އިޓަލީގެ ފުޓްބޯޅައިގެ މުހިންމު ދަނޑުތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި މިތަންތަނުގެ ހާލަތު ރަނގަޅު ނުކުރެވިއްޖެނަމަ އެ ގައުމުގެ 2032 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ނުކުޅެވޭނެ ކަމަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ)އިން ބުނެފި އެވެ.
އެ ޖަމާއަތުގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވީ ޔޫރަޕުގެ އެންމެ ހާލަތު ގޯސްތައް ދަނޑުތަކަކީ އިޓަލީގެ ދަނޑުތައް ކަމަށެވެ.
"ޔޫރޯ 2032 މި ދަނީ ކައިރި ވަމުން. އަހަރެން އުއްމީދު ކުރަނީ އިޓަލީގެ ދަނޑުތައް އައު ކުރާނެ ކަމަށް. ނުވަތަ މިހާރުގެ ހާލަތުން އަރައިގަތުމަށް ބޮޑު މަރާމާތެއް ކުރާނެ ކަމަށް. އެންމެ ލަސްވެގެން މާޗު 2027ގައި މި މަސައްކަތް ފެށެން ވާނެ. އެހެން ނޫނީ އިޓަލީ އަށް މުބާރާތް (ތުރުކީއާއެކު) ކޯ ހޯސްޓެއް ނުކުރެވޭނެ. ޔޫރަޕުގެ އެންމެ ފެންވަރު ދަށް ދަނޑުތައް ހުރީ އިޓަލީގައި،" ސެފެރިން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިޓަލީގެ ފުޓްބޯޅައިގެ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ މައްސަލަތައް ކަމަށެވެ.
"ފަހަރުގައި އިޓަލީގެ ސިޔާސީން ކައިރިން އަހާލަން ރަނގަޅު ކީއްވެތޯ ޔޫރަޕުގެ އެންމެ ހާލަތ ހޯސް ފުޓްބޯޅަ ކުޅޭ ތަންތަން ހުރީ،" ސެފެރިން ވިދާޅުވި އެވެ.
ޔޫއޭފާ ގަބޫލު ކުރާ ގޮތުގައި އިޓަލީގެ ބޮޑު މުބާރާތެއް ބޭއްވޭނެ ހަމައެކަނި ދަނޑަކީ ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމެވެ. އިންޓަމިލާނާއި އޭސީ މިލާން ހިއްސާކުރާ މިލާންގެ މަޝްހޫރު ސެންސީރޯ ވެސް ވަނީ ބާވެ ތަޅާލަން ތައްޔާރުވެފަ އެވެ. ނަމަވެސް 200 މިލިއަން ޔޫރޯގެ ބަޖެޓެއް ވަނީ ނާޕޮލީގެ ޑިއެގޯ މަރަޑޯނާ ސްޓޭޑިއަމް މަރާމާތު ކުރަން ފާސްކޮށްފަ އެވެ.
އިޓަލީން ވަނީ މިދިޔަ އޮކްޓޫބަރު މަހު ޔޫރޯ ކުޅެން ފަސް ސްޓޭޑިއަމެއްގެ ނަން ޔޫއޭފާ އަށް ދީފަ އެވެ. ނަމަވެސް 11 ސިޓީއަކުން މެޗުތައް ބާއްވަން ވާދަކުރެ އެވެ.
ދަނޑުތަކުގެ ފެންވަރު ދަށް، އިޓަލީގައި ޔޫރޯ ނުބޭއްވިދާނެ: ޔޫއޭފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ