ފިނި ހިތް 17
"މާދަން އިސްލާހުވާންކަމަށް ބުނެ އެކަން ނުކުރެވި ތިބި ކިތަންމެ ޒުވާނުންނެއް މިހާރު ވަނީ ކަށްވަޅުގައެވެ. މާދަމާ އަކީ ނެތް އެއްޗެއްކަމުގައި ހަމަ ވެދާނެއެވެ.ކޮންމެ އުމުރެއްގައިވެސް ދުނިޔެއާއި ވަކިވެގެން ދާން ޖެހިދާނެކަމަށް ދެކެގެން ތައުބާވެ ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަންނަން ވާނެއެވެ." *** ހަޔާއަށް ހޭލެވުނީ މީހަކު ދޮރުގެ ތަޅުގައި ހިފާ އަނބުރައިލި އަޑަށެވެ. އޭނަ ފުންމައިގެން ތެދުވެ ރަޖާ ގެނެސް އަނގައިގާ އަތާއިއެކު އެޅިއިރު މޭގަނޑު ފުންމައިލަފާނެކަހަލައެވެ. ބަލަބަލާ އިންދާ ދޮރު ހުޅުވުނެވެ. ފަނޑު އަނދިރީގެ ތެރެއިންވެސް ކާކުކަން އެނގުނެވެ. އެއީ އަޔާޝް ފިޔަވާ ދެވަނަމީހެއް ނޫނެވެ. އޭނަގެ ފިޔަވަޅުތައް ހުރީ އެނދާއި ދިމާލަށެވެ. ލޮލުން ފެނުނީ ރުޅިވެރިކަމާއެކު ފިނިކަމެވެ. "ހަމަ ފަހަތުގައި އަޅައިގެން އެބަ އާދޭ....ކީއްކުރަންހޭ އަންނަނީ؟"އަޔާޝް ދަތްކުނޑިވިކައިގަތެވެ. ލޮލުން ފެނުނީ ނަފްރަތުގެ އަލިފާނެވެ. ހަރުކަށިކަމެވެ.ބިރުންގޮސް މުޅި ހަށިގަނޑު ގަނޑުފެންގަނޑެއް ފަދައިން ފިނިވިއެވެ. އަޔާޝް ފުންމައިގެން ކަހަލަ ގޮތަކަށް އައިސް އޭނަގެ ކަރުގައި ހިފާ ބާރުކުރަންފެށިއެވެ. އޭނަގެ ކަނދުރާއަށް ވާންވިއެވެ. ނޭވާ ނުލެވުނެވެ. ހަޅޭއްލަވަން އަނގަ ހުޅުވުމުންވެސް އަޑު ބޭރެއް ނުވިއެވެ. އޭނަ މަރުވަނީހެއްޔެވެ؟ "ޔާﷲ....ހެލްޕްމީ..." އެހެން ބުނެވުމާއެކު ކަނދުރާއިން ވާންކަން ކެނޑުނުހެން ހީވިއެވެ.ލޯ ބޮޑުކޮށްފައި ވަށައިގެން ހޯދައިލިއިރު އަޔާޝްގެ އެއްވެސް ހިލަމެއްނުވިއެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއަށް ލޯ ހާނުވަމުން އަރިމަތީގައި ހުރި ސްވިޗުން ބޮކި ދިއްލައިލިއެވެ. ތަންޑު ހުރީ އަޅުވާފައެވެ. ވީއިރު އެއީ ހަގީގަތެއް ނޫނެވެ. އޭނައަށް ހުވަފެނެއް ފެނުނީއެވެ. އަޔާޝްއައީ ހުވަފެނުގައެވެ. ހުވަފެނުގައިވެސް ކުރިމަތިލަނީ ހަމަ ރުޅިއާއި ނަފްރަތާއެކުގައެވެ. އެވަރަށް ރުޅި އަންނަން އޭނަ ކުރީ ކީއްހެއްޔެވެ؟ ރުޅި އަންނަންވީ އޭނައެވެ. އަޔާޝްއެއް ނޫނެވެ. އޭރުވެސް ހިތް ނެގިނެގިފައި ޖެހެއެވެ. ފޯނުން ގަޑިއަށް ބަލައިލުމާއެކު ފެނުނީ މަންމަގެ މެސެޖެކެވެ. "އަދިވެސް ދޮންތަ ހަޔާ ހުންނަން ކޮޓަރިއެއް ނުހޯދަނީތަ؟" އޭނައަކީވެސް އިންސާނެކެވެ. މަލާއިކަތެއްނޫނެވެ. ރުޅިއަކީވެސް އޮންނަ އިހުސާސްއެކެވެ. ފޯނު އެނދަށް އެއްލައިލެވުނެވެ. "މަންމަ ހަމަ އަބަދު އެހެން ކިޔަނީ...ކީއްވެ؟" "ހަޔާ... ރެސްޕެކްޓް ޔޯ މަމް..ހަމަ އެހެން ހަދަން ސަބަބެއްވެސް އޮވެދާނެ..މަޖުބޫރީއެއް ނެތްނަމަ އަމިއްލަ ދަރިފުޅު ދުރަށް ފޮނުވައިލާކަށް ނޫޅޭނެ....." "އަދިވެސް ނުލިބޭ..މަންމަވެސް ޓްރައިކޮށްދީފާނަން؟ ޔޫކޭގައި މަންމަގެ ފެމިލީ އުޅޭނެއްނު..އެތަނަށް ދިޔައްޔާ ހުންނާނެތަނެއް ލިބޭނެތަ؟" ހަޔާ އަހައިލިއެވެ. އެއަށްފަހު ހިނގައިގަތީ ފާޚާނާއައި ދިމާލަށެވެ. އެތައް އިރެއްފަހުން ފޯނު ޗެކްކޮށްލިއިރުވެސް އެ ސުވާލުގެ ޖަވާބު ދީފައެއްނުވެއެވެ. *** ޔަލްވީ ދޮންމަންމައަށް ފާރަލާވަރުން އެބައިގާ މީހަކު އުޅޭކަށް ދެނެގަންނަން މާ ދުވަހެއް ނުނެގިއެވެ. ތަގުވާގެ ހަރަކާތް ހުރިގޮތް ނިކަން ރަގަޅަށް ބަލަމުން ދިޔައެވެ. ދޮންމަންމަ އެގޭގައި މީހަކު ގެންގުޅޭކަން ޔަގީންވުމާއެކު އަވަހަށްގޮސް އާސީންއާއި މިނާހް އަދި އަޔާޝްއަށްވެސް ނުރައްކަލުގެ އިންޒާރު ދިނެވެ. އޭނަ ބުނީވެސް ވަގަކު އުޅެނީކަމުގައެވެ. އަޔާޝްވެސް ޔަގީންނުވިޔަސް އެދިމާލަށް ހިނގައިގަތެވެ. އެންމެން އެކީގައި ގޮސް ދޮރާއި އަރާ ހަމަވީއިރު އެތެރެއިން މާ ރީތިކޮށް ގުރުއާން ކިޔަވާ އަޑު ކަންފަތުގައި ޖެހުނެވެ. އަޔާޝްއާއި މިނާހްއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ތަގުވާ ދުރުގައި ހުރެ އަތުން ހަނާ އެޅިއެވެ. "ކުއްޔަށްހުރި ކުއްޖަކު ތިތާ އުޅެނީ......ޕްރައިވެސީއަށް އިހުތިރާމްކޮށްބަލަ..." ތަގުވާ ކިތަންމެ މަޑުން ބުނިކަމުގައިވިޔަސް އެތެރޭގައި ހުރި ހަޔާގެ ކަންފަތަށް އިވުނުފަދައެެވެ. އެ ޖުމްލައާއެކު ގުރުއާން ކިޔެވުން ހުއްޓުނެވެ. "ހެލޯ.....މިއީ ޕޮލިސް....ތިގޭގައި ސްނޭކެއް އުޅޭކަމަށް ރިޕޯޓް ލިބިގެން މިއައީ........" ޔަލްވީ ދޮރުގައި ދެއަތުން ޖަހާލާފައި އަޑުކޮޅަށް ބުނެލިއެވެ. ދެވަނަ ސިކުންތުކޮޅުގައި ދޮރު އަޑާއަށް ހުޅުވައިލާފައި ހަޔާ ދުވަމުން އައީ ފައިވާނަކަށްވެސް ނާރައެވެ. އެންމެން ފެނުމުން ހަޔާއަށް ލޯ ބޮޑުކޮށްލެވުނެވެ. "ޔަލް...." "ހަޔާ...."ޔަލްވީ ދުވެފައިގޮސް ހަޔާގެ އަތުގައި އެލިގަތެވެ."ސަމާސާއަކަށޭ އެހެން ބުނީ...އެތެރޭގައި ހުރީ ކާކުކަމެއް ނޭގިގެން ހަމަ ކިއުރިއަސްވީވަރުން ނެރެންވެގެން........." "ހަރުފައެކޭ ބުނީމަ ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ..އެކަމަކު ސަމާސާއަކަށް ދޯ....."ހަޔާ ބުނެލިއެވެ. "މިގޭގައި އެހެންނޫނަސް ސްނޭކެއް އުޅެއޭ.."ޔަލްވީ ހިނިގަނޑެއް ޖަހައިލިއެވެ. "ހަޔާ..މިއީ އަހަރެންގެ ހަޒްބެންޑް އަޔާޝް...ލޭކްވިއުގެ ބޮސް......" އަޔާޝްއަށް ބުމަ ގާތްކޮށްލެވުނެވެ. ހަޔާއަށް ބުނެދިނީ ނޭގޭ އެއްޗެއްހެއްޔެވެ؟ އޭނައަކީ ކާކުކަން ޔަލްވީއަށްވުރެ ބޮޑަށް އެނގޭނީވެސް ހަޔާއަށެވެ." "މިއީ އަހަރެންގެ ބެސްޓީ...ހަޔާ......." ޔަލްވީ ތައާރަފުކޮށްދޭން ފެށިއެވެ. ހަޔާގެ މޫނަށް އަނދިރިވާން އުޅުނުހެން ހީވިއެވެ. އޭރު ތަގުވާ އަރާ ހަމަވެއްޖެއެވެ. ހަޔާއަށް ދޮންދަރިން ތައާރަފުކޮށްދިނުމުގެ ވަގުތު ޖެހުނީއެވެ. ކުރާނެކަމެއްނެތެވެ. ހަޔާ އަމިއްލައަށް އޭނަގެ ހަޔާތަށް ފުންމައިލީއެވެ. ނަމަވެސް ހަޔާގެ ހަގީގަތް އެހެން މީހުންނަށް ހާމަކުރާކަށް ބޭނުމެއްނުވިއެވެ. މިނާހްވެސް ހުރީ މާސްކާއި ނުލާ ހަޔާ ފެނުމުން ހައިރާންވެފައެވެ. ރީތީ ހަމައެކަނި ލޮލެއްނޫނެވެ. ތަގުވާ އެ ތިންބެއިން ތައާރަފުކޮށްދިނުމަށްފަހު ދާން ހިނގައިގަތެވެ. އޭރު އަޔާޝްގެ އަތް މުށްކެވި ނިތްކުރީގައި ރޫތައް ގިނަވިއެވެ. މިއީ ކޮންފަދަ ރޭވުމެއްކަމެއްވެސް ނޭގެއެވެ. ދެލޯ މިއިން ދުވަހަކު އެހާ ގަދަޔަށް ދިއްލިފައި ހުރިތަން އަޔާޝް ނުދެކެއެވެ. އިބްރާހިމް ދުނިޔެއާއި ވަކިވިފަހުން އަދި މިހާ އުފަލުން ހުއްޓާ ފެނިފައެއްނުވެއެވެ. މިނާހްއަށްވެސް އޭނަގެ ތޫނު ބެލުން ފާހަގަވުމާއެކު އަވަހަށް ދުރަށް ދާން ހިނގައިގަތެވެ. "އެހެންވިއްޔާ ދެން މިގޭގައި ހުންނަންވީނު...ވަރަށް އުފާވެއްޖެ.."ޔަލްވީ ހަޔާގެ އަތުގައި ހިފައިގެން ހުރެ އެތެރެއަށް ވަނެވެ. އޭރުވެސް ހަޔާ ހުރީ ފާޑަކަށް ޝޮކެއްގައެވެ. ޔަލްވީގެ ފިރިމީހާއަކީ އަޔާޝްކަން އެނގުނީއްސުރެ ހިތަށް ނުބައިގޮތެއްވިއެވެ. ޔަލްވީއަށް އޭނަގެ މާޒީ އެނގުމުން ރުޅި ނާންނާނެ ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް ވާދަވެރިކަމެއް ރޫހެއް އުފެދިދާނެއެވެ. އޭނަގެ ސިކުނޑިވެސް އަޔާޝްއާއެކު އެއް ގެއްގެއްގައި ހުރިކަން ދެނެގެންފިއެވެ. އެއީ ދުނިޔޭގެ އަށްވަން އަޖައިބު ނޫންހެޔެވެ؟ އޭނަގެ ސިކުނޑި ދައްކައިދިނީ ނުބައި މަންޒަރެކެވެ. އަޔާޝް އޭނަގެ ކޮޓަރިއަށް ވަންތަނެވެ. ހަގީގަތުގައި އަޔާޝް ނުލަފާ މީހަކަށްވިޔަސް އެހާ ލަދު ހަޔާތެއް ނެތް މީހެއްހެން ހިޔެއްނުވެއެވެ. އަންހެންކުއްޖެއްގެ ކޮޓަރިއަށް އެެހެން ވަންނާނީ އޭނަ ދެކޭގޮތުން ނާކާމިޔާބު ފިނޑި މީހެކެވެ. ފިރިހެނެއްވިއްޔާ ގޮތެއް ހުންނަން ޖެހޭނެއެވެ. ސިކުނޑި ދައްކުވައިދިން ފަދަ ފިރިހެނަކަށް އަޔާޝް ނުވިކަމަށްޓަކާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ޔަލްވީއާއި އާސީން ވަރަށް ގިނައިރުވާންދެން އަނގަ ތަޅާލަން ތިއްބެއެވެ. ހަޔާވެސް އެވާހަކައިގާ ބައިވެރިވާން މަސައްކަތްކުރިއިރު އެކުދިންނާއި އޭނަގެ ފިކުރުގެ ފަރަގު ވިސްނުނެވެ. އެކުދިންގެ އަމާޒަކީ މުޅިންވެސް ދުނިޔަވީ އުފާތަކާއި މަޖަލެވެ. ހަޔާގެ ފޯކަސް ބޮޑަށް ހުރީ އާޚިރަތަށް މަސައްކަތްކުރުމަށެވެ. ރަމަޝާން މަހު ބޭކާރު ވާހަކަދެއްކުމަށްވުރެ ގުރުއާން ކިޔެވުންފަދަ އަޅުކަމެއްގައި ވަގުތު ހޭދަކުރުން އައުލާކަން ބޮޑެވެ. ނަމަވެސް އެތައް ޒަމާނެއްފަހުން އެކުވެރިއަކާއި މިފަދަ ހައިރާންކުރުވަނިވި ގޮތަކަށް ދިމާވުމުން ހިތުގައިވާ އެއްޗެއް ބުނެލަން ފަސޭހައެއްވެސް ނުވިއެވެ. އެކުދިންނަށް ވަގުތުކޮޅެއް ދީފައި އެކަނިވެރި ތަނަކަށް ބަދަލުވާންވީއެވެ. *** މިނާހް ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތެވެ. ބޯދަށަށް އަތްލައްވައިގެން އޮތްއިރު ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. އޭނަގެ ހިތުގައި ބިރުވެރި އަދި ފޮނި ރާގެއްވެސް ކުޅެލިއެވެ. ހަޔާ މިފަދަ ގޮތަކަށް އޭނައަށް ފެނިދާނެކަމަށް ހީކޮށްފައެއްނެތެވެ. މިގެއަށް އެކުއްޖާ އެންމެ ދުވަހަކަށްވިޔަސް އައުމަކީ ރަގަޅު ފާލެކެވެ. ޔަލްވީއަށްވެސް ހިތް ސާބަސްދިނެވެ. ޔަލްވީގެ އުކުޅުގެ ސަބަބުން އޭނައަށް ހަޔާގެ މޫނު ފެނުމުގެ ނަސީބު ލިބިއްޖެއެވެ. އެކަމަކު އެއާއެކު ބުމަ ކައިރިކޮށްލެވުނީ ދޮންބެގެ އިންޒާރު ހަނދާންވެފައެވެ. އެހާ ރުޅިވެރި ބެލުމެވެ. ހަޔާއާއި އަނގައިން ބުނުމަކީވެސް ފާފައެއްކަމުގައި ހީކުރަން މަޖުބޫރުކުރުވާފަދަ އަލިފާނުގެ ބެލުމެކެވެ. "އަނެއްކާ...ދޮންބެގެ ކުރީގެ ގާލްފްރެންޑްތަ؟"ހިތަށް އައި އެއްޗަކުން ހިތުގައި ބިރުވެރިކަން އުފަންވިއެވެ."ނޫން..އެހެނެއްނުވާނެ...އޭރުން އަހަންނަށްވާނީ ކިހިނެއް؟ ހަޔާ ދޮންބެއާއި ގުޅުމެއް އޮތިއްޔާ.." އޭނަ ނިތްކުރިއަށް އިނގިލިތަކުން ފިތައިލިއެވެ. *** ހޮސްޕިޓަލުތެރެ އެހެން ދުވަހަށްވުރެ ހިމޭންކޮށް އޮތްއިރު ސްޓާފްލައުންޖުގައި ދުވަނީ އަނދާފައިވާ ސައިގެ ވަހެވެ. އެވެސް އެންޓިސެޕްޓިކް ވަހާއި އެކުވެފައެވެ. ބޭރުން އުދަރެސް އަނދިރިވަމުން އަންނަގޮތުން ވާރޭ ވެގެން އުޅޭހެން ހީވެއެވެ. މިނާހު ކުޑަދޮރު ކައިރީ ބޭރަށް ބަލަން ހުރެ ކޮފީތަށި ހުސްކޮށްލިއެވެ. އެއަށްފަހު ފައިލެއް ހިފައިގެން އިރުމަތީ ބަޔާއި ދިމާލަށް ހިނގައިތްއިރު އެތައް ސުވާލުތަކެއް ސިކުނޑީގައި އުތުރި އަރަމުން ދިޔައެވެ. ޖަވާބު ނެތް ސުވާލުތަކެވެ. މިފައިލުގައި ރަތް ދެލިންވާ ނޯޓްކޮޅެވެ. މަރުތައް އޮޅުވައިލުމެވެ. ކޮރިޑޯއިން ލަނބައިލުމާއެކު ކޮންމެވެސް މީހެއްގެ ގައިގާ އަޅައިގަތެވެ. "ހޭއި....ކެއަފުލް..." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ