މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު: މީރާ

މިދިޔަ އަހަރުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ގްރީން ޓެކުހަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި ސަފާރީތަކައި، އެނޫންވެސް އެފަދަ ތަންތަނަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކްސްއެކެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނެރެފައިވާ މިދިޔަ އަހަރުގެ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެންބަރު މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ވަނީ 2.26 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ޑޮލަރުން ނަމަ 144 މިލިއަން ރުފިޔާ އެވެ. 
މިދިޔަ އަހަރު އެންމެ ގިނައިން ގްރީން ޓެކުހުގެ ގޮތުގައި ފައިސާ ލިބިފައިވަނީ މާޗު މަހުއެވެ. އަދި އެއަށްފަހު ޖެނުއަރީމަހުއެވެ.
- މާޗް: 270،015،253 މިލިއަން ރުފިޔާ
- އޭޕްރިލްމަހު: 226،663،471 މިލިއަން ރުފިޔާ
- ޑިސެމްބަރުމަހު: 218،689،866 މިލިއަން ރުފިޔާ
- ޖޫންމަހު: 163،267،600 މިލިއަން ރުފިޔާ
2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދަކީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 108.4 އިންސައްތައިގެ އިތުރުވުމެކެވެ. 2024 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއް ސަބަބީ 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ގެނެސްފައިވާ ބަދަލެވެ. އެގޮތުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ސަރުކާރުން ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ.
އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ ހުއްޓާލާފައެވެ. މި ބަދަލާއިއެކު 2025 ވަނަ އަހަރަށް ލަފާކުރި "ބަޖެޓް ޕޮޒިޝަން ރިޕޯޓް" ގައި ބުނެފައިވަނީ، 2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ %95.2 އިތުރުވެ، 963.6 މިލިޔަން ރުފިޔާ ލިބޭނެކަމަށެވެ. ނަމަވެސް އަހަރު ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވަނީ މިއަށްވުރެ ވަރަށްވެސް ބޮޑުތަނުން އިތުރުވެފައެވެ. 
މީގެ އިތުރުން، މިދިޔަ އަހަރަކީ ރިކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެއް ކަމަށްވުމުން ޓެކުހުގެ ގޮތުގައި ލިބުނު އަދަދަށް ވަނީ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ