އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮކްޓޯބަރު 3، ގައި "ލޫޓުވާލައިފި" ނަމުގައި ބާއްވާ މުޒާހަރާ އިސްތިހާރު ކުރަން ދެމި ބެނާތައް މާލެ ސިޓީ ކައުންސިލުން މިއަދު ކަނޑަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ދަނީ އެމްޑީޕީން ދެމި ބެނާތައް ކަނޑަމުންނެވެ.
މިވަގުތު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރަސްމީ ދަތުރެއްގައި އުޅުއްވާތީ މޭޔަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންދަނީ ހުޅުމާލޭގެ ކައުންސިލަރު އަލީ އައިމަން އެވެ.
އައިމަން އަދަދު އަށް ވިދާޅުވީ އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ނިންމީ ހުއްދަ ނުނަގައި އެކަން ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.
"ދެން އަޅުގަނޑުމެން ސިޓީއެއް ވެސް ފޮނުވިން. މާލޭ ސިޓީ ކައުންސިލުން އިންނާނެ ސިޓީއެއް ފޮނުވާފައި އެމްޑީޕީއަށް. ހުއްދައެއް ނުނަގާ ޖަހާފައި ހުރި އެއްޗެހިތަކެއް އެއީ. އެއްޗެއް ދަމަންޏާ ޖެހޭނެ ހުއްދަ، މަގު ހުރަހައް ޖަހަންޏާ. ހުއްދައަކަށް އެދިފަކާ ނެތް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާލުވީ ހުއްދަ ނުނަގައި ބެނާތައް ދަމާފައިވާތީ ބެނާތައް ނެގުމަށް ނިންމީ ސިޓީ ކައުންސިލުގެ މެޖޯރިޓީން ކަމަށާއި ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހިމް ވަހީދު އަދަދު އަށް ވިދާޅުވީ އެ ޕާޓީން އޮކްޓޯބަރު 3، ގެ މުޒާހަރާ ޕްރޮމޯޓު ކުރުމަށް ބެނާ ދަމަން ސެޕްޓެމްބަރު 14، ގައި މާލެ ސިޓީ ކައުންސިލުގައި ހުއްދައެއް އެދުމުން، މިހާތަނަށް ވެސް އެއްވެސް ހުއްދައެއް ދީފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބެނާ ދެމުމުގެ އިތުރުން އޮކްޓޯބަރު 3، ގެ ނިޔަލަށް ސްކޫލްތަކާއި މިސްކިތްތައް ކައިރި ފިޔަވައި މާލޭގެ އެކި ސަރަހައްދުތަކުގައި އަޑުގަދަކުރާ ބޭނުން ކޮށްގެން ޕިކަޕް ދުއްވޭނެ ހުއްދައަށް ވެސް އެދުނު ކަމަށެވެ.
އެމްޑީޕީން އޮކްޓޯބަރު 3، އަށް ތައްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް އެކި ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ޕިކަޕް ޖަލްސާ އާއި ސައިކަލް ބުރުގެ އިތުރުން އެކި ބައްދަލުވުންްތައް ވެސް ދަނީ ބާއްވަމުންނެވެ.
އޮކްޓޯބަރު 3، ގެ މުޒާހަރާއަށް އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ކަނޑަން ފަށައިފި އޮކްޓޯބަރު 3، ގެ މުޒާހަރާއަށް އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ކަނޑަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ