ހަމަލާތަކުގެ ނުރައްކާ އިތުރުވުމުން ބުރުޖު ޚަލީފާއިން މީހުން ނެރެ މުޅި އިމާރާތް ހުސްކޮށްފި ހަމަލާތަކުގެ ނުރައްކާ އިތުރުވުމުން ބުރުޖު ޚަލީފާއިން މީހުން ނެރެ މުޅި އިމާރާތް ހުސްކޮށްފި

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ތެހެރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދޭން ފެށުމާއެކު، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރްޖު ޚަލީފާ ހުސްކޮށްފި އެވެ. މި ހަމަލާތަކާ ގުޅިގެން ދުބާއީގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު ވަނީ އިވިފަ އެވެ.
އީރާނުން ވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީއާއި ދުބާއީގެ އިތުރުން، ގަތަރުގެ ދޯހާއަށާއި ސައުދީ އަރަބިއްޔާގެ ރިޔާޟަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.
މި ހަމަލާތަކުގެ ފުރަތަމަ ރާޅު ދުވާލުގެ ކުރީކޮޅު ފެށުނުއިރު، އޭގެ ފަހުން ވެސް އިތުރު ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ. އަދި އަބޫދާބީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް މިސައިލެއްގެ ބައިތައް ވެއްޓުމުގެ ސަބަބުން އޭޝިއާގެ ރައްޔިތަކު މަރުވެފައިވާ ކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި މިސައިލް ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނަކަށް ފަހުގަ އެވެ. ޕެންޓަގަނުން މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން އެޕިކް ފިއުރީ" އެވެ. އިސްރާއީލުން ދައުވާކުރާ ގޮތުގައި މި ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރު މުހައްމަދު ޕަކްޕޫރު ވަނީ އަވަހާރަކޮށްލާފަ އެވެ.
މީގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ އިރާނުގެ އަސްކަރިއްޔާ ނެތިކޮށްލުމުގެ ބޭނުމުގައި ފެށި އޮޕަރޭޝަނެކެވެ. އީރާނުގެ ސަރުކާރު ބަލިކޮށް އެ ގައުމު ހިންގުމުގެ ބާރުތައް އެ ގައުމުގެ ރައްޔިތުންނާ ހަވާލުކުރައްްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ ޓުރުތު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ އެއްބަސްވުމެއް ހަދަން އިރާނަށް ތަކުރާރުކޮށް ފުރުސަތު ދިން ނަމަވެސް އިރާނުން އެ ފުރުސަތު ބޭނުން ނުކުރި ކަމަށެވެ. ޓްރަމްޕު ވަނީ އިރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ