ޝަމްއާން މައްސަލައިގެ ވީޑީއޯ ފުލުހުންނަށް ދޭން އެދުނީ، ޒިންމާ އަދާކުރުމަށް: އިހުސާން
ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ މައްސަލައިގައި ފުލުހުންނަށް ވީޑިއޯ ފުޓޭޖު ދޭން އެދުނީ، ޒިންމާގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗް މަހުގެ 21ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގައި ޝަމްއާންގެ އާއިލާއިން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް ވެސް އާއިލާއިން ތުހުމަތުކުރިއެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާއިން ނުބުނެއެވެ. ޝަމްއާނުގެ މައްސަލައިގައި މިއަދު ކޯޓުގައި ހެކިވެރިޔަކު ވަނީ، އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރުމަށް އިހުސާން އެންގެވި ކަމަށް ބުނެފައެވެ. އެ ހެކި ދިނީ، އެ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަން އޮފިސަރެވެ. އެކަމާ ގުޅޭ ޚަބަރެއް ހިއްސާކުރައްވައި، މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފުލުހުންގެ ޚިދުމަތާއި އިމިގްރޭޝަނާ ހަވާލުވެ ހުންނެވި ވަޒީރެއްގެ ހައިސިއްޔަތުން، ކަންކަން ލަސްވުމުން އެ ކަމެއް އަވަސް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. އެ އިދާރާތަކުގެ ވަޒީރަކަށް ހުންނެވިހާ ދުވަހު، ވަކި ކަމެއް އިސްތިސްނާ ނުކޮށް، އެ ކަން އެ ގޮތަށް ކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. މިއަދު ކޯޓުގައި ދިން ހެކިބަހާއި ދިފާއީ ވަކީލުގެ ވާހަކައަށް އިޝާރަތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ފުލުހުންނަށް ވީޑިއޯ ފުޓޭޖު ލިބުން ލަސްވުމުން އެކަން ކޮށްދިނުމަށް އެންގުމަކީ ގޯހެއް ކަމަށް ދޭހަވާ ގޮތަށް ވަކީލުގެ ވާހަކަތައް ހުރި ކަމަށެވެ. "ސުވާލަކީ ޕޮލިހުން އެކަން ނުވެގެން އެހީތެރިކަމަށް އެދުމުން އެކަން ނުކޮށްދިންނަމަ، ވަކީލު ބުނާނީ ކީކޭތޯ. ގޯސް ކަމެއް ހިނގީމަ އެކަން ގޯސްނުވެ، އެކަން ހިނގި ތަން ފެންނަ ކެމެރާއާއި އެ ފުޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަދެއްކުމަކީ ކަންބޮޑުވާކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ. އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝައްމާން: --- ޝަމްއާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާއެކު މިދިޔަ ރޯދަ މަހުން ފެށިގެން އޭނާ ހުރީ ހައްޔަރުކޮށްފައެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިދިޔަ ޖޫން މަހު ފެށުނުއިރު، ކަފާލާތުގެ ދަށުން ދޫކޮށްލުން އެދި ބަންދު މުރާޖައާ ކޮށްދިނުމަށް އޭނާ އޮތީ އެދިފައެވެ. އެހެންނަމަވެސް އޭނާގެ ބަންދަށް މިހާތަނަށް ކޯޓުން ލުޔެއް ދީފައެއް ނުވެއެވެ. އޭނާގެ ބަންދު މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔައެވެ. ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަމްއާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯޑްރިންގެ ކުށުގެ ދައުވާ ޝަމްއާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ