މެދުއިރުމަތީގައި އުޅޭ ދިވެހިން ސަމާލުވުމަށް ހާރިޖިއްޔާގެ އިލްތިމާސެއް

މެދުއިރުމަތީގެ މަޝްރަހް މިވަގުތު އޮތް ހާލަތަށް ބަލައި އެ ޤައުމުތަކުގައި އުޅެމުންދާ ދިވެހިން ސަމާލުވުމަށް ދިވެހި ހާރިޖިއްޔާއިން އެދިއްޖެއެވެ.
އީރާނަށް ދިން ހަމަލާތަކަށްފަހު ބަދަލުވަމުންދާ މެދުއިރުމަތީގެ މަޝްރަހުގެ މިވަގުތު އޮތް ހާލަތާ ގުޅޭގޮތުން ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، މެދުއިރުމަތީގައި މިއަދު ފަށާފައި މިވާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހާރިޖިއްޔާއިން ބުނީ މެދުއިރުމަތީ ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މެދުއިރުމަތީގައިހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާކަމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރިދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.
- ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896 +
- ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 971501086689+
- ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއަޕް)
އެމެރިކާ އަދި އިސްރާއީލް އިސްވެ އީރާނަށް ދިން ހަމަލާތަކަށްފަހު އީރާނުންވެސް ވަނީ ޤަތަރު އަދި ބައެއް އަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށާފައެވެ. އެއާއެކު މެދުއިރުމަތީގެ މަޝްރަހް އިތުރަށް ހޫނުވެ، ގަލްފް ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ. އެއާއެކު މުޅި މެދުއިރުމަތީގެ ވައިގެ ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ