ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

40 ވަނަ ބަޔާ ގުޅޭ
"ވަޓް ދަ-" ޝާވިންއަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ދޫކޮށްލެވުނީ ތަގުޅިކޮށްލެވުނު ދެލޯ ހުޅުވައިލިއިރު ސިހުމުގެ ލޮލަކުން އޭނާއަށް ބަލަހައްޓައިގެން ހުރި ނުދަންނަ އަންހެންކުއްޖާ ފެނުމުންނެވެ. ހަމަގައިމުވެސް އެއީ އައިލީންއެއް ނޫނެވެ. ކޮނޑާހަމައަށް އޮތް އެކުއްޖާގެ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑާއި، ހުދު އަރައިފައިވާ މޫނުގެ އިތުރުން ސިހުމާއެކުވެސް ކުޑަކުޑަކޮށް ފެންނަންހުރި ދެލޮލުގައި އައިލީންއާ އެއްވެސް އެއްގޮތް ކަމެއް ނެތެވެ. އެހެނަސް އެ ކުޑަކުޑަ ދެލޮލުގައިވާ ކަޅުކަންގަދަ ކަޅީގެ ފުންކަމަށް ގެއްލިފައި ޝާވިންއަށް އޮވެވުނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފަ އެވެ.
"އޯކޭތަ؟ ތަދުވިތަ؟" އެކުއްޖާ ކަންބޮޑުވެފައިހުރެ ޝާވިން އޮތް ހިސާބަށް ތިރިވެލި އެވެ. އެ ސުވާލަށް ޖަވާބުދޭން ޝާވިންގެ ދޫ ނުކުޅެދުނެވެ. ހުދުކުލައިގެ އަތްދިގު ހެދުމެއްގައިހުރި އެ ފަތްމިންޏަށް ބަލަހައްޓައިގެން އޮވެވުނީ އެވެ. އެކުއްޖާއެކޭ ހަރީފުގެ މޫސުމާއެކު ބިމަށް ދޫކޮށްލާފައިދިޔަ ޕަރީއެކޭ ތަފާތެއް ނެތެވެ. އައިލީންގެ ލޯބީގައި ކިތަންމެ ދީވާނާވެފައި ވިއެއްކަމަކު އެކުއްޖާގެ ރީތިކަމަށް ހިތާހިތުން ނަމަވެސް ތައުރީފެއް ނުކޮށް ދޫކޮށްލުމަކީ ޝާވިންގެ ނަޒަރުގައި އެ ރީތިކަމަށް ވެވޭނެ ބޭއިންސާފެކެވެ. ދިގުދެމިގެންދިޔަ ހިމޭންކަމެއްގައި ތިބެވެނިކޮށް ކުރިމަތީގައިހުރި ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އިވާން ނުކުމެއްޖެ އެވެ.
"އާން ކީކޭ-ޕްފްފްޓް.. ހަހަހަހަހަ" އިވާންއަށް ޝާވިން އޮތްގޮތް ފެނި ހިނިގަނޑު ހިފަހައްޓައިލުން ވީ އުނދަގޫ ކަމަކަށެވެ. ޝާވިން ދެލޯ ހަނިކޮށްލަމުން އިވާންއަށް އިންޒާރުގެ ނަޒަރެއް ދިން ނަމަވެސް އެ ނަޒަރުން އިވާން ފަސްނުޖެހޭ ކަހަލަ އެވެ. ބަނޑުގައި އަތް އަޅާލައިގެން އޮވެ ޕަކަޕަކަލާފައި ހެމުންދިޔަ އެވެ.
ޝާވިން ދެން ބަލައިލީ އޭނާގާތު އިށީނދެއިން އަންހެންކުއްޖާ އަށެވެ. ކުރިން ހާސްކަމާއި ކަންބޮޑުވުން ފެންނަންހުރި އެ ކުއްޖާގެ މޫނުމަތިން މިހާރު އެއިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ތުން ފިއްތައިލައިގެން އިން ގޮތުން އޭނާވެސް އިނީ ނުހޭން ކަހަލަ އެވެ. ޝާވިން ބަލައިލުމާއެކު އިތުރަށް ހިނިގަނޑު އޮއްބައިލުމަށް އަނގަމަތީގައި އަތް އަޅައިލި މަންޒަރުފެނި މިފަހަރު ޝާވިންއަށްވެސް ހެވުނީ އެވެ. އެއާއެކު އެކުއްޖާގެ ހިނިގަނޑުވެސް ދޫކޮށްލައިފި އެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެ ހޭން ފެށުމާއެކު އިވާންއަށް ބޭއިޙްތިޔާރުގައި ބުމަ ގޮށްޖަހައިލަމުން އޭނާގެ ހުނުން ކޮންޓްރޯލު ކޮށްލެވުނެވެ. ފެނުނު މަންޒަރުގެ ބީރައްޓެހިކަމާމެދު އޭނާއަށް އަޖައިބުވެވުނީ އެވެ. ވާނީވެސް އެހެންތާ އެވެ. މަލަކްގެ މި ސިފަ އޭނާއަށް މި ފެންނަނީ މުޅިން އަލަށެވެ. ނުވިތާކަށް އައިލީން ބީވެގެންދިޔަ ދުވަހުއްސުރެން އެކުވެރިޔާގެ މޫނުމަތިން އުފާވެރިކަން އޮއްސިފައިވި މިންވަރު އޭނާއަށްވަނީ ފެނިފަ އެވެ. ހިނދުކޮޅަކަށް ނަމަވެސް ޝާވިންގެ މޫނަށް އުފާވެރިކަން އަލުން އިއާދަ ވީތީ އިވާންއަށް ހަމަޖެހުމެއް ލިބުނެވެ.
ފާހަނައިން ނުކުތް މާޒިޔާވެސް އެމީހުންގެ ހުނުމުގެ އަޑު އިވުމާއެކު އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރީގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ކަންތައް ވީގޮތް ސާފު ނުވިޔަސް ދޮރުމަތީގައި ވެއްޓިފައި އޮތް ޒުވާނާފެނި ކަންބޮޑުވި ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ހުއްޓުނީ އެ ޒުވާނާއަށް ބަލަބަލާފައި ހެމުންދިޔަ އޭނާގެ ދަރިފުޅު މަލަކްއަށެވެ. އޭނާގެ ހިޔާލުވެސް ދަތުރުކުރީ އިވާންއާ އެއް މިސްރާބަކަށެވެ. މިފަހަކަށް އައިސް މަދުމަދުން މީހުންނަށް ހިނިތުންވެލައި އުޅުނު ނަމަވެސް އެފަދަ ގޮތަކަށް ހިޔާލެއް ފިކުރެއްނެތި އެ ދަރިފުޅު ހީ ސަކަރާތް ޖަހާތަން އޭނާއަށް ނުފެންނަތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ؟ މާޒިޔާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވި އެވެ.
"ދައްތާ.." މާޒިޔާއަށް އެންމެ ފުރަތަމަވެސް ގޮވައިލީ އިވާން އެވެ. އެ އަޑާއެކު މަލަކްއާއި ޝާވިންއަށްވެސް ހަމަ ކުއްލިއަކަށް ހޭވެރިކަމެއް ލިބުނުފަދަ އެވެ. ހުނުން ހުއްޓައިލުމަށްފަހު ވަށައިގެން ހޯދައިލިއިރު ކައިރީގައިހުރި މާޒިޔާފެނި މަލަކް އަވަސްއަވަހަށް އިންތަނުން ތެދުވިއިރު ޝާވިންވެސް އިވާން ދިއްކޮށްލި އަތުގައި ހިފައި ތެދުވެލަމުން ހަމަ އިސްކޮޅަށް ދެމިލި އެވެ.
"ދަރިފުޅާ؟" މާޒިޔާ ސުވާލުގެ ރާގެއްގައި މަލަކްއަށް ގޮވައިލި އެވެ.
"ދައްތާ މިއީ ޝާވިން.. އަޅުގަނޑުގެ ބެސްޓްފްރެންޑް.. މިއީ މަލް.. ދެން މަލްގެ މަންމަ" މަލަކްއަށް ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި ހުއްޓައި އިވާން އެމީހުން ތަޢާރަފު ކޮށްދިނުމަށް އަވަސްވެގަތެވެ.
"އެހެންތަ؟ މިއީ ދޯ ރޭގަ ދައްތަމެން ބަލާ އައި އާޝިޔާގެ ދަރިފުޅަކީ.. ކައުންސިލްގަ އުޅޭ ކުއްޖާދޯ މިއީ.. މަންމަ ނާދޭތަ؟" މާޒިޔާ ބޭނުންވީ އެ ރަށުން އޭނާއަށް ލިބުނު އާ އެކުވެރިޔާގެ ގާތަށް ދާށެވެ.
"މަންމަވެސް އައި. ތިރީގަ ސައި ރެޑީ ކުރާތީ ގޮވާލަންވެގެން މައްޗަށް މި އައީ؟" ޝާވިން އަދަބުވެރިކަމާއެކު ވާހަކަ ދެއްކި އެވެ.
"އެހެންވިއްޔާ ދައްތަވެސް ގޮސްލާނީ ތިރިއަށް. މަލަކް ދަރިފުޅު އަވަހަށް އަންނައްޗޭ. އިތުރު މީހަކަށް އަނިޔާއެއް ނުވަނީސް ބަލާލަބަ ތި ދިމާ ތެމިފަތޯ ކައްސާކަހަލަ ގޮތަކަށްތޯ އޮތީ؟" މާޒިޔާ ސިޑިން ތިރިއަށް ހިނގައިގަންނަމުން ބުންޏެވެ. އޭނާގޮސް ސިޑީގެ ފަހު ހަރުފަތާ އަރައި ހަމަވުމާއެކު ދެންތިބި ތިން މީހުން އެކަކު އަނެކަކަށް ބަލައިލަމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ.
"ޕިސްޕިސް. ދޮގެއްވާ ނޫނޭ.. ކިހިނެއްތަ ތި ހެދީ؟" ޝާވިންގެ ކޮނޑުގައި ބޮނޑިއެއް އަޅަމުން އިވާން އަހައިލި އެވެ.
"އައި ފެލް ފޯރ ހަރ- މި ބުނީ އަނެއް.. ޔެސް މިތާ ލެގިގެން ހުއްޓާ މަލް ދޮރު ހުޅުވާލީމަ.. އައި ފެލް.." ހުނުމުގެ ސަބަބުން ނޭވާ ކުރުވެފައިހުރި ޝާވިންއަށް ބުނެވުނު އެއްޗެއް ރޭކައިލުމާއެކު އެހާމެ އަވަހަށް އޭނާގެ ބުނުން އިސްލާހުކޮށްލި އެވެ.
"ޕިސް ޕިސް ކަލޭ ނުވާނެ ރަނގަޅެއް. ކޯއްޗެއްތަ ކެއީ؟ ރޭގަ ނުވެސް ކެވުނޭ..." އިވާން މާބޮޑު ފިކުރަކާނުލައި ވާހަކައެއް ފަށަމުން ޝާވިންގެ ކޮނޑަށް އަތް ވައްޓާލައިގެންހުރެ ސިޑިން ފައިބަން ފެށުމާއެކު މަލަކްވެސް ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
"ކޮން އަޑުފަށްގަނޑެއްތަ ދެންމެ އެ އިވުނީ؟" އިވާން ފެނުމުން އާޝިޔާއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ.
"ހަހަހަ. އެއީ މި ޝޯން ވެއްޓުނު އަޑެއްނު؟" ކާމޭޒު ދޮށުން ގޮނޑިއެއް ދަމައިލައި އިށީނދެލަމުން އިވާން ހިނިގަނޑެއް ޖަހައިލި އެވެ. އެހާ ދުވަހަށްފަހު އެކުވެރިޔާއާ ދިމާވުމުން އޭނާގެ މޫޑުވެސް ހުރީ ރަނގަޅުވެފަ އެވެ.
"ވެއްޓުނީއޭ؟ މަގޭ ދަރި. ސިޑިންތަ ވެއްޓުނީ؟ ކޮންތާކަށް ތަދުވަނީ؟" އާޝިޔާ ތެޅިގަނެފައިގޮސް ޝާވިންގެ އަތުގައި ހިފަހައްޓައިލުމާއެކު ޝާވިން ފާޑަކަށް ރަކިވެފައި އިނދެ މަލަކްއަށް ބަލައިލިއެވެ. އޭރުވެސް މަލަކް ހިނި އައިސްފައި އިންތަން ފެނި ލަދުން ބޯވެސް ކަހައިލެވުނެވެ.
"މަންމާ ކަމެއް ނުވެޔޭ.. ސިޑިންނެއް ނޫނޭ ވެއްޓުނީ.. އަހަރެން ދޮރުފަތުގަ ލެގިލައިގެން ހުއްޓާ މިއީ.. މަލް.. މަލްއަށް ދޮރު ހުޅުވާލެވުނު ގަޑީގަ ވެއްޓުނީ" ޝާވިންގެ ކަޅި ވާހަކައިގެ ތެރެއިން މަލަކްއާ ސީދާވެލުމާއެކު މަލަކް އަވަސްއަވަހަށް އިސްޖަހައިލި އެވެ.
"ޕިސްޕިސް. ތަނެއް ދޮރެއް ދޮރުފަތެއް ބަލާނުލާވިއްޔަ އުޅޭނީ. ދެން މިއަދު އޮފީހަށް ނުދަންތަ؟" އާޝިޔާ އަހައިލި އެވެ.
"ދާންވާނެ ދޯ. އާން ކަމެއްވެސް އެބަ އޮތޭ.. އޭ ގުޅާނަން އެނގޭ" އިވާންއަށް އިޝާރާތެއް ކޮށްލުމަށްފަހު ޝާވިން ލަސްނުކޮށް ގެއިން ނުކުތުމަށް ހިނގައިގަތެވެ. އިވާންވެސް ސައިބޮއި ނިންމައިލުމަށްފަހު ދިޔައީ ގޭދޮށުގައިހުރި ގަރާޖުގެ ހާލަތެއް ބަލައިލުމަށެވެ.
"އާޝިޔާއަށް ކިހާ އުނދަގޫވާނެ ކޮންމެ ދުވަހަކު މިގެއަށް އަންނަން. މިއަދު ހިނގާބަލަ އަހަރެންނަށް މިރަށުން ފިހާރައަކާ އެއްޗެހި ދައްކާލަން. އޭރުން އަހަރެންވެސް ކެއުމުގެ ކަންކަން ހަމަޖައްސާލާ ފާނަމޭ" ހުސްކޮށްފައިހުރި ތަށިތައް ބަރި ޖަހަމުންދިޔަ އާޝިޔާގެ މަސައްކަތަށް ބަލަން އިނދެ މާޒިޔާ އޭނާގެ ހިޔާލު ހިއްސާކޮށްލި އެވެ.
"އުނދަގުލެއް ނުވާނެ. ދެން ރަށަށް ފަރިތަވެލީމަ އަހަރުމެން ގެއަށްވެސް އެހެން އުޅެލާފަ ކާން ދެވޭނެއެއްނު. އެކަމަކު މިއަދު ހިޔާވެލީމަ ވާނެ ރަށުތެރެ ބަލާލަން ނުކުމެލަން. އޭރުން މަލަކްވެސް ފޫހި ފިލާނީ ދޯ މަލް" އާޝިޔާގެ ވާހަކައަށް ބޯ ޖަހައިލަމުން މަލަކް ހިނިތުންވެލި އެވެ.
"މަލަކް މިހާރުވެސް ވަރަށް ހަމަޖެހިލާފަ އެ ހުންނަނީ. މި ގެ ހުންނަ ހިސާބުވެސް ހާދަ ހިތްފަސޭހައޭ ދޯ. ބަނދަރަކާވެސް މާ ދުރެއް ނޫނެއްނު. އެކަމަކު ގެ އެއްކޮށް ފަޅަށް ދޯ އޮތީ އަހަރުމެން އައުމުގެ ކުރިން" މާޒިޔާ އެ ގޭގެ ވަށައިގެން ނަޒަރު ހިންގައިލި އެވެ.
"އާން އާޒިމާއްތަ ނިޔާވިފަހުން ފަޅަށް މިހުންނަނީ. އެކަމަކު ކުރިން މިއީވެސް ހާދަ ދިރުމެއް އޮންނަ ގެއެކޭ.." އާޝިޔާގެ ޖަވާބާއެކު މާޒިޔާގެ ހިތުގައި އުފެދުނު ސުވާލުތައް ވީ އިތުރެވެ. "ކިހިނެއްބާ ކުއްލިއަކަށް ފަޅުވީ؟ އަނެއްކާ ސިހުރު ހާހޫރައިގެ ކަމެއް؟" އޭނާ ބިރުން އިނދެ އަހައިލި އެވެ.
"ނޫނޭ ނޫނޭ. މިހެން ބުންޏަސް އޭރުވެސް އަނެއްހެން އިވާންއާއި ލީންއާ ދެކުދިން އެކަނި މި ގޭގަ އުޅޭނީ. އެއީ އާޒިމާއަށް މާމަކިޔާ ދެކުދިން. އާޒިމާއްތަ ދުނިޔޭގަ އިންދާ ފިރިމީހާއާއި ފިރިހެން ދަރިފުޅު ނިޔާވެއްޖެ. ދެން އަންހެން ދަރިފުޅު އުޅެނީ ބީރައްޓެއްސަކާ އިނދެގެން ގޮސް އެރަށުގަ" އާޝިޔާ ބުންޏެވެ. "މީހުން ކިތަންމެ މަދުން ދިރިއުޅުނަސް ގެ އޮންނާނީ އަބަދުވެސް ފުރިފަ. އިވާންއާއި ލީންއާ ދެކުދިންވެސް ނިކަން މީހުންނަށް ހެޔޮވާނެ. އިވާން އޭރު އުޅޭނީވެސް އަދި މިރަށު ފުލުސް އޮފީސް އިންޗާޖަކަށް.. އަބަދު ރަށްޓެހިން ގެނެސްގެން ގޭގަ ކޮންމެވެސް ސަކަރާތެއް ޖަހާ އެކުދިން އުޅޭނީ. އަހަރުމެންގޭ ޝާވިންވެސް އަބަދު އައިސް އުޅޭނީ މި ގޭގެ. ދެން އެން އާޒިމާއަކީ އެކުދިންގެ މިނިވަންކަމާ މާ ބޮޑަށް އަޅާލާ މީހެއް ނޫންވީމަ ފަސޭހަވެސް ވާނެތާ އެކުދިންނަށް. މައިންބަފައިން ނެތަސް ވަރަށް ގުޅިގެން އުޅުނު ކުދިބައެއް އެއީ.. އާޒިމާދެކެވެސް ވަރަށް ލޯބިވާނެ.. އެކަމަކު ކީއް ކުރާނީ ދޯ؟" އޭނާގެ ވާހަކަ ނިންމައިލިއިރު އެ އަޑުގައިވި މާޔޫސްކަން މާޒިޔާއަކަށް ސިއްރެއް ނުވި އެވެ.
"ތި ބުނީ؟ އިވާންއަކީ ފުލުހެއްތަ؟ އަހަރެން އަޑުއެހިން އިވާން މާލޭގަ އުޅުނީ ވަގުތީ ވަޒީފާއެއްގަ އޭ" މާޒިޔާ އޮޅުން ފިލުވަން ބޭނުންވި އެވެ.
"އާން ފުލުހަކަށް އުޅުނީ. އިވާން ނުކިޔާދޭތަ އެ ވާހަކައެއް؟" އާޝިޔާގެ ވާހަކަ އެހިސާބަށް ދިޔައިރު މާޒިޔާގެ އިތުރުން އެތަނުގައި އިން މަލަކްގެ ސަމާލުކަންވެސް އޭނާއަށް ލިބިއްޖެ އެވެ. އިވާންގެ ފުރިހަމަ ހަގީގަތް ހޯދަން ޙުދު އޭނާވެސް ބޭނުންވެފައިވާ ކަހަލަ އެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން ދެމައިން އެކަކު އަނެކަކަށް ބަލައިލި އެވެ.
"ކޮން ވާހަކައެއް؟" މާޒިޔާގެ ބުމަ ގޮށްޖެހުނެވެ.
އާޝިޔާ ބަދިގޭގެ ފާރާ ކައިރިއަށް ޖެހިލަމުން އެތަނުގައިހުރި ކުޑަދޮރުން ބޭރު ބަލައިލީ އެވާހަކަ އަޑުއިވޭ ހިސާބެއްގައި އިވާން ނެތްކަން ޔަގީން ކުރުމަށެވެ. ދެން މޭޒު ކައިރިއަށް ޖެހިލައި އެ ވާހަކަ އަލުން ފެށިއިރު އޭނާގެ އަޑު އިހުނަށްވުރެ މަޑެވެ. "އަހަރެން އަސްލު ދައްކައިގެންވެސް ވާނެ ވާހަކައެއް ނޫން ކަންނޭނގެ މިއީ. މަގޭ ޝާވިން އޮތީ މަނާވެސް ކޮށްފަ. އެކަމަކު މާޒިޔާމެންވެސް އައިސް ތި ތިބެނީ މިގޭގަތާ ދޯ؟ މިއަދުވެސް މަގުމައްޗަށް ނުކުމެލީމަ މީހެއްގެ އަނގައިން މިވާހަކަ ގޯސްކޮށް އިވުމަށްވުރެ ރަނގަޅުވާނެ ކަންނޭނގެ ހަގީގަތް އެނގިފަ އޮތިއްޔާ. މީގެ އަށެއްކަ މަސް ކުރިން އެއީ.." އާޝިޔާ ސިއްރު ސިއްރުން ހުރިހާ ވާހަކައެއް މަލަކްއާއި މާޒިޔާއަށް ކިޔައިދޭން ފެށި އެވެ.
"ޕިސްޕިސް. އެކަމަކު އަހަރެންނަށް ހީ ނުވެއޭ އިވާން އެއީ އެވަރުގެ ކަމެއް ކޮށްފާނެ ކުއްޖެއް ހެނެއް" އާޝިޔާގެ ވާހަކަ އިވުމަށްފަހު މާޒިޔާއަށް ފުރަތަމަވެސް ޖެހެވުނީ އިވާންގެ ފަޅިއަށެވެ.
"އަހަރެންނަށް ޔަގީނޭ އިވާންގެ ކުށެއް ނެތްކަން. ފައިސާގެ ދަހިވެތިކަމުގެ އެ ރޫމީ ކުރިކަމެއް އެއީ. އެކަމުގަ އުޅުނު މީހުން ހޯދަން ޝާވިން ކޮންމެވެސް ބަޔަކާ ގުޅައިގެން އުޅެނިކޮށް ސާބިތު ނުވާކަމަށް ދޫކޮށްލީ. އެހެންނޭ ކިޔާފަ އެ ލިބުނު ގެއްލުން ފޫބެއްދޭތަ؟ އެފަކީރުގެ މުޅި ދިރިއުޅުން އެ ބަރުބާދުވީ. ރަށު މީހުންވެސް މިހާރު އެބަޔަކަށް ފެންނަ ގޮތަކަށް އެބަޔަކު ކަންކަން ގަބޫލުކޮށްގެން އެ ތިއްބަސް ގައިމު މީގެ ކުރިންވެސް އެކަހަލަ ކަމެއްގަ އަޑެއްވެސް އަރާފަ އޮތް ކުއްޖެއް ނޫން އެއީ. ކިރިޔާވެސް ވާހަކަދައްކާލާ އުޅޭނީ ޝާވިންގެ ހަގަށް ތިބޭނެ އަހަރެންގެ ދެ އަންހެން ކުދިންނާ. ދުވަހަކުވެސް އެއިން ކުއްޖަކަށްވެސް ގޯނާއެއް ކޮށްލިއެކޭވެސް އަޑެއް ނާހަން." އާޝިޔާ އިތުރަށް ކިޔައިދިނެވެ. "ޝާވިން އެހެން ދޭތެރެއަކުން މިގޭ ލީންއަށް އުނދަގޫކޮށްލާފަ ކުއްޖަކާ ވާހަކަދައްކާލާ ހެދިޔަސް އިވާން އެކަންކަމާ ނުލާހިކު ދުރުދުރުން އުޅޭނީވެސް. އަހަރެންނަށް އެނގިފަ އޮތް ގޮތުން މިގެއަށް އެއްފަހަރު އައިސް އުޅުނު މައިރާ ކިޔާ މަންޖެއަކާ އެކަނި އިވާން އަލަށްވެސް ރަށްޓެހިވީ. އެކުއްޖާއާ ހީވި ދެންމެދެންމެ ކައިވެނި ކޮށްފާނެއޭވެސް. ނަސީބު ދެރަކަމުން އެ މަންޖެ ހުއްޓާވިއްޔަ އެ ކަންތައްގަނޑު ހިނގައި ދިޔައީ. އެކަމާ އެ މަންޖެވެސް އިވާން ދޫކޮށްލީހެން ހީވަނީ. ޝާވިންގާތު އެހީމަވެސް އެކަން ހިނގި ގޮތެއް ނުކިޔާދިން. އޭނަ މަރާލިޔަސް އިވާންގެ ސިއްރެއް ބޭޒާރު ނުކުރާނެ"
"މައިރާއޭ؟ ތި ދައްކަނީ އަހަރުމެންގެ މައިރާގެ ވާހަކަތަ؟" މާޒިޔާއަށް ލިބުނީ ހައިރާންކަމެކެވެ.
"މާޒިޔާގެ ހުރޭތަ މައިރާ ކިޔާ ކުއްޖެއް؟" އާޝިޔާއަށް އަހައިލެވުނެވެ.
"ނޫން. އަހަރެންގެ ހުންނާނީ މަލަކް އެކަނި. އަހަރެންނަށް ބޮޑުދައިތަ ކިޔާ ކުއްޖެއް މައިރާއަކީ. ތިހެން ބުނީމަ މި ހަނދާންވީ. އިވާން ފުރަތަމަ އަހަރުމެންގެ ގެއަށް އަންނަން ފެށީވެސް މައިރާއާ އެއްކޮށޭ ދޯ މަލަކް؟ އަހަރެން އަދި ހީކޮށްގެން މި ހުންނަނީ އެދެކުދިންނަކީ ހަމައެކަނި ރައްޓެހިން ކަމަށް. ދަރިފުޅާ އަޅެ މި މައިރާ ވަގެއް ނޫންތަ؟ މިއަދު ވާނެ ގުޅާފަ ހުރިހާ ވާހަކައެއް ހޯދަން.. ހަހަހަ" މާޒިޔާ ހިނިގަނޑެއް ޖަހައިލި އެވެ.
"އިވާން އަލުން އެކުއްޖާއާ ގުޅުނީތަ؟" އާޝިޔާއަށް އެ ހަބަރުވީ މުޅިން އާ ހަބަރަކަށެވެ.
"ނޭނގެ. މައި ނުވެސް ދައްކާ ތިކަހަލަ ވާހަކައެއް. މަންމަ އެއްޗެކޭ ނުކިޔާ މަޑުކޮށްލައްޗޭ.. އަހަރެން މައިއާ ވާހަކަ ދައްކާނީ" މަލަކް ފުން ވިސްނުމެއްގެ ތެރޭގައި އިނދެ ބުންޏެވެ. އޭނާ އިވާންއޭ ކިޔައިގެން މައިރާގާތު އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް މައިރާ އެދެމެދުގައި ގުޅުމެއް އޮތްކަމުގެ އިޝާރާތެއް ކޮށްނުލަ އެވެ. އެވަރުގެ ކަމެއް މައިރާ އޭނާއަށް ސިއްރުކޮށްފައި ބޭއްވީތީ މަލަކްގެ ހިތުގައި ޝަކުވާ އުފެދުނެވެ.
-----------
ގެއަށް ދޫކޮށްލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތެރަޕީ ސެޝަނެއް އޮތުމާއެކު އައިލީން ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. އޮފީހުގެ މަސައްކަތެއްގައި މައިރާ ކޮންމެހެން ދާން ޖެހުމުން ނުސްރާއާއި މާޖިދު ހޮސްޕިޓަލަށް އައިނަމަވެސް ނަދާލް އެތަނުން ދުރަށް ދާކަށް ގަސްތެއް ނުކުރި އެވެ.
"މަންމަ މަޑުކޮށްލާނަމޭ ލީންގާތު. ދަރިފުޅު ދޭބަލަ ގެއަށްގޮސް ރެސްޓް ކޮށްލައިގެން އަންނަން" ނަދާލްގެ މޫނުމަތިން ފާޅުވާންހުރި ވަރުބަލިކަން ދެނެގަންނަމުން ނުސްރާ ބުންޏެވެ. އެ ދެލޮލުގައިވާ ބަރުކަމުން އެކަނިވެސް އޭނާއަށް ނަދާލް މުޅި ރޭ ހޭދަކުރީ ލޮލުފިޔަ ޖަހާނުލައިކަން ޔަގީންވި އެވެ. ނަމަވެސް ނުސްރާގެ ވާހަކައަށް ނަދާލް ބޯ ހޫރައިލި އެވެ. އޭނާގެ ކަޅި ހިނދުކޮޅަކަށްވެސް އައިލީންއާ ވަތްކެއްނުވެ އެވެ. އެސްފިޔަ ޖަހައިލަންވެސް އޭނާގެ ދެލޯ އިންކާރު ކުރަމުންދާފަދަ އެވެ. ހިނދުކޮޅަކަށްވިޔަސް އައިލީން ލޯމަތިން ގެއްލިދާނެކަމުގެ ބިރުގަ އެވެ.
"އަޅުގަނޑު މިތާ ރެސްޓް ކޮށްލާނަމޭ މޯމް. އިރުކޮޅަކުން ނިދާލާނަން.. ޕްރޮމިސް" ނުސްރާ ކުރުނުކޮށް ކިޔަން ފެށުމުން ނަދާލް އެންމެފަހުން ބުންޏެވެ.
"މަންމައަށް ހީވިއޭ ދަރިފުޅު ތިހެންނޭ ބުނާނީ. އަން މިއޮތީ" ކޮތަޅަކަށް ލައިފައި އޮތް ގަމީހެއް ނަދާލްއަށް ދިއްކޮށްލަމުން ނުސްރާ ބުންޏެވެ.
"ލީން ހޭލާއިރުވެސް ތިހެން އިނީމަ ކަމަކު ނުދާނެ. އަވަހަށް ދޭ ގަމީސް ބަދަލުކޮށްލަން. މަންމަ އޮންނާނެ ފޯނުވެސް ޗާޖުކޮށްލައިގެން ގެނެސްފަ" އޭނާ އިޝާރާތްކޮށްލީ ނަދާލް ލައިގެންހުރި ގަމީހުގެ އަތުކުރީގައި ހިކިފައިހުރި ލޭގެ ނިޝާނަށެވެ. އެއީ އައިލީންގެ ޒަހަމުން ގަމީހުގައި ފެވިފައިވާ ނިޝާނެކެވެ. ކިތަންމެ ކުޑަކޮށްހުރި ކަމުގައި ވިޔަސް އެ ނިޝާން ފެނުމާއެކު ނަދާލްގެ ބޮލަށް ހިނދުކޮޅަކަށް އެނބުރުން އަރައިގަތެވެ. ނުސްރާއާ ޖަދަލުކުރުމުގެ ބަދަލުގައި ފާހަނައަށްވަދެ ގަމީސް ބަދަލުކޮށްލައިގެން ނުކުތެވެ.
"ގެނޭ އަނެއް ގަމީސް ދޮވެލަން" ނަދާލް އައިސް ކައިރީގައި އިށީނުމާއެކު ނުސްރާ ބުންޏެވެ.
"އެއްލާލައިފިން" ނަދާލް އަސަރެއް ނެތް ގޮތަކަށް ބުނެލި އެވެ. އޭނާއަށް ދެން އެ ގަމީސް ދުވަހަކުވެސް ލެވިދާނެކަމާމެދު ޝައްކެވެ. އޭގެއިން އައިލީންގެ ލޭގެ އަސަރު ފިލުވައިލެވުނަސް އެ ހާދިސާގެ ލައްގަނޑު ދުވަހަކުވެސް ފިލުވައެއް ނުލެވޭނެ އެވެ.
ނުސްރާއާއި މާޖިދު މާ ވާހަކަ ގިނަ ނުކޮށް އެތަނުން ދިޔުމުން ނަދާލް އަނެއްކާވެސް ނިދިފައި އޮތް އައިލީންއަށް ބަލައިލި އެވެ. ކުޑަދޮރުގައި ދަމާފައިވާ ބްލައިންޑްތަކުގެ ދޭތެރެއިން ފުރޭނިގެން އައި އިރުގެ ދޯދިތައް އައިލީންގެ މޫނަށް އެޅެން ފެށުމާއެކު ނަދާލް ސޯފާއިން ތެދުވެގެންގޮސް ދޮރުފޮތިތަކުން އެ ކުޑަދޮރު ނިވާކޮށްލި އެވެ. ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލައިގެންހުރެ ލަސް ފިޔަވަޅުތަކެއްގައިގޮސް އައިލީންގެ އެނދުކައިރިއަށް ހުއްޓިލި އެވެ. އައިލީންގެ އަތުގައި އަޅައިފައިވާ ބޭސްގަނޑަށް ބަލައިލުމާއެކު އޭނާއަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ކުރުވެގެންދިޔަ ނޭވާ ހަމައަކަށް އަޅުވައިލުމަށް މޭގައި ފިރުމައިލަމުން އޭނާ އެތަނުގައިހުރި ނުސްރާ ގެނައި ކޮތަޅު ހާވަން ފެށްޓެވެ. އެއިން ނެގި ފޯނު ހިފައިގެން ކޮޓަރީގެ ބެލަކަންޏަށް ނުކުމެލިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ހިޔާލެކެވެ. ފޯނުގެ ގަޑިން ހެނދުނު ނުވައެއް ޖަހާފައިވާތަން ފެނި މިއީ ވިލާތުގެ ބައްރަށް ފަތިހުގެ ވަގުތުކަން އޭނާއަށް އެނގުނެވެ. ނަމަވެސް ކުރަންއުޅޭ ކަން އެންމެ ހިނދުކޮޅަކަށްވެސް ދެން ލަސްކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. ދެވަނަ ވިސްނުމަކާނުލައި އިޒްކާއަށް ފޯނުކުރި އެވެ.
"އަހަހަ ހާއި.. ގުޅާނެކަން އެނގޭތީއޭ ނުނިދާ މަޑުކޮށްލައިގެންވެސް މީނީ" ދެތިން ރިންގަށްފަހު އިޒްކާ ފޯނަށް ޖަވާބު ދިނެވެ.
"ގުޅާނެކަމޭ؟" ނަދާލްއަށް އަހައިލެވުނެވެ.
"ހްމްމް. އިޒޫގެ އެގްޒާމް ނިމުނީމަ ނެޑް ކޮންމެ ފަހަރަކުވެސް ގުޅަމެއްނު" އިޒްކާގެ އަޑުގައިވަނީ މައުސޫމުކަމެވެ.
"އޯހް އެގްޒާމް ދޯ. ކިހިނެއްތަ ދިޔައީ؟ ފާސްވާނެތަ؟" ނަދާލް އާދައިގެ މަތިން ސުވާލުކޮށްލި އެވެ.
"ހީވަނީ.. ފުރަތަމަ ޕޭޕަރ ބަލާލާފަ ހީވި ވަރަށް ފަސޭހަވާނެއޭ އެކަމަކު..." އިޒްކާ އޭނާގެ އިމްތިހާނު ކުރިއަށްދިޔަ ގޮތް ނުހަނު ފޯރިއާއެކު ކިޔައިދެމުން ދިޔައިރު ނަދާލްއަށް ހަމައެކަނި ވިސްނެމުން ދިޔައީ ދެކެވެން އުޅޭ ވާހަކައާމެދުގަ އެވެ.
"އިރާދަކުރެއްވިއްޔާ ފާސްވާނެ. އިޒޫ.. އައި.. އަހަރެން އަސްލު.. އެހެން ކަމެއްގަ މި ގުޅަން ޖެހުނީ" ނަދާލް ބެލްކަނީގެ ރެއިލިންގްގައި އުޅަނބޮށި އަޅުވައިލަމުން ބުނެލި އެވެ. "އިޒޫ.. އަހަރެން ދައްކަން މި އުޅޭ ވާހަކަ އިޒޫ ވަރަށް ކަނުލާ އަޑުއަހާލަ ދެއްޗޭ.. އައި ނޯ އައިމް ޕްރޮބަބްލީ ދަ ބިގެސްޓް ޖާރކް ފޯރ ދިސް"
"ނަދާލް.. ޖަސްޓް ސޭ އިޓް!" އިޒްކާގެ އަޑުގައި ކުރިން ހުރި ޖޯޝެއް މިހާރަކު ނެތެވެ. ނަދާލްއަށް ފުންނޭވާއެއް ދޫކޮށްލެވުނުއިރު އޭނާގެ އަޑަށްވެސް ވެރިވެގެން ދިޔައީ އާދަޔާހިލާފު ހިމޭން ކަމެކެވެ.
"އޭޒް ކްލީޝޭ އޭޒް ދިސް ސައުންޑްސް.. އިޓްސް ނޮޓް ޔޫ.. އިޓްސް މީ އެންޑް އައި-"
"ޔޫ އަރ ބްރޭކިންގް އަޕް ވިތް މީ!" މިފަހަރުވެސް ނަދާލްގެ ޖުމްލަ ފުރިހަމަ ކޮށްދިނީ އިޒްކާ އެވެ.
"އިޒޫ އައިމް ސޮރީ. އެކަމަކު އަހަރެން ވަރަށް ގިނަ ގޮތަށް ވިސްނައިފިން އެންޑް އައި.. އައި ޖަސްޓް ކާންޓް.." ނަދާލްއަކަށް އެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ.
"އިޓްސް އޯކޭ ނެޑް. އިޒޫ އަޑުއެހިން ލީންއަށް އިއްޔެ ދިމާވި ކަންތަކުގެ ވާހަކަ. އައިމް.. އައިމް ގްލޭޑް ޔޫ ބޯތް އާރ އޯކޭ. އިޒޫއާ ނެޑް ނުބާއްވާ ގާތްކަން ލީންއާ އޮންނަކަން އިޒޫއަށް އެނގެޔޭ. އިޒޫއަކީވެސް އެހާވަރުގެ މޮޔައެއް ނޫނެއްނު" އިޒްކާގެ އަޑުގައިވި ހިތާމަ ނަދާލްއަކަށް ސިއްރެއް ނުވި އެވެ.
"އިޒޫ އައިމް ސޮރީ.. ކިހާ ދުވަހެއް އިޒޫއަށް އެނގޭތާ؟" އޭނާއަށް އަހައިލެވުނެވެ.
"ދެޓް ޑަޒަންޓް މެޓަރ.. ޔޫ ލަވް ހަރ ރައިޓް؟" އިޒްކާ ފެންނަ ހިސާބުގައި ނެތް ނަމަވެސް އިޒްކާގެ އެ ސުވާލަށް ނަދާލް ބޯ ޖަހައިލި އެވެ. "ޔެސް.. ޔެސް އައި ޑޫ.." އިޒްކާގާތު އެކަމަށް އެއްބަސްވެވުމާއެކު އޭނާއަށް ހީވީ ބޯ މަތިން ބަރު ހިލަގަނޑެއް ނަގައި ދުރަށް އެއްލައިލެވުނު ހެނެވެ.
"އެނގޭ ދޯ ދޮޅުމަސްކަން ބާކީ؟ ކީއްވެ މިހާ ލަސްވަންދެން މަޑުކުރީ؟" އިޒްކާ މަޑުމޮޅިކަމާއެކު އަހައިލި އެވެ.
"ފަށާނެ ގޮތެއް ނޭނގުނީ.. އައި ފީލް ސޯ ގިލްޓީ އިޒޫ.. ޕްލީޒް ޑޯންޓް ގެޓް މީ ރޯންގް.. ޔޫ މެޓަރ ޓު މީ.. އަ ލޮޓް. ކުޑައިރުއްސުރެން އަހަރެންނާ އެންމެ ގާތުގަ ހުރެދިން އެއް އެކުވެރިޔަކީ ތިއީ. އަހަރެން.. އަހަރެންނަކަށް ފަސޭހައެއް ނޫން އިޒޫއާ ދޭތެރޭ މިގޮތަށް ކަންތައް ކުރާކަށް. އިޒޫ ތިހާ ދުރުގަ.. ތިހާ މުހިއްމު ކަމެއްގަ ގޮސްހުއްޓާ މިވާހަކަ ދައްކާނެ އެއްވެސް ގޮތެއް ނޭނގުނީ. އެކަމަކު އިއްޔެ އެނގިއްޖެ އަހަރެން.. އަހަރެންނަކަށް ދުވަހަކުވެސް ލޫނާ ދޫކޮށެއް ނުލެވޭނެކަން. އިޒޫ އައިމް ސޮރީ ބަޓް އައި ނީޑް ޓު ޑޫ ދިސް" އިޒްކާގެ އޯގާތެރިކަމުގެ ސަބަބުން ނަދާލްއަށް ހަގީގަތް ކިޔައިދޭން ކޮންމެވެސް ވަރަކަށް ފަސޭހަވި އެވެ.
"އައި އަންޑަރސްޓޭންޑް.." އިޒްކާގެ އަޑު ކުރެހެން ފެށި އެވެ. "އެންޑް ނެޑްއަށް ފަހުން އިޒޫއަށް ފޮރގިވްކުރަން އުނދަގޫ ހާލަތެއް އައިއްޔާ އައި ހޯޕް ޔޫ ވުޑް އަންޑަރސްޓޭންޑް މީ ޓޫ.. ބިކޮޒް އައި.. އައި ރިއަލީ ޑޫ ލަވް ޔޫ"
"ޓްސްސް. އައި ނޯ އިޒޫ.." އިޒްކާގެ ހިމޭން ރުއިމުގެ އަސަރު ކަންފަތުގައި ޖެހުމާއެކު ކުށްވެރިކަމުގެ އިހުސާސަކުން ނަދާލްގެ ވަށައިލި އެވެ. "އައިމް ރިއަލީ.. ރިއަލީ.. ރިއަލީ ސޮރީ ބަޓް ޕްލީޒް.. ޖަސްޓް ތިންކް އަބައުޓް އިޓް އިޒޫ. ޔޫ ޑިޒަރވް ބެޓަރ ދޭން މީ! ޔޫ އަރ ސްމަރޓް.. ކެއަރިންގް.. ގޯޖަސް! ޔޫ އަރ އަ ބްރައިޓް ރޭ އޮފް ސަންޝައިން އިން އެވްރީ ވޭ އެންޑް ފޯމް! އިޒޫދެކެ ލޯބިވާނެ ކިތަންމެ ރަނގަޅު މީހަކު ވާނެ. އިޒޫއަށް ހައްގުވާނީވެސް އިޒޫދެކެ އެ ހަގީގީ ލޯބިވާ މީހެއް. ނޮޓް.. ނޮޓް ސަމް މޯރޯން ލައިކް މީ" ހާސްވެފައިހުރެ މޫނުގައި އަތް އުނގުޅައިލަމުން އޭނާއަށް ކުރެވުނުހާވެސް ކަމަކީ ހުއްޓުމެއް ނެތި އިޒްކާގާތު މަޢާފަށް އެދުމެވެ.
"އެނގެއޭ ތިކަން.. އިޒޫ މިހާރު ގަބޫލުކުރަމޭ އެއްވެސް މީހެއްގެ ލޯބި ގަދަކަމުން ނުހޯދޭނެކަން. އައި.. އެކްސެޕްޓް އިޓް. އައި.. އައިމް ލެޓިންގް ޔޫ ގޯ ނެޑް.." އިޒްކާގެ ޖުމްލައާއެކު ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. "ތެންކްޔޫ އިޒޫ.. އެކަމަކު ޒެފް"
"ނެޑް އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ. ޕްރޮޖެކްޓްގެ ކަންތައްތައް މިހާރާ އެއްގޮތަށް ކުރިއަށް ގެންދޭ. އިޒޫ ބުނާނަން އިޒޫއޭ މި ގުޅުން ނިންމާލީ.. އެންމެ ރަނގަޅެއްނު؟" އިޒްކާ ރުއިން ހުއްޓައިލެވޭތޯ މަސައްކަތް ކުރި އެވެ.
"ގޯޝް އިޒޫ.. ޔޫ އަރ.. އަހަރެންނަކަށް ނޭނގެ އިޒޫއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. ވަރަށް ލަދުގަނެއްޖެ" ނަދާލްއަށް ބުނެވުނެވެ.
"އިޓްސް އޯކޭ.. ވީ އަރ ފްރެންޑްސް ރައިޓް؟ އެކަމަކު ދެވަނަ ފަހަރަށް ލީން އެހެން މީހަކާ މެރީކުރަން ދޫކޮށްލިއްޔާ އައިމް ނެވަރ ލެޓިންގް ޔޫ ގޯ އަގައިން. މޭކް ހަރ ޔޯރޒް!" އިޒްކާގެ ވާހަކައަށް ނެތް ހިތްވަރުން ސަމާސާގެ އަސަރު ވެރިކުރެވޭތޯ އުޅުނެވެ. ނަދާލް ބެލްކަނީގެ ރެއިލިންގަށް ލެގިލަމުން ހުޅުވިފައިވާ ކޮޓަރީގެ ދޮރުން އެތެރެއަށް ނަޒަރު ހުއްޓައިލި އެވެ.
"އައި ވިލް.. އައި ޕްރޮމިސް!" އެނދުގައި ނިދާލާފައި އޮތް އައިލީންއަށް ބަލައިލަމުން ނަދާލް އިޒްކާއަށް ވައުދުވި އެވެ. "ތެންކްޔޫ އަގައިން.. ރިއަލީ.." ކޯލު ކުރުކޮށްލުމުގެ ކުރިންވެސް އޭނާ އެތައް ފަހަރަކު އިޒްކާއަށް ޝުކުރު އަދާކުރި އެވެ. ހެނދުނުގެ އަރާމު އަވިން ނަފްސު ތާޒާކޮށް، ނިދީގެ އަސަރު ފިލުވައިލުމަށްޓަކައި އިރުކޮޅަކު ބެލްކަނީގައި މަޑުކޮށްލުމަށްފަހު އޭނާ އެތެރެއަށް ވަނީ އެނދުގައި އޮތް އައިލީން ހަރަކާތް ކޮށްލިހެން ހީވުމުންނެވެ.
"މޯނިންގް.." ދެލޯ ހުޅުވާލައިގެން އޮތް އައިލީންއަށް ހިނިތުންވެލެވޭތޯ ނަދާލް މަސައްކަތްކުރި އެވެ.
"ފެން" އައިލީން އެދުނެވެ. ނަދާލް ލަސްނުކޮށް ފެންފުޅިއެއް ހިފައިގެންގޮސް އައިލީން އޮތް އެނދުގެ ބޮލާ ދިމާލަށް އުސްކޮށްލަމުން އައިލީންއަށް ފެންފޮދެއް ދެވޭތޯ އުޅުނެވެ. "ތޭންކްސް.. ކޮން އިރަކުން ދޫކޮށްލާނީ؟" އައިލީން އަހައިލި އެވެ.
"ތިން ދުވަހަށް ސެޝަންސް ރާވާފަ އޮތީ. އޭގެ ފަހުން" ނަދާލް ބުންޏެވެ.
"ދެން.. ނޯ.. އަހަރެން ބޭނުމެއް ނޫނޭ" އައިލީންއަކަށް އެގޮތް ކަމަކު ނުދިޔަ އެވެ.
"ނޯ ލޫނާ! ޔޫ ނީޑް ދިސް!" ނަމަވެސް ނަދާލް ހުރީ އެ ހާލަތުން އަރައިގަތުމަށްޓަކައި އައިލީންއަށް ދޭންޖެހޭ ކޮންމެ ފަރުވާއެއް ދިނުމަށެވެ. އައިލީން ވަކި އެއްޗެކޭ ނުބުނެ ފެންތަށީގައި ހިފަހައްޓައިލައިގެން އިނީ ނަދާލް ގޮތް ދޫނުކުރާނެކަން ޔަގީން ކުރެވޭތީ އެވެ. "އެންޑް.. އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް" ދެންވެސް ވާހަކަދެއްކީ ނަދާލް އެވެ. އައިލީން އިސްއުފުލައިލުމާއެކު ނަދާލް ޖެހިލުންވެފައި އިނދެ އައިލީންގެ އަތުން ފެންތަށި އަތުލުމަށްފަހު އެ ދެއަތުގައި ހިފަހައްޓައިލި އެވެ. "ލޫނާ އަހަރެން އިޒޫއާއެކު އޮތް ގުޅުން ނިންމާލައިފިން" އޭނާ ނޭވާ ހިފަހައްޓައިލަމުން ބުންޏެވެ.
ނަދާލް ދިން ހަބަރާމެދު ވިސްނާނެ ގޮތެއް ނޭނގި އައިލީންއަށް އިރުކޮޅަކު ހުއްޓުން އަރާފައި އިނދެވުނީ އެވެ. މިނެޓެއްހާއިރަށް ދެމިގެންދިޔަ ހިމޭންކަމުގެ ސުކޫތަކަށްފަހު އޭނާ ނަދާލްގެ އަތުތެރެއިން އަތް ދަމައިގަންނަމުން އަނެއްކާވެސް އިސްޖަހައިލި އެވެ.
"ހޭއި.. ކިހިނެއްވީ؟" އައިލީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލުމަށްފަހު ހަތަރުކަޅި ހަމަކޮށްލަމުން ނަދާލްއަށް އަހައިލެވުނެވެ.
"ނޯ.. ނޯ.. ކީއްވެ؟" އައިލީންގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ބޭ އިޙްތިޔާރުގަ އެވެ.
"ތިބުނީ؟" ނަދާލްގެ ބުމަ ގޮށްޖެހުނެވެ. އޭނާއަށް ހީކުރެވުނީ އެ ދިން ހަބަރުގެ ސަބަބުން އައިލީންއަށް ލިބޭނީ ހިތްހަމަޖެހުމެއް ކަމުގަ އެވެ.
"އަހަރެންނާ ހެދިތަ؟ ނަޝް ދޮންތިވެސް އެ ބުނީ ހަމަ ރަނގަޅަށް. އަހަރެންނާ ހެދި ދޯ؟ މިއީ ހުސް އަހަރެންގެ މައްސަލަ. އަހަރެންގެ ސަބަބުން އަބަދުވެސް ބައެއްގެ ދިރިއުޅުން ހަލާކުވަނީ. އައި ހޭޓެޑް މައި ސްޓެޕްމޯމް ސޯ މަޗް އެންޑް އައި އެންޑެޑް އަޕް ބިކަމިންގް ހަރ ދޯ؟" ނަދާލްއަށް އައިލީން ވި ދެރައިގެ ފަހަތުގައިވާ ސަބަބު ސާފުވާން ފެށި އެވެ. "އަހަރެންނާހެދި މަންމައާއި ދޮންބައްޕަވެސް މައްސަލަޖެހެން ފެށީ.. އެފަހުން ބައްޕައާއި ދޮންމަންމަވެސް.. ޝޯންވެސް.. މިހާރު ނަދާލްވެސް.. އަހަރެންނަށް އެއްވެސް ކަމެއް ރަނގަޅަކަށް.."
"ލޫނާ.. ހުއްޓާލަބަ!" ނަދާލް އައިލީންގެ ދެކޮނޑުގައި ހިފަހައްޓައިލަމުން ބުންޏެވެ. "ކުރިކަމެއް ކުރީ އަހަރެންނެއް ނޫންތަ؟ މިކަމުގަ އެކަކުވެސް ކުށްވެރިވަންޏާ އެމީހަކީ އަހަރެންނެއް ނޫންތަ؟ އިޒޫއާ ދޭތެރޭގަވެސް ލޫނާއާ ދޭތެރޭގަވެސް ގޯސްކޮށް ކަންތައް ކުރެވުނީ އަހަރެންނަށޭ! އައިމް ދަ ޖަރކް އޯކޭ؟" އޭނާ އެއްބަސްވި އެވެ.
"އެކަމަކު އަހަރެންނަށް މައިޝާންގެ ހުށަހެޅުން ގަބޫލު ނުކުރެވުނުނަމަ.. ނަދާލްގެ ހަޔާތަށް އަނބުރާ ނާދެވުނު ނަމަ" އައިލީންއަކަށް އޭނާގެ އަމިއްލަ ނަފްސަކަށް މަޢާފެއް ނުކުރެވުނެވެ.
"ލޫނާ! ކީކޭތަ ތި ކިޔަނީ؟" ހިތްހަމަނުޖެހުމާއެކުވެސް ނަދާލް ވާހަކަދެއްކީ މަޑުމަޑުންނެވެ. އޭނާ އައިލީންއަށް ކަމެއް ވިސްނައިދޭން އުޅޭ ކަހަލަ އެވެ. "ލޫނާ ހަނދާންވޭތަ އިޒޫއާއެކު ރެސްޓޯރަންޓަށް ދިޔަ ދުވަހު ލޫނާއާ ދިމާވެގެން އަހަރެން ދެއްކި ވާހަކަ؟ އަހަރެން ނުބުނަންތަ ލޫނާއާއެކު އުޅެން އަހަރެން އިޒޫ ދޫކޮށްލަފާނަމޭ؟ އެދުވަހު އެގޮތް ބޭނުން ނުވީ ލޫނާއެއްނު؟ އަހަރެންނަށް ކުރީބައިގަ އިޒޫގެ ވާހަކަ ކިޔާދެވުނުނަމަ ލޫނާ އަހަރެންނާއެކު ރިސޯޓުގަ މަޑުވެސް ނުކުރީސް.. އެހެންނު؟ އަބަދުވެސް އިޒޫއާ ދޭތެރޭގަ ވިސްނާފަ.. އާއިލާއާ ދޭތެރޭގަ ވިސްނާފަ.. އަހަރެންނާ ދުރަށްދިޔަ މީހަކީ ލޫނާ!" ނަދާލް ބޭނުންވީ އެކަންތަކުގައި އައިލީން ކުށްވެރިވާންވީ ސަބަބެއް ނެތްކަން ބުނެދޭށެވެ.
އައިމް ސޮރީ އައި ކާންޓް ބީ އޭޒް ސެލްފްލެސް އޭޒް ޔޫ އޯކޭ؟ ލޫނާ މިހާރު އަހަރެންނާއެކު އުޅެން ބޭނުން ނެތަސް އަހަރެންނަކަށް ދެން އެހެން މީހަކާއެކު ނޫޅެވޭނެ. އާއިލާއަށްޓަކައޭ ކިޔާފަ އިޒޫދެކެ ލޯބިވާކަމަށް ހެދިގެން.. އިޒޫއަށް އޮޅުވާލައިގެން އިޒޫއާ ކައިވެނިކުރާކަށް އަހަރެން ބޭނުމެއް ނޫން!" ނަދާލް އޭނާގެ ފަހުބަސް އިއްވައިލި އެވެ. "އައި ވޯންޓް ޓު ލަވް ޔޫ ވިތައުޓް ގިލްޓް.. ވިތައުޓް ފިއަރ އެންޑް އައިމް ހޯޕިންގް ޔޫ ކުޑް ޓޫ! ލޫނާ.. އައިލީން ޕްލީޒް.. ހަމަ އެންމެފަހަރަކު އެހެން މީހުންނާ ދޭތެރޭ ނުވިސްނާ އަމިއްލަ އުފަލަށްޓަކާ ކަމެއް ކޮށްބަލަ. އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވަންޏާ.. ޕްލީޒް ޗޫޒް ޓު ބީ ސެލްފިޝް ފޯ ވަންސް" އޭނާގެ އަޑުގައިވަނީ އާދޭހެވެ. ލޮލުގައިވަނީ އުއްމީދެވެ. އެ އާދޭހާއި އުއްމީދަށް ފުރަގަސްދޭނެ ގޮތެއް ނޭނގި އައިލީންއަށް ނަދާލްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. މިއަދު އޭނާއަށް މި ވަނީ މި ދުނިޔެއިން އޭނާ އެންމެ ލޯބިވާ އިންސާނާ ހިތަކަށް ލިބިފަ އެވެ. އެހެނަސް އައިލީން ދެކުނީ ނަދާލް "އޭނާއަށްޓަކައި" އެ ވީ ގުރުބާނީގައި އުފާކުރުމަށްވުރެ ހިތާމަ ކުރަންވީ ސަބަބުތައް ގިނަ ކަމުގަ އެވެ. ނަދާލްގެ ލޯތްބަށް ކިތަންމެ އެދެވުނަސް މާޖިދާއި ނަޝްވާގެ ވާހަކަތައް އެހާ އަވަހަށް އައިލީންގެ ސިކުނޑިން ފިލައިދާނީ ކިހިނެއް ހެއްޔެވެ؟
"ދިސް އިޒް މީ ބިއިންގް ސެލްފިޝް ނެޑް. އައި ޑޯންޓް ލަވް ޔޫ އެނީމޯރ" ހިތުން ލޭ ކަރުނަ އޮހޮރެމުންދިޔަ ހާލު އައިލީން ނަދާލްގެ ހުށަހެޅުމަށް އިންކާރުކުރި އެވެ. ނަދާލްއަށް އިނދެވުނީ އައިލީންގެ ދުލުން އެ ނުކުތް ޖުމްލަ ގަބޫލު ނުކުރެވިފަ އެވެ. މިހާރުވެސް ކުދިކުދިވެފައިވާ އޭނާގެ ހިތުގެ ކޮންމެ އެތިކޮޅަކަށް އެ ޖުމްލައި ލޮޅުން އަރައިގެންދިޔަ އެވެ. އައިލީން އޭނާދެކެ ލޯބިނުވާކަން ގަބޫލު ކުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އަމިއްލަ އަޑުއިވުމުގެ ހިއްސާމެދު ސުވާލު އުފެދިފައި އިނދެ ނަދާލް އޭނާ ބޭނުންވި ޖަވާބު ހޯދަންފެށީ އައިލީންގެ ދެލޮލުންނެވެ. އެ ދެލޮލުގައިވަނީ ހުސްކަމެވެ. އޭނާ އުއްމީދު ކުރިފަދަ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
"ޕްލީޒް.. އެކްސްކިއުޒް މީ" ނަދާލްއަށް އައިލީންގެ އަތުން ދޫކޮށްލަމުން އަވަސްއަވަހަށްގޮސް ފާހަނައަށް ވަނެވެ. މީހަކު ބުނެލާ ކުޑަކުޑަ ބަހަކުން އޭނާއަށް މިހާ އަސަރުކޮށްފާނޭ ކަމަކަށް ނަދާލްއަށް ދުވަހަކުވެސް ހީނުކުރެ އެވެ. ނަމަވެސް މިއަދު މި އޮތީ އެދުވަސްވެސް ދެކެން ޖެހިފަ އެވެ. އޭނާގެ ދެލޯ އިޙްތިޔާރުން ބޭރުގައި ފެންކަޅިވަމުން ދިޔަގޮތުން ޙުދު އޭނާވެސް ހައިރާންވި އެވެ. އަމުދަކުން އައިލީން އޭނާއާ ދިމާލަށް އެ ބުނީކީ މާ އަނިޔާވެރި ބަސްތަކެއްވެސް ނޫނެވެ. އެއަށްވުރެ ރަހުމު ކުޑަކޮށް އޭނާއަށްވެސް އައިލީންއާ ދިމާލަށް އެތައް އެއްޗެކޭ ބުނެވިފައި ހުންނާނެ އެވެ. ތިމާ ލޯބިވާ މީހަކު ބުނެލާ ހިތްނޭދޭ އެންމެ ބަހަކުން މިހާ އަސަރު ކުރާއިރު އޭނާގެ އަމަލުތައް ބެހެއްޓުނު ގޮތުން އައިލީންގެ ހިތުގައި ކިހާ ވޭނެއް އަޅާނޭ ހެއްޔެވެ؟ އެ ހިޔާލުތަކުން ސިކުނޑި ފުރި ބާރުވަމުންދިޔަ ދަނޑިވަޅުގައި އޭނާއަށް މައިރާގެގެ ކޯލެއް އަންނަން ފަށައިފި އެވެ. އެ ކޯލަށް ޖަވާބުދޭނެހާ ހިތްވަރު ނެތުމުން އޭނާ ހުޅުވައިލީ މައިރާ ފޮނުވި މެސެޖެވެ.
"އިޒޫއާ ރުޅިވީތަ؟" މައިރާގެ މެސެޖު ކުރުވެފައި ސާފެވެ. އެއަށް ރައްދެއް ނުދެވެނީސް އޭނާއަށް އަންނަންފެށި ނަޝްވާގެ ކޯލެކެވެ. އެއަށްފަހު ނުސްރާގެ ކޯލަކާއެކު ފުލުފުލުގައި އަންނަންފެށީ މާޖިދުގެ ކޯލުތަކެކެވެ. ވުމާއެކު އެ ހަބަރު އާއިލާގެ ތެރެއަށް ފެތުރިއްޖެކަން ދެނެގަންނާކަށް އޭނާއަކަށް އުނދަގުލެއް ނުވި އެވެ. އެހެންވެއްޖެނަމަ ޒެފަންއާއި ޒާހިރުގެ ކަންފަތާ ހަމައަށްވެސް މިހާރު އެ ވާހަކަ އޮންނާނީ ފޯރައިފަ އެވެ. ނަދާލްއަށް ފޯނު ނިއްވައިލުމަށްފަހު ސިންކުގެ ތެރެއަށް ދޫކޮށްލަމުން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނީ އެކަމުން ކުރިމަތިވެދާނެ ބޮޑު ތޫފާން އޭނާއަށް އަންދާޒާ ކޮށްލެވޭ ފަދައަކުންނެވެ.
------------
ތިން ދުވަސްފަހުން އައިލީން ހޮސްޕިޓަލުން ދޫކޮށްލެވުނުއިރު ނަދާލް ދިޔައީ ހަމަ ރަނގަޚަށްވެސް ނުތަނަވަސްކަމުގެ ކަނޑެއްގައި ގެނބެމުންނެވެ. އައިލީންގެ ލަފްޒުތަކުން ހިތަށް ލިބުނު އަނިޔާއާއި، އޭނާއާމެދު ބަހައްޓަމުންދިޔަ ބީރަށްޓެހިކަން އޭނާއަށްވަނީ ބަރުދާސްތުކުރަން ދަތިވެފަ އެވެ. އޭނާ ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ކޮށްދޭ ކުޑަ ކަމެއްވެސް އައިލީން ބަލައިގަންނަނީ މަދު ފަހަރެއްގަ އެވެ. ހަމަ އެހެންމެ، އެންމެ ގާތް އެކުވެރިޔާ ޒެފަންއާ ކުރިމަތިލާނެ ގޮތަކާމެދު ވިސްނާވިސްނާވެސް ނަދާލްގެ ސިކުނޑި ވަރުބަލިވާން ފަށައިފި އެވެ. އަނެއްކޮޅުން އިޒްކާގެ ބައްޕަ އިޒްކާވަނީ މިހާރުވެސް އޭނާގާތު ބައްދަލުކުރަން އެދިފަ އެވެ. ޒެފަންއާ ބައްދަލުކުރުން ލަސްކޮށްލެވުނު ނަމަވެސް ޒާހިރަށް ފިލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ގަބޫލު ކުރެވުމާއެކު ނަދާލް އެކަން ފަސްކުރާކަށް ބޭނުމެއް ނުވި އެވެ. އައިލީން ގެނެސް ގޭތެރެ ހަމައަކަށް އަޅުވައިލުމަށްފަހު އޭނާގޮސް ނުސްރާމެން އުޅޭ ބައިގެ ދޮރުގައި ޓަކި ޖަހައިލި އެވެ.
"ތި އައީ ދޯ.. އެއްޗެއް ކައިފިންތަ؟ މަންމަ ހުންނާނެ ކާން ހަދާފަ. ލީން ގޮވައިގެން އަންނަންވީނު ކާން؟" ނަދާލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ނުސްރާ ފުލުފުލުގައި ސުވާލުތައް އަމުނައިލި އެވެ.
"މިއީ.. އަޅުގަނޑު ތާކަށް ގޮސްލަން ޖެހިއްޖެ. މަންމައަށް އިރުކޮޅަކަށް ލީންގާތު މަޑުކޮށްލަ ދެވޭނެތަ؟" ނަދާލް އެދުނެވެ. މައިރާވެސް ގޭގައި ނެތުމުން ދެން އައިލީންގެ ކަންތަކުގައި އޭނާއަށް އެންމެ އިތުބާރުކުރެވޭ ފަރާތަކީ ނުސްރާ ކަމަށްވުމާއެކު އޭނާއަށް އިތުރު ގޮތެއް ނެތުނީ އެވެ.
ނުސްރާގެ އަތްމައްޗަށް އައިލީން ދޫކޮށްލުމަށްފަހު ސައިކަލަށް އަރައިގެން ސަފާޔަރ ޔުނިވަރސިޓީއާ ދިމާލަށް މިސްރާބު ޖެހިއިރު ނަދާލްގެ ބޮލުގައި ތޫނު ރިހުމެއް ހަރުލާފައި ހުއްޓެވެ. ޔުނިވަރސިޓީގެ ގޯތިތެރެއަށް ސައިކަލު ޕާކު ކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އިމާރާތުގެ މައި ދޮރާހަމައަށް ދެވެންހުރި ސިޑިތައް ހުރަސްކުރަމުން ދިޔައިރު ޒާހިރާ ދައްކާނެ ވާހަކަތައް އޭނާގެ ސިކުނޑީގައި ކޮންމެވެސް ވަރަކަށް ރާވަމުންދިޔަ އެވެ. އޭނާގެ ފިޔަވަޅުތަކަށް ހުރަސް އެޅުނީ ކުއްލިއަކަށް ސިޑި ބަރީގެ މެދަކާ ހިސާބުން ޒެފަންއާ ބައްދަލު ވުމުންނެވެ. އޭރު އެދެމީހުންގެ ދެމެދުގައިވަނީ ހައެއްކަ ހަރުފަތުގެ ދުރުމިނެކެވެ.
"ފަ**ގް ބާ*ޓާޑް" ހަނިކޮށްލެވިފައިވާ ދެލޮލުން ނަދާލްއަށް ބަލައިލަމުން ޒެފަން ބުނެލީ ބައްޕައަކާނުލައި އުފަންވާ ކުދިންނާ ދިމާލަށް އިނގިރޭސިން ބުނެއުޅޭ "ދަށްކޮށްލުމުގެ" ބަހެކެވެ. އެއީ އާންމު ގޮތެއްގައިވެސް އޭނާ ނަދާލްއާ ދިމާކުރުމަށް ބުނެއުޅޭ ޖެއްސުމުގެ ބަހެކެވެ.
"ކާންޓް ޗޭންޖް ދަ ވޭ އައި ވޯޒް ބޯރން" ނަދާލްވެސް އޭނާއަށް ޒެފަން އެއްލި ބަހާ ގުޅުވައި އާންމުކޮސް ޒެފަންއަށް ދީ އުޅޭ ރައްދު ދިނެވެ. މީގެ ކުރިން ދެ އެކުވެރިންގެ ދެމެދުގައި އެ ބަސްތައް ބަދަލުކުރެވެނީ މަޒާޖީ އުސޫލަކުން ނަމަވެސް މިފަހަރު ޒެފަން އެހެން ބުނިއިރު އަޑުގައި އެއްވެސް މަޒާޖެއް ނުވަތަ ސަމާސާގެ އަސަރެއް ނެތެވެ. އޭނާގެ ނިތަށްވަނީ ރޫ ގިނަވެފަ އެވެ. ޖީބަށް ޖަހާލެވިފައިވާ ދެއަތަށް ބާރުލަމުންދިޔަ ގޮތުން އަތުގެ ނާރުތައް ފުފިލާފައި ހުއްޓެވެ. ލައިގެންހުރި މަޑުފެހިކުލައިގެ ގަމީހުގެ އަތުކުރި އޮޅާލައިފައި ހުރުމުން އެކަން ފާހަގަކުރާކަށް އުނދަގުލެއް ނުވި އެވެ.
ޒެފަން ހުރީ ރުޅި އައިސްފައިކަން ޔަގީންވި ނަމަވެސް އެކަން ފާހަގަ ނުކޮށްވޭތޯ ބަލަމުން ނަދާލް ސިޑީގެ ހަރުފަތެއްހާތަން މައްޗަށް ޖެހިލި އެވެ. އެއާއެކު ދެން ކަންތައް ހިނގައިދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. މުށްކަވާލެވިފައިވާ ޒެފަންގެ އަތް އޭގެ ހުރިބާރަކާއެކު ނަދާލްގެ މޫނުމައްޗަށް އަރައިގެންދިޔުމާއެކު ނަދާލް ސިޑި މައްޗަށް ވެއްޓުނެވެ. ހަރުފަތްތައް މަތިން މީހާ ފުރޮޅެން ފެށުމާއެކު އޭނާއަށް އަތް ވިއްދައިލަމުން ސިޑިމަތީގައި ހަށިގަނޑު ހަމަޖައްސައިލެވުނީ ހަމަ ކިރިޔާ އެވެ. ރަނގަޅަށް ދެލޯ ހުޅުވައި ނުލެވެނީސް އަނެއްކާވެސް ޒެފަން އައިސް އޭނާގެ ގިރުއާނުގައި ހިފައި ކޮޅަށް ނެގުމަށްފަހު މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް ދޫކޮށްލައިފި އެވެ. އެފަދަ ކަމަކަށް ވިސްނައިގެންހުރި ނަދާލްއަށް މިފަހަރު ފައިގެ ހަމަ ހިފަހައްޓައިލަމުން ސިޑިމަތިން ނުވެއްޓި ސަލާމަތް ވެވޭވަރުވި އެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ