އޮސްޓްރޭލިއާގެ އަސްކަރީ ފާރަވެރި މަތިންދާބޯޓެއް މެދުއިރުމައްޗަށް ފޮނުވުމަށާއި ޔޫއޭއީއަށް މިސައިލް ފޯރުކޮށްދިނުމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ނިންމަވައިފި އެވެ.
ނަމަވެސް، އީރާނަށް އެއްގަމު މަގުން އެއްވެސް ސިފައިންނެއް ނުފޮނުވާނެ ކަމަށް ބޮޑުވަޒީރު މިއަދު ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މި ނިންމުމަކީ އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ކުރިމަތިވެދާނެ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
"އަހަރެމެންގެ މި ބައިވެރިވުމަކީ ހަމައެކަނި ދިފާއީ ކަމެއް،" ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
މީގެ ބޭނުމަކީ އެ ސަރަހައްދުގައި ތިބި އޮސްޓްރޭލިއާގެ ރައްޔިތުން ރައްކާތެރިކުރުމާއި އެކުވެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
އޮސްޓްރޭލިއާއިން ފޮނުވުމަށް ހަމަޖެހިފައިވަނީ ބޯއިން އީ-7އޭ ވެޖްޓެއިލް މަރުކާގެ މަތިންދާބޯޓެކެވެ. މިއީ ހަތަރު ހަފުތާގެ މުއްދަތަށް ގަލްފު ގައުމުތަކުގެ ވައިގެ ސަރަހައްދު ބަލަހައްޓާނެ ބޯޓެކެވެ.
މީގެ އިތުރުން، ބޮޑުވަޒީރު އެލްބަނީޒް އާއި ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އާލް ނަހްޔާންއާ ދެމެދު ކުރެވުނު ފޯނު ކޯލަކަށް ފަހު، އެ ގައުމަށް އެންމެ ޒަމާނީ މީޑިއަމް-ރޭންޖް މިސައިލްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިކަން އިއުލާންކޮށްފައި މިވަނީ، ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ %20 ހިއްސާކުރާ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯރްމޫޒް ބަންދުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މީގެ 11 ދުވަސް ކުރިން ހަމަނުޖެހުންތައް ފެށުނުއިރު މެދުއިރުމަތީގައި އޮސްޓްރޭލިއާގެ 115,000 ރައްޔިތުން ތިއްބެވެ. އޭގެ ތެރެއިން 2,600 މީހުން މިހާރު ވަނީ އާންމު ފްލައިޓްތަކުގައި އެނބުރި ގައުމަށް ގޮސްފަ އެވެ.
އޮސްޓްރޭލިއާއިން ޔޫއޭއީއަށް މިސައިލާއި އަސްކަރީ ޖެޓު ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ