އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ބުރާސްފަތި ދުވަހު ނުސީދާކޮށް ކުރިއަށްދިޔަ މަޝްވަރާތަކުގައި ބައެއް ކުރިއެރުންތައް ލިބިފައިވާ ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރި އޮމާނުން ބުނެފި އެވެ.
ނަމަވެސް، މި މަޝްވަރާތައް ނިމިގެންދިޔައީ މުހިންމު ނިންމުމަކާ ހަމައަށް ނާދެވި ކަމަށްވާތީ، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައި މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށްކަން ފާހަގަކުރެވެ އެވެ.
އޮމާނުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު އަލްބޫސައިދީ ވިދާޅުވީ، ޖެނީވާގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އެމެރިކާގެ މަންދޫބުންނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކަކީ ވަރަށް މުހިންމު ބައްދަލުވުންތަކެއް ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހުރި ބޮޑެތި ހިޔާލު ތަފާތުވުންތަކަށް ހައްލެއް ލިބުނު ކަމަކަށް ވެސް ވިދާޅެއް ނުވެ އެވެ.
މި މަޝްވަރާތަކަކީ ވޮޝިންޓަނާ އެކު އީރާނުން މިހާތަނަށް ބޭއްވި އެންމެ ސީރިއަސް ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި އަރަގްޗީ ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އަދިވެސް ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށެވެ.
ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އިތުރު ބުރެއްގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ވިއެނާގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ.
މީގެ އިތުރުން، އީރާނަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެ ގައުމުން ކުރަމުންދާ ޑިމާންޑް އޭނާ އަނެއްކާވެސް ތަކުރާރު ކުރެއްވި އެވެ.
އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިސް އޮފިޝަލަކު މި މަޝްވަރާތަކަކީ އުންމީދީ ބައްދަލުވުންތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ނަމަވެސް، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ސަރަހައްދީ ހަރަކާތްތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެމެރިކާއިން ބާރުއަޅަމުންދެ އެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި އެއީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި މަޝްވަރާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށް އޮތް ފަހު ފުރުސަތު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޓްރަމްޕް ވަނީ އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެ ނަމަ "ވަރަށް ގޯސް ކަންތައްތަކެއް" ހިނގައިފާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ