އަކްޝޭ، ތައިލެންޑުގައި ކިޔަވާ ކުދިންތަކެއް ތަމްރީނުކުރުމަށް ޚަރަދުކުރަނީ

ތައިލޭންޑުގައި ކިޔަވައި ތަމްރީނުތަކެއް ހޯދަމުން އަންނަ ކުދިންނަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ހަމަޖައްސައިދީ، އެ ކުދިންނަށް އެހީތެރިވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އެ ކުދިންނަކީ މާޝަލް އާޓްސްގެ ތަމްރީނުތަކެއް ހޯދަމުން އަންނަ ކުދިންތަކެއް ކަމަށާއި އަކްޝޭ އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ހާމަކޮށްފައިވަނީ އެކްޓަރު ހުށަހަޅަމުން އަންނަ ޓެލެވިޒަން ޝޯ "ވީލް އޮފް ފޯޗޫން"ގެ ޝޯގައި އެ ޝޯގެ ބައިވެރިއެކެވެ. ވިސްޕީ ނަމަކަށް ކިޔާ އެ ބައިވެރިޔާ ވަނީ، އޭނާއާއި މާޝަލް އާޓްސްއާ ހުރި ގުޅުމާ ބެހޭގޮތުން "ވީލް އޮފް ފޯޗޫން"ގެ ޝޯގައި ވާހަކަ ދައްކާފައެވެ. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ގިނަ ދަރިވަރުންތަކަކަށް އަކްޝޭ ކުމާރު އެހީތެރިވާކަން ފާހަގަކުރަމުން ވިސްޕީ ބުނީ ޚުދު އޭނާއަކީ އަކްޝޭގެ ދަރިވަރެއް ކަމަށާއި އާއްމުންނަށް ނޭނގޭ ވަރަށް ބޮޑު ސިއްރެއް އެބައޮތް ކަމަށެވެ. އަކްޝޭ ހޯސްޓުކޮށްދޭ ޓެލެވިޒަން ޝޯ "ވީލް އޮފް ފޯޗުން"ގެ ސެޓުގައި އެކްޓަރު-- ފޮޓޯ/އިންޑިއަންއެކްސްޕްރެސް އެގޮތުން އަކްޝޭއަކީ މާޝަލް އާޓްސްއަށް ގާބިލު ކުދިން ހޮވުމަށްފަހު އެކުދިންގެ ތަމްރީނުތަކަށް އަމިއްލަ ޖީބުން ޚަރަދުކޮށް ތައިލެންޑަށް ފޮނުވާ ފަންނާނެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ވެސް މާލީ ގޮތުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވިސްޕީ ވަނީ އެ ޝޯގައި ބުނެފައެވެ. ވިސްޕީ އިތުރަށް ބުނި ގޮތުގައި، އަކްޝޭގެ މި ދީލަތި އެހީތެރިކަމުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ޕްލެޓްފޯމްތަކަށް ދިއުމުގެ ފުރުސަތު ނުލިބިފައި ތިބި ހުނަރުވެރި ކުދިންނަށް އައު އުންމީދުތަކެއް ލިބިގެންދެއެވެ. މިއީ އަކްޝޭ ކުމާރުގެ ދީލަތިކަން މިގޮތަށް ހާމަވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އޭނާގެ އިޖުތިމާއީ މަސައްކަތްތަކާ ބެހޭގޮތުން އެކި ފަރާތްތަކުން ވާހަކަ ދައްކާފައިވެއެވެ. މި ޝޯގައި މީގެ ކުރިން ބައިވެރިވި ސީނިއާ ނޫސްވެރިޔާ ސޯނަލް ކަލްރާވެސް ވަނީ، އެކި ކާރިސާތަކާއި އެހީއަށް ބޭނުންވެފައިވާ ކަންކަމުގައި އަކްޝޭ ފޯރުކޮށްދޭ އެހީތަކުގެ ވާހަކަ ދައްކާފައެވެ. ޑިސިޕްލިން ދިރިއުޅުމަކަށް ލޯބިކުރާ، އަދި ދުޅަހެޔޮކަމާއި މާޝަލް އާޓްސްއަށް ބޮޑު ސަމާލުކަމެއް ދޭ އަކްޝޭ އަކީ، އަބަދުވެސް ޒުވާނުން ތަމްރީނުވެ އަމިއްލަ ނަފްސު އިސްލާހުކުރުމަށް ހިތްވަރުދޭ ފިލްމީ ތަރިއެކެވެ. އަކްޝޭ އަމިއްލައަށް މިފަދަ މަސައްކަތްތަކުގެ ވާހަކަ ވަރަށް މަދުން ނޫނީ ނުދެއްކި ނަމަވެސް، އޭނާގެ އެހީތެރިކަން ލިބުނު ފަރާތްތަކުގެ މިފަދަ ބަސްތަކުން ހާމަވަނީ، އޭނާއަކީ ހަމައެކަނި ފިލްމީ ތަރިއެއް ނޫން ކަމާއި، އަންނަން އޮތް ޖީލަށް އެހީތެރިވުމުގައި ދެގޮތެއްނުވެ ދެމިހުރި ޚިދުމަތްތެރިއެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކްޓަރަށް ތައުރީފުކޮށްފައެވެ. އަކްޝޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ބޫތު ބަންގްލާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ