އަދަދުގެ އޮފީސް ރެއިޑްކުރުމުން އިނގިރޭސި ސަފީރުގެ ކަންބޮޑުވެއްޖެ

އޮންލައިން ނޫހެއްކަމަށްވާ "އަދަދު"ގެ އޮފީސް ހިންގަމުން އަންނަ އިމާރާތުގެ ތެރެއަށް ކުއްލިއަކަށް ފުލުހުން ރޭ ވަދެ، ރެއިޑުކޮށް އެ ނޫހުގެ ތަކެތި ބަލައިފާސްކުރުމުން ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ މިއަދު އެކަން ކުށްވެރި ކުރައްވައިފި އެވެ.އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ނިކް ލޯ ވިދާޅުވީ އަދަދު ނޫސް ރެއިޑްކުރުމަކީ ކޮމަންވެލްތުގެ މިންގަނޑުތަކަށް ރާއްޖެއިން އަމަލުކުރާ މިންވަރާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ."އަދަދު ނޫހަށް އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑާ ގުޅިގެން ފެންމަތިވަމުންދާ ރިޕޯޓުތަކަކީ ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ. ނިކް ލޯގެ އިތުރުން ބޭރުގެ އެކި ނޫސް ޖަމިއްޔާތަކުންވެސް ދަނީ އަދަދު އަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. "އަދަދު" ނޫހުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފަ އެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ މީހަކު ދިން އިންޓަވިއުއަކަށް ބިނާކޮށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ.މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ