒާމާއި މިނިވަން މީޑިއާ ވެސް ތަޅުއަޅުވައިފި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އިމްރާން ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ވެރިކަން ނުކުރައްވާނަމަ ރައީސަށް ޖެހިވަޑައިގަންނަވާނީ ގެކޮޅަށް ވަޑައިގަންނަވަން ކަމަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު އެހެންވެ، މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި، އަދި އަދާލަތުގައި ރައީސް މުއިއްޒާ އެކު މަސައްކަތް ވެސް ކުރައްވާފައިވާ އިމްރާން ވަނީ ރައީސް މުއިއްޒަށް ދެ އިލްތިމާސެއް ކުރައްވާފައެވެ. ފުރަތަމަ ކަމަކަށް އިމްރާން އެދިވަޑައިގަތީ ދައުރު ދަންމާލުމުގެ ވިސްނުން ދޫކޮށްލެއްވުމަށެވެ. އެކަމަކު، އެއީ ސަރުކާރުން ދޮގުކުރަމުން އަންނަ ކަމެކެވެ. އެގޮތުން، ދައުރު ދަންމާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ސަރުކާރުން އެތައް ފަހަރަކު ބުނެފައިވެއެވެ. ދެވަނަ ކަމަކަށް އިމްރާން އެދިވަޑައިގަތީ ރަސްމާލެ ހިއްކުމުގެ ފިކުރާއި ޚިޔާލު ދޫކޮށްލެއްވުމަށެވެ. "ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ރައީސް މުއިއްޒަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާނަމަ، ނުވަތަ ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާނަމަ، މިއަދުން ފެށިގެން ގެއަށް ވަޑައިގަންނަވާ،" އޭނާ ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރަން ކަމަށެވެ. އެހެންވެ، އެ ނޫން މަގަކަށް ހިންގެވުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަމިއްލަ ރަސްކަމަކަށް ދިވެހި ގައުމު ހައްދަވަން ބޭނުންފުޅު ވާނަމަ، އެ ޖާގައެއް ރައްޔިތުން ނުދޭނެ. އަޅުގަނޑުމެން އެ ޖާގަ ދޭކަށް ނެތިން،" އޭނާ ވިދާޅުވިއެވެ. "...ވެރިއަކު ހުރަސްކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސްކުރައްވާފައި. އެހެންވީމާ، ރައީސް މުއިއްޒު މި ރޮނގުތަކުގެ ތެރެއަށް ވެއްދުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ސިޔާސީ ލީޑަރުންނާއި ހުރިހާ ރައްޔިތުން ގުޅިގެން ނުކުމެ، މަސައްކަތް ފަށަމާ ހިންގަވާ،" ރައީސް މުއިއްޒު: އެ މަނިކުފާނު ކުރިން އަދާލަތު ޕާޓީގައި މަސައްކަތްކުރެއްވި -- ސަން ފޮޓޯ/ މޫސާ ނަދީމް އިމްރާން ވިދާޅުވީ، ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނަމަ ކަމަށެވެ. އެ ނޫން ވިސްނުންފުޅެއް ގެންގުޅުއްވާނަމަ އެ މަނިކުފާނު ޖެހިވަޑައިގަންނަވާނީ ގެކޮޅަށް ވަޑައިގަންނަވަން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ޕާޓީތަކަށް ދައުވަތު ދީފައެވެ. އެގޮތުން، ބައެއް ޕާޓީތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި މަދަނީ ޖަމިއްޔާތަކާ އެކު ވެސް މަޝްވަރާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ، ނޮވެންބަރު 17 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ