މައްކާގައި ބައިންލްއަގުވާމީ އެއާޕޯޓެއް އަޅަން ސައުދީ ސަރުކާރުން ހުއްދަ ދީފިއެވެ.
މިކަން ސައުދީން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ދަ ހޮލީ ސައިޓްސް (އާރް.ސީ.އެމް.ސީ) ގެ ސީއީއޯ ސާލިޙް އަލް ރާޝިދު ހާވަޑް ބިޒްނަސް ރިވިއު އަރަބިއްޔާއަށް ދިން ބަސްދީގަތުމެއްގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު އެތައް މިލިއަން މުސްލިމުންނެއް ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ޒިޔާރަތްކުރެއެވެ. ނަމަވެސް، މައްކާގައި އެއާޕޯޓެއް ނެތުމުގެ ސަބަބުން، ހައްޖާޖީންނާއި އެހެން ބޭނުންތަކުގައި މައްކާއަށް ޒިޔާރަތްކުރާ މީހުން މިހާރު ޖެހެނީ މައްކާއާ ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމަށްފަހު، އެއްގަމު މަގުން ދަތުރުކޮށް މައްކާއަށް ދާށެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، މައްކާގައި އެއާޕޯޓެއް ބިނާކުރުމުގެ ޑިމާންޑް އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
މި ޑިމާންޑްތަކަށް އިޖާބަދީ، ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މައްކާގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރުމަށް ނިންމާފައެވެ. ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ދަ ހޮލީ ސައިޓްސް (އާރް.ސީ.އެމް.ސީ) ގެ ސީއީއޯ ސާލިޙް އަލް ރާޝިދު ވިދާޅުވީ، މި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް އަދި އިގްތިސާދީ އިންވެސްޓްމަންޓްތަކުގެ ހުއްދަ މިހާރު ވަނީ ލިބިފައިވާކަމަށެވެ. މި މަޝްރޫއަކީ އެތައް މިލިއަން މިލިއަން ދަތުރުވެރިންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމަށް އަމާޒުކޮށްގެން ހިންގާ ބޮޑު މަޝްރޫއެކެވެ.
މި އެއާޕޯޓް ބިނާކުރުމަށްޓަކައި ބޭނުންވާ ފަންނީ އަދި އިގްތިސާދީ ދިރާސާތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަލް ރާޝިދު ވިދާޅުވި ގޮތުގައި، އެއާޕޯޓް ހިންގުމާއި އިންވެސްޓްމަންޓްގެ އެންމެ އެކަށީގެންވާ މޮޑެލްއެއް ކަނޑައެޅުމަށްޓަކައި ސަރުކާރުން އަމިއްލަ ފަރާތްތަކާއެކު މަސައްކަތް ކުރާނެއެވެ. މީގެ ކުރިން މައްކާގެ ހަރަމްފުޅުގެ ސަރަހައްދުގެ މަތިން ބޯޓު ދަތުރުކުރުން މަނާކޮށްފައި އޮންނާތީ، މައްކާގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ވަނީ ދިގު މުއްދަތަކަށް ފަސްކޮށްފައެވެ. ނަމަވެސް މިފަހަރުގެ އިޢުލާނާއެކު، މި މަޝްރޫއު ކުރިއަށްދާނެކަން ވަނީ ޔަގީންވެފައެވެ.
އާ އެއާޕޯޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ މައްކާގެ ހަރަމްގެ އިން ވަކިކުރާ ރޮނގުން ބޭރުގައެވެ. މި އެއާޕޯޓް އަޅާނީ މައްކާ އާއި ޖިއްދާއާ ދެމެދު އަލަށް ތަރައްގީކުރާ "އަލް ފައިސަލިއްޔާ" މަޝްރޫއުގެ ތެރޭގައެވެ. އަލް ފައިސަލިއްޔާ އަކީ މައްކާގެ ހުޅަނގު ފަރާތުން ފެށިގެން ކަނޑުގެ އައްސޭރިފަށާ ހަމައަށް ފެތުރިގެންދާ ގޮތަށް ފަރުމާކޮށްފައިވާ އާ ރަށެކެވެ. މި ސަރަހައްދުގައި އެއާޕޯޓެއްގެ އިތުރުން ކަނޑުގެ ބަނދަރަކާއި، މައްކާ ސަރަހައްދުގެ ސަރުކާރު އިދާރާތަކުގެ މައި މަރުކަޒުތައް ވެސް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
މައްކާއަށް ހާއްސަކޮށް އެއާޕޯޓެއް ތަރައްގީކުރާއިރު، މަދީނާގައި ވެސް މިފަދަ ނިޒާމެއް އޮންނަކަން ފާހަގަކުރެވެއެވެ. މަދީނާގެ އަމީރު މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަކީ މަސްޖިދުއް ނަބަވީއާ ގާތްގަނޑަކަށް 15 ކިލޯމީޓަރު ދުރުގައި، ހަރަމްގެ އިން ވަކިކުރާ ރޮނގުން ބޭރުގައި އޮންނަ އެއާޕޯޓެކެވެ. މައްކާގައި އަލަށް ބިނާކުރާ އެއާޕޯޓާއެކު، ހައްޖާއި އުމްރާއަށް ދާ މީހުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މައްކާގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ