ވަޅިން ބިރުދައްކައި، ބަރަހަނާކޮށް، ފޮޓޯ ނަގައި، ބްލެކްމެއިލް ކުރި މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި ވަޅިން ބިރުދައްކައި، ބަރަހަނާކޮށް، ފޮޓޯ ނަގައި، ބްލެކްމެއިލް ކުރި މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި

އޮރިޔާން ފޮޓޯ ހުރި ކަމަށް ބުނެ ހުޅުމާލެއަށް މީހަކު ގެންގޮސް، އެ މީހާއަށް ވަޅިން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި ދެ މީހުން ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މުހައްމަދު ޒަމީރު، 29، ސީރީންމަންޒިލް، ހއ. ފިއްލަދޫ އާއި އަލީ ހައިސަލް، 37، އަރާއިރު، ލ. ގަން ކަމަށެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހައިސަލް ހަތަރު ދުވަހަށް އަދި ޒަމީރު 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ހައްޔަރު ކުރީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް މީހަކާ ވާހަކަދައްކައި، އެ މީހާގެ އޮރިޔާން ފޮޓޯ ހުރި ކަމަށް ބުނެ ހުޅުމާލެ ފޭސް އެކަކަށް ގެންގޮސް ވަޅިން ބިރު ދައްކައި އެ މީހާގެ އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ އެކައުންޓުގައި ހުރި ފައިސާ ނެގުމަށްފަހު އެ މީހާ އޮރިޔާންކޮށް ވީޑިއޯ ކުރުމަށްފަހު އިތުރު ފައިސާ ހޯދުމަށް ވެސް ހައްޔަރުކުރި ދެ މީހުން ޑީމާންޑު ކުރަމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އޯގަސްޓު 31، ގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައިސަލް އާއި ޒަމީރު ހުޅުމާލޭގައި ދިރިއުޅެމުންދިޔަ އެޕާޓުމެންޓު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބަލައި ފާސްކުރިއިރު، އެހެން މީހުންގެ އަތުން ފޭރިފައިވާ ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ތިން މޯބައިލްފޯނާއި ތިން އަތުކުރީގަޑި އާއި ޑްރޯންއަކާއި ދެ ދޮށްޓާއި ދެ އަވިއައިނުގެ އިތުރުން ރިހި ފަށަކާއި ރިހި އަނގޮއްޓިއެއް އެ ގެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުުހުން ބުނީ ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހައިސަލް އާއި ޒަމީރު ދިރިއުޅެމުންދިޔަ އެޕާޓުމެންޓަށް މީހުން ގެންގޮސް ބިރުދައްކައި ފައިސާ ފޭރުނު އިތުރު ދެ މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން އިތުރު މީހުންގެ އަތުން ފޭރިފައި ހުރެދާނެ ކަމަށް ބެލެވޭތީ އެފަދަ މައްސަލައެއް އޮތް ނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ