ދިވެހި ކުޑަކުދިންނަށް މިހާރު އެންމެ ބޭނުންވެފައި ވަނީ އެ ކުދިން ޝައުގުވެރިވާނެ ފަދަ، އެހެނަސް އަމިއްލަ ވަންތަކަން ހުރި ދިވެހި ވާހަކަތަކެކެވެ. މި މަގުސަދު ހާސިލްކުރުމަށްޓަކައި ތަޖުރިބާކާރު ލިޔުންތެރިޔާ އަދި ނޫސްވެރިޔާ މޫސާ ލަތީފު މުޅިން އާ ޝަހުސިއްޔަތެއް ތައާރަފުކޮށް ކުޑަކުދިންނަށް އަގުހުރި "ހަދިޔާ"އެއް މިއަދު ގެނެސްދީފި އެވެ.
ނޫސްވެރިކަމުގެ ދާއިރާއިން "އަލިމަސް ގަލަން" އަދި އެ ދާއިރާއިން އާއްމު ހިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިފައިވާ މޫސަ އުފެއްދި ހިޔާލީ ޝަހުސިއްޔަތު "ދޮންކޮ" ސިލްސިލާގެ ފުރަތަމަ ފަސް ވާހަކަ ފޮތް ނެރުނީ މިއަދު ހަވީރު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވި ހަފުލާއެއްގައި، "ހަވީރު" ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
ދޮންކޮ ސިލްސިލާގެ ފަސް ވާހަކަ ފޮތް -- ފޮޓޯ: ދައުރު
މި ވާހަކަތައް ލިޔުއްވީ މީގެ 11 އަހަރު ކުރިން، ނޫސްވެރިކަމުގައި މޫސަ ހޭދަކުރެއްވި އެންމެ ހަލަބޮލި ދެ އަހަރު ކަމުގައިވާ 2012 އާއި 2013 ވަނަ އަހަރަށް ފަހު، ނެގި ތިން މަސް ދުވަހުގެ ޗުއްޓީތެރޭގަ އެވެ.
"އެހުރި ހުރުމުގައި ލިޔުނު ވާހަކަތަކެއް މިއީ،" ނޫސްވެރިއެއްގެ އިތުރުން ރާއްޖޭގައި އުފެދުނު އާދަޔާހިލާފު މޮޅު ލިޔުންތެރިންގެ ތެރޭގައި ވެސް ހިމެނޭ މޫސަ ވިދާޅުވި އެވެ.
ކުޑަކުދިންގެ ވާހަކަ ފޮތް ބަރިއެއް ތައްޔާރު ކުރުމަށް މޫސަގެ އޮތީ މައިގަނޑު އެއް ސަބަބަބެވެ. އެއީ ދިވެހި ބަސް ކުރިއެރުވުމެވެ.
"މި ވާހަކަތައް ލިޔުމުގެ ބޭނުމަކީ ނެތެމުންދާ ދިވެހި ބަހަށް ކުޑަކުދިން ޝައުގުވެރި ކުރެވޭނެ ގޮތްތަކެއް ހޯދުން،" އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ ވާހަކަތައް އަމާޒުކޮށްފައި ވަނީ ގްރޭޑު 2 އަދި 3 ގައި އުޅޭ އުމުރުފުރައަށެވެ. މި ސިލްސިލާގެ އާ ވާހަކަތައް އަންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
ދޮންކޮގެ ޝަހުސިއްޔަތު އުފައްދާފައިވާ ގޮތަށް، ފޮތް ނެރުމުގެ ހަފުލާގައި މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު އާމިރު (ފަރެސް އާމިރު) ތައުރީފު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ދޮންކޮގެ ޝަހުސިއްޔަތު އުފެއްދި ގޮތާއި އެ ޝަހުސިއްޔަތަށް ބާރު ލިބިގަތުމަށް ސަބަބުތައް ގެނެސްފައިވާ ގޮތް، ވަރަށް ދިވެހި ވަންތަވެފައި، ހަމަ އެޅޭ ކަމަށެވެ. އަދި ވާހަކަތައް ގެނެސްފައި ވަނީ ކުދިން ގަޔާވާ ގޮތްތަކެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދޮންކޮ ވާހަކަ ސިލްސިލާގެ ފޮތެއް ވިއްކަނީ 65ރ. އަށެވެ. ފަސް ފޮތް އެއްކޮށް ގަންނަ ނަމަ 315ރ. އަށެވެ. އޯޑަރު ކުރަން ގުޅާނީ 7335353 އަށެވެ.
ކުޑަކުދިންނަށް ހާއްސަ ހަދިޔާއެއް؛ މޫސާ ލަތީފުގެ 'ދޮންކޮ' ނެރެފި ކުޑަކުދިންނަށް ހާއްސަ ހަދިޔާއެއް؛ މޫސާ ލަތީފުގެ 'ދޮންކޮ' ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ