ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މި ހަފުތާތެރޭ ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް މިއީ ދެމިގެންދާނެ ވިއްސާރައެއް ނޫނެވެ. އަދި މިމަހުގެ ކުރިއަށްވެސް އޮތީ ހޫނު ގަދަ ދުވަސްތަކެކެވެ.
މިއަދުގެ ރާއްޖޭގެ މޫސުން ލަފާކުރާގޮތާގުޅޭ މައުލޫމާތު ހިއްސާކުރަމުން މެޓުން ވިދާޅުނީ މިއަދު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. މިކުރާ ވިއްސާރަކީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މި ވިއްސާރައަށް ފަހު އަނެއްކާވެސް ހޫނުގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެ އިދާރައިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
މި އެޕްރީލް މަހަކީ މިހާތަނަށް ރާއްޖެއަށް އަންނާނެ އެންމެ ހޫނުގަދަ ދުވަސްވަރުގެ ގޮތުގައި ރެކޯޑްވެގެންދާނެ ދުވަސްވަރުކަމަށް މުސޫމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް އިޙްސާސް ކުރެވޭ ހޫނުމިން ނިމިދިޔަ މާރިޗު މަހުގެ 21 ފެށިގެން ހުރީ 37 ޑިގްރީ ސެލްސިއަސްވުރެ މަތީގައެވެ. އަދި މި ހިނގާ އެޕްރީލް މަހު އިޙްސާސްކުރެވޭ ހޫނުމިން 40 އަށް މަތިވެގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ