އެޕާޓްމެންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ވައްކަން ހިނގާފައިވަނީ މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގައެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މިދިޔަ މަހުގެ 16 ވަނަ ދުވަހު ރިޕޯޓުކުރި މި ވައްކަމުގެ މައްސަލައިގައި ޖުމުލަ 4 މިލިއަން ރުފިޔާ ވަގަށް ނަގާފައިވެއެވެ. ނަމަވެސް، މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އޭގެ ތެރެއިން އެންމެ 50،000 ރުފިޔާއެވެ.
އަހްމަދު ފާރިސް (39އ)، މ. އޭސިއާ
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު އެކަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. "މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" ފުލުހުންގެ މެސެޖުގައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ