ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުން އަލުން ފެށުމަށްޓަކައި އެމެރިކާއިން އާ އިއްތިހާދެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމެރިކާ ސަރުކާރުގެ އެތެރޭގެ ރަސްމީ ލިޔުމަކާ ހަވާލާދީ ރޮއިޓާސްއިން މިއަދު ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާގެ މި ލިޔުމުގައިވާ ގޮތުން، ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން އަލުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އެހެން ގައުމުތަކުގެ އެހީތެރިކަމަށް އެދެމުންނެވެ. މި މަހުގެ 28 ވަނަ ދުވަހު ފޮނުވި މި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ހާރިޖީ ވުޒާރާ އާއި ޕެންޓަގަން ގުޅިގެން ހިންގާ މެރިޓައިމް ފްރީޑަމް ކޮންސްޓްރަކްޓް (އެމްއެފްސީ) ނަމަކަށް ކިޔާ ކޯލިޝަނެއް ފެށުމަށް ހުއްދަ ދެއްވާފަ އެވެ.
މިއީ މެދުއިރުމަތީގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފުރަތަމަ ފިޔަވަޅު ކަމަށް އެ ލިޔުމުގައި ސިފަކޮށްފައިވެ އެވެ. އަދި މި އޮނިގަނޑުގެ ބޭނުމަކީ ދިގު މުއްދަތަކަށް ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި މުހިންމު ވަސީލަތްތައް ހިމާޔަތްކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ކަނޑުގެ މަގުތަކުން ދަތުރުކުރުމުގެ ހައްގު ހިމާޔަތްކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން އެމެރިކާގެ ހާރިޖީ ވުޒާރާއިން އިސްނަގައިގެން އެހެން ގައުމުތަކާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ އެކު ޑިޕްލޮމެޓިކް މުއާމަލާތްތައް ކުރިއަށްގެންދާއިރު، ފްލޮރިޑާގައި ހުންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަނޑުގެ ދަތުރުފަތުރުތައް ބަލަހައްޓައި ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރާ ސީދާ މުއާމަލާތް ކުރާނެ އެވެ.
މިއަދުގެ ނިޔަލަށް މި ހުށަހެޅުން އެކުވެރި ގައުމުތަކަށް ހުށަހެޅުމަށް އެމެރިކާގެ އެމްބަސީތަކަށް ވަނީ އަންގާފަ އެވެ. ނަމަވެސް، ރަޝިޔާ އާއި ޗައިނާ ފަދަ ވާދަވެރި ގައުމުތަކަށް މި ހުށަހެޅުން ނުދިނުމަށް ވަނީ އިރުޝާދު ދީފަ އެވެ.
މި ކަމުގައި ގައުމުތަކަށް ޑިޕްލޮމެޓިކް ގޮތުންނާއި މައުލޫމާތު ހިއްސާކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ އިތުރުން ކަނޑުގެ ސިފައިން ފޮނުވައިގެން ވެސް ބައިވެރިވެވިދާނެ ކަމަށް އެ ލިޔުމުގައިވެ އެވެ. އަދި މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ 'މެކްސިމަމް ޕްރެޝަރު' ސިޔާސަތާ ވަކި، އާ މަސައްކަތެއް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ވަރަށް ބޮޑަށް މަޑުޖެހުނީ، މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން އެ މަގު ބަންދުކުރުމާ ގުޅިގެންނެވެ.
ހޮރްމޫޒް ހުޅުވަން އެމެރިކާއިން އާ އިއްތިހާދެއް އެކުލަވާލެވޭތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ