އަންނަ މަހު 15ގެ ނިޔަލަށް ހުރިހާ ފާމަސީއެއް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރެވޭނެ: އެސްޓީއޯ

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހުރިހާ ފާމަސީތައް އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނުވަވަނަ ދުވަހު ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސްގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދާފައެވެ. ކުންފުނި އުފެއްދިތާ މިހާތަނަށް ހަތަރު މަސްވިއިރު ވެސް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މި ކުންފުނި ގާއިމުކޮށްފައިވާއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވަނީ ގާއިމުކޮށްފައެވެ. އެސްޓީއޯގެ މީޑިއާ އޮފިޝަލް 'ސަން'އަށް މިއަދު ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހުރި އެސްޓީއޯ ފާމަސީތައް، ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި، އަންނަ ފެބްރުއަރީ މަހުގެ 15ގެ ނިޔަލަށް ހުރިހާ އެސްޓީއޯ ފާމަސީތައް އެކި މަރުހަލާތަކަށް ބަހާލައިގެން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭހަށް ޚާއްސަ ކުންފުނީގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މަސައްކަތްތައް ފަށަން ތިން މަސް ވަރު ނަގާނެ ކަމަށެވެ. އެގޮތުން، މިހާރު ބޭސް އެތެރެކުރަމުން އަންނަ އެސްޓީއޯގެ މަސައްކަތްތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ކުންފުނި އުފެއްދި ފަހުން ވެސް، އާންމު ރައްޔިތުން ދަނީ ބައެއް ކަހަލަ ބޭސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. https://sun.mv/216027 އެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ މަހުގެ 26ގައި ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، ބޭސް ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ބޭރު ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށެވެ. އެގޮތުން، ރާއްޖޭގައި އަމިއްލައަށް ބޭސް އުފައްދައި، އެ މަސައްކަތަށް ޚާއްސަ އިންޑަސްޓްރީއަކަށްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި މިފަހުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އެސްޓީއޯއިން ބޭސް އެތެރެކުރުން ގިނަ ކުރުމުން ބޭހުގެ ދަތިކަން ކުރިއަށް ވުރެ ރަނގަޅުވެއްޖެ ކަމަށާއި ބޭސް އެތެރެ ކުރަން ސަރުކާރުން އަލަށް އުފެއްދި ކުންފުނީގެ މަސައްކަތާއެކު، އިތުރަށް ހާލަތު ރަނގަޅު ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ