ކެމެރާގެ ކުރިއަށް އިންސާނީ ކަރާމާތް އިސް ކުރަމާ!
އެކްސިޑެންޓުތައް ހިނގައިގެން އުޅޭ ވަގުތުގައި، އިސްލާމީ އުޚުއްވަތްތެރިކަން އިސްކޮށް، އަނިޔާ ލިބުނު ފަރާތަށް އެހީތެރިކަން ފޯރު ކޮށްދިނުމީ ގިނަ ބައެއްގެ ފަރާތުން ފެންނަ ވަރަށް ރަނގަޅު ސިފައެކެވެ. ނަމަވެސް އެ ފަދަ ސީރިއަސް ދަނޑިވަޅެއްގައި ކުރެވޭ ކަމަކުން ނުވަތަ ބުނެވޭ ބަހަކުން، އަނިޔާ ލިބުނު ފަރާތަށް ނުވަތަ އޭނާގެ ޢާއިލާއަށް އިތުރު ވޭނެއް ކުރިމަތި ވެދާނެ ކަމާ މެދު ފަރުވާތެރިވުން މުހިންމެވެ. މި ކަމަށް ޓަކައި، ޞިއްޙީ ގޮތުންނާއި ޤާނޫނީ ގޮތުން އަދި ދީނީ-އަޚްލާގީ ގޮތުން ހުރި އިރުޝާދުތަކަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ބަލި ނުވަތަ ޒަޚަމު ވެފައި ވާ މީހާއަށް އެހީތެރި ވެ ދިނުމަކީ ގިނަގުނަ ސަވާބު ލިބޭނެ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "މުއުމިނަކަށް ދުނިޔޭގައި ދިމާވާ އުނދަގޫތަކުން އުނދަގުލެއް ފިލުވައި ދީފި ނަމަ، އެ މީހަކަށް ޤިޔާމަތް ދުވަހުން މެދުވެރި ވާ އުނދަގޫތަކުން އުނދަގުލެއް ﷲ ތަޢާލާ ފިއްލަވައި ދެއްވާނެތެވެ" (ޞަޙީޙު މުސްލިމް، 2699). މުޞީބާތެއް ޖެހިފައި ވާ މީހަކަށް އެހީތެރި ވެ ދިނުމަކީ އިޙުސާންތެރި ކަމުގެ ތެރޭގައި ހިމެނޭ ސިފައެކެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. (... وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ) (އަލްބަޤަރާ، 195). "... އަދި އިޙުސާންތެރި ވާށެވެ! ހަމަކަށަވަރުން، އިޙުސާންތެރިން ދެކެ اللَّه ލޯބިވެވޮޑިގެން ވެއެވެ". ހަމަ މިއާއެކު، ބަލި މީހުންނަށް ޒިޔާރަތް ކުރުމާއި އެ މީހުންނަށް އަޅައިލުމާ ބެހޭ ގޮތުން އައިސްފައި ވާ ޙަދީޘްފުޅުތައް ވެސް ވެއެވެ. މި ފަދައިން އިންސާނާ އަށް އެހީތެރި ވުމަށް އިސްލާމްދީން ބާރު އަޅާ މައިގަނޑު އެއް ސަބަބަކީ އިންސާނާ އަކީ ﷲ ގެ ޙަޟުރަތުގައި މާތް ވެގެން ވާ މަޚުލޫޤަކަށް ވުމެވެ. އަލްއިސްރާ ސޫރަތުގެ 70 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَلَقَدْ كَرَّمْنَا بَنِي آدَمَ) "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެ ދަރީން މާތް ކުރެއްވީމެވެ". އެހެންކަމުން، ﷲ ތަޢާލާ މާތް ކުރައްވައި މަތިވެރި ކުރައްވާފައި ވާ އިންސާނާ، އޭނާ ފަދަ އަނެއް އިންސާނާ އަށް މާތް ކޮށް ހިތާން ޖެހޭނެއެވެ. އޭނާގެ ކަރާމާތް ނަގަހައްޓައި، މުޞީބާތުގެ ވަގުތުގައި ވެސް ގެއްލުންތައް ލުއި ކޮށްދީ ތަސައްލީ އެއް ހޯދައި ދެވޭތޯ ބަލާން ޖެހޭނެއެވެ. އެކްސިޑެންޓެއް ހިނގައިގެން އުޅޭ ތަނުގައި ތިބޭ މީހުން، އަނިޔާ ލިބުނު ފަރާތުގެ ފޮޓޯ ނަގައި ވީޑިއޯ ކޮށް އެ އެއްޗެތި ވަގުތުން ވަގުތަށް މީސްމީޑިއާ އަށް ލައި މީހުންނަށް ފޮނުވައި ހަދައެވެ. މިއީ އިންސާނީ ކަރާމާތާއި ރިވެތި އަޚުލާގާ ފުށު އަރާ ކަންތައްތަކެވެ. ދެރަ ޙާލަތެއް ކުރިމަތި ވެފައި ވާ މީހާގެ ފޮޓޯ އާއި ވީޑިއޯ މުޅި ދުނިޔެ އަށް ފެންނާނެ ގޮތަށް ހުންނާން އެދޭނީ ކާކު ހެއްޔެވެ؟ އަމިއްލަ ނަފުސަށް ވެސް އެ ފަދަ ކަމެއް ވާކަށް ނޭދޭނެ ކަން ޔަގީނެވެ. ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަޚާ އަށް ވެސް އެދޭން ޖެހޭނެ ކަން އަންގަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ (ޞަޙީޙު މުސްލިމު، 45). "ތިމާގެ އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންތައް ތިމާގެ އަޚާ އަށް ވެސް ލިބުމަށް ލޯބި ކޮށްފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެކަކު ވެސް އީމާން ވި ކަމުގައެއް ނުވެއެވެ". ވުމާއެކު، މި ފަދަ ޢަމަލުތަކުގެ ސަބަބުން، އަނިޔާ ލިބުނު މީހާ އަށާއި އޭނާގެ ޢާއިލާ އަށް އިތުރު ހިތްދަތި ކަމާއި ނަފުސާނީ ގޮތުން އުނދަގޫކަން އިޙުސާސް ކުރާން ޖެހުނަދީގެން ނުވާނެއެވެ. އެކްސިޑެންޓެއް ހިނގައިގެން އުޅޭ ވަގުތުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ އަނިޔާ ވި ފަރާތަށް އެހީތެރިކަން ފޯރު ކޮށް ދިނުމަށެވެ. އެ ގޮތުން އެންމެ ފުރަތަމަ ބޭނުން ވަނީ ޞިއްޙީ އެހީތެރިކަން ކަމަށް ވާ ނަމަ އެންބިއުލާންސަށް ގުޅާނީއެވެ. އެއާ އެކުގައި ފުލުހުންގެ އެހީތެރިކަމަށް އެދުމާއި، ދިމާ ވެފައި ވާ ހާލަތުގައި އެހީތެރި ވުމަށް ކަމުވޮށިވެގެން ވާ ބަޔަކު އެ ތަނުގައި ތިބިތޯ ބަލައި އެ ބައެއްގެ އެހީތެރިކަން ހޯދާން ވާނެއެވެ. އެކްސިޑެންޓުތަކާއި އެ ނޫން ވެސް ވަގުތު ތަކުގައި އަނިޔާ ލިބި ނުވަތަ ބަލި ވެފައި ވާ މީހުންގައި ބީހި އުފުލައި ގެންގުޅުމުގައި ޞިއްޙީ ގޮތުން ސަމާލު ކަން ދޭން ޖެހޭ މިންގަނޑުތަކެއް ހުރެއެވެ. އެ މިންގަނޑުތަކާ އެއްގޮތަށް ހަރަކާތްތެރި ވާން ނޭނގޭ ނަމަ އެންމެ ރަނގަޅީ ބަލި މީހާގެ ގައިގައި އަތް ނުލުމެވެ. އޭނާ އޮތް ތަނުން ނަގައިގެން ނުގެންދިއުމެވެ. ނަމަވެސް، އަލިފާނުގެ ހާދިސާއެއްގައި ވާ މީހާ އާއި ގެނބެމުން ދާ މީހާ ނުވަތަ އަނިޔާ ލިބިފައި ވާ ފަރާތް އެ އޮތް ގޮތަށް ބާއްވައިފި ނަމަ އިތުރު ގެއްލުންތަކެއް ކުރިމަތި ވެ ދާނެ ހާލަތުގައި ވާ މީހާ، ވީ އެންމެ އަވަހަކަށް ރައްކާތެރި ތަނަކަށް ގެންދާން ޖެހޭނެއެވެ. ހަމަ މިއާ އެކު، އެކްސިޑެންޓެއް ހިނގާފައި ވާ މާޙައުލު (ސީން) ރޫޅައި ނުލައި އެ އޮތް ގޮތަށް ބޭއްވުމަކީ ވެސް ކުރާން ޖެހޭނެ ކަމެކެވެ. އެއީ އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުން ބޭނުން ވާ މަޢުލޫމާތުތައް އެންމެ އެކަށީގެން ވާ ގޮތުގައި ލިބިގަތުމަށް މަގު ފަހި ކޮށް ދިނުމުގެ ބޭނުމުގައެވެ. އެކްސިޑެންޓުގައި އަނިޔާ ލިބުނު ފަރާތުގެ ޢާއިލާ އަށް އެ ކަމުގެ ޚަބަރު ދިނުމަކީ ކޮންމެހެން ވެސް ކުރާން ޖެހޭނެ ކަމެކެވެ. ފަހަރެއްގައި މިއީ މީހަކަށް ކުރާން އެންމެ އުނދަގޫ "ކޯލު" ކަމަށް ވެސް ވެދާނެއެވެ. "ކަލޭގެ ދަރިފުޅު އެކްސިޑެންޓު ވެ ވަރަށް ބޮޑަށް ޒަޚަމު ވެއްޖެ" ނުވަތަ "ތިޔަ ގޭ ކުއްޖަކު އެކްސިޑެންޓު ވެގެން އެބަ އުޅޭ، ކިރިޔާ ދުނިޔޭގައި އޮތްކަން" މި ފަދަ ގޮތަކަށް ޢާއިލާ އަށް ޚަބަރު ދީގެން ނުވާނެއެވެ. "ވަރަށް ސީރިޔަސް" ، "މަރު ވެއްޖެ" ، "ވަރަށް ކްރިޓިކަލް" މި ފަދަ ޢިބާރާތްތައް އެއްގޮތަކަށް ވެސް ބޭނުން ކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި، އެ ޚަބަރު ލިބުމުން ޢާއިލާ އަށް ކުރިމަތި ވެދާނެ ކުއްލި ސިހުމާއި ބިރުވެރިކަން ވީހާވެސް ކުޑަ ވާނެ ގޮތަކަށް ބަސްމަގާއި ރާގު ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. މިސާލަކަށް، "ތިޔަ ގޭ ކުއްޖަކު އެކްސިޑެންޓެއް ވެގެން އުޅޭ ތަނުގައި މި ހުރީ، އެންބިއުލާންސް އެބަ އާދޭ، ވަރަށް އަވަހަށް ފުލުހުން ވެސް އަތުވެއްޖެ" މި ފަދަ އޯގާތެރި ޢިބާރާތުން އަދި ކަމާ ބެހޭ ރަސްމީ ފަރާތްތަކުގެ އެހީތެރިކަން ލިބެމުން ދާ ކަމުގެ އިޙުސާސް ކުރެވޭނެ ގޮތަށް ޚަބަރު ދިނުން މުހިއްމެވެ. ކުއްލި ހާލަތަކީ ތިމާގެ އަޚާ އަށް އެހީތެރި ކަން ފޯރު ކޮށް ދިނުމަށް ޓަކައި ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައި ދެކޭށެވެ. އަދި އެ ފުރުޞަތުގެ ބޭނުން ހިފާ ހިނދު، އަނިޔާ ލިބުނު މީހާ އަށާއި އޭނާގެ ޢާއިލާ އަށް އިހާނެތި ވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ. އަދި އެ ފަދަ ދަނޑިވަޅުތަކުގައި ހަރަކާތްތެރި ވުމުގައި ތަބާވާން ޖެހޭ ހަމަތަކާއި އުޞޫތަކަށް ސަމާލު ކަން ދޭށެވެ. އެކްސިޑެންޓެއް ވެފައި ވާ މީހާގެ ފޮޓޯ އާއި ވީޑިއޯ ނަގައި އާއްމު ކުރުމުގެ ބަދަލުގައި އެ ފަރާތުގެ އިންސާނީ ކަރާމާތް ރައްކާތެރި ކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ