"ހިޕް" ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ބޭނުންނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ޖަރުމަންގެ ކުންފުންޏެއް ކަމުގައިވާ "ހިޕް" އިން ވަނީ އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ "ހިޕް" ބްރޭންޑްގެ ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އަންގައި ބާޒާރުން އަނބުރާ ނަގަން ފަށާފަ އެވެ.
މި ގޮތަށް އެންގީ މި އުފެއްދުންތަކުގައި މީދާ މަރާ ވިހަ -- ރޮޑެންޓްސައިޑް އެކުލެވިފައިވާ ކަމަށް ޝައްކު ކުރެވޭތީ އެވެ. މި މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުންގެ އިދާރާއިން ވަނީ ތަހުގީގެއް ފަށާފަ އެވެ.
އެމްއެފްޑީއޭ އިން ބުނީ މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަކަށް ނުވި ނަމަވެސް އަމިއްލަ ބޭނުމަށް މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
"ހިޕް" ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ބޭނުންނުކުރަން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ