ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު އުވާލުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނަން: ރައީސް

ރިޔާސީ އިންތިހާބުގެ ދެ ބުރު ބޭއްވުމުގެ ބަދަލުގައި އެއް ބުރުން ވެރިޔަކު ހޮވުމާއި ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ގެނައުމާ މެދު ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަކާ ގުޅިގެންނެވެ.
ތަފްސީލު - އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ނަގާ އެއް ވޯޓަކީ، މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ވޯޓެވެ. އެގޮތުން:
މީގެ ދެ އަހަރު ކުރިން ރައީސް ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނުގެ ވިސްނުމަކީ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށް
އަދި އަވަށްޓެރި ލަންކާގައި އޮންނަ ފަދަ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިއަކު އިންތިހާބު ކުރުން އެ އެޖެންޑާގައި ހިމެނޭ
މިފަހުން ރައީސް ވިދާޅުވެފައި ވަނީ، އެ އިސްލާހުތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަމުންދާ ކަމަށް
ހޮނިހިރު ދުވަހު އޮންނަ ހިޔާލު ހޯދުމުގެ ވޯޓުގެ ކުރިން މިކަމުގައި ސަރުކާރުގެ ސްޑޭންޑަކީ ކޮބާތޯ 'ދައުރު'ން އެހެމުން ރައީސް މިއަދު ވެސް ތަކުރާކު ކުރެއްވީ އެ އިސްލާހު ދިރާސާ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ވިސްނާފައި އޮތް ގޮތް 2024 ނޮވެމްބަރު 11ގެ ޖަލްސާގައި އަޅުގަނޑު ފުރަތަމަ ވެސް އެ ވާހަކަ ދެންނެވީ. އެއީ އަޅުގަނޑު ވިސްނާ ގޮތް، އަޅުގަނޑު ޕްރިފާ ކުރާ ގޮތް. އެހެން ނަމަވެސް، ޕަބްލިކް ޑިބޭޓަކަށް އަޅުގަނޑު އެވަނީ އެކަން ދޫކޮށްލާފައި. ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކަށް، އެއް ބުރުން ރައީސަކު ހޮވުން އެއީ ރައްޔިތުންގެ ތެރޭގައި މަޝްވަރާ ކުރެވެން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިޔުން ބޮޑަށް ބިނާވާނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ނިންމާ ގޮތަކުން ކަމަށެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ލެވެލްއެއްގައި މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެގޮތަށް [ދެ ވަނަ ބުރު އުވާލުމަށް] ބަދަލުވާ ހާލަތުގައި އެއީ އަންނަން އޮތް އަހަރުތަކުގައި ރައްޔިތުން އެކަމާ ޑިސެޕޮއިންޓްވާނެ [ހިތާމަކުރާނެ] ކަމަކަށް ވުމަށް. [ނުވަތަ] އަޅުގަނޑުމެންގެ ނިޒާމަށް އަންނަ ހީނަރު ކަމަކަށްވާކަށް. ވަރަށް ޓްރާސްޕޭރެންޓް، ދެފުށް ފެންނަ [އަދި] ވަރަށް ރަނގަޅަށް ކުރާ ކަމަކަށް ވާން ބޭނުން،" ރައީސް އިތުރަށް ވިދާޅުވި އެވެ.
"އެކަން ނިންމާނީ ކޮންމެ ގޮތެއްވިޔަސް ރައްޔިތުންގެ ތެރޭގައި އިތުރަށް މަޝްވަރާ ކުރެވިގެން."
ރިޔާސީ އަދި މަޖިލިސް އިންތިހާބު އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުުރުމުން ވާދަވެރި ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ރޯދަ މަހަކާ ދިމާކޮށް މިފަދަ އިންތިހާބަކަށް ގޮވާލުމުން، މިކަމަށް ކެމްޕެއިން ކުރަން ފުރުސަތު ނުލިބޭކަން ވެސް ފާހަގަ ކުރެ އެވެ. މި އިސްލާހަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ޖާގަ ނުދިނީ ކީއްވެގެންތޯ އެހުމުން އެއަށް ރައީސް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ރައީސް މިއަދު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުން އާނކޭ ބުނާނެ ކަމަށެވެ. އަދި އެކަމުގައި އެމަނިކުފާނު ގަބޫލު ކުރަައްވާ ފައިދާތައް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ