ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު، އޮލީ ހައްޔަރުކޮށްފި
މިދިޔަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އާއި ކުރީގެ ހޯމް އެފެއާޒް މިނިސްޓަރު ރަމޭޝް ލެޚާކް ހައްޔަރުކޮށްފިއެވެ. އޮލީ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރު އޭނާގެ ސަރުކާރު ވައްޓާލުމަށް ހިންގި ލޭއޮހުރުވުންތަކަށްފަހު، ބޭއްވި ފުރަތަމަ އިންތިޚާބު ކާމިޔާބުކުރެއްވި ބަލެންދްރާ ޝާހް އާއި އޭނާގެ ކެބިންޓް ހުވާ ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. "މިއަދު ހެނދުނު އެމީހުން ހައްޔަރުކޮށްފައި ވާއިރު، އެ ޕްރޮސެސް ކުރިއަށް ދާނީ ގާނޫނާ އެއްގޮތަށް." ކަތުމަންޑޫ ވެލީގެ ފުލުހުންގެ ތަރުޖަމާނު އޯމް އަދީކާރީ އިއްޔެ ވިދާޅުވިއެވެ. ދަ ކަތުމަންޑޫ ޕޯސްޓުން ބުނި ގޮތުގައި އުމުރުން 74 އަހަރުގެ އޮލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވެރިރަށް ކަތުމަންޑޫގެ ސަބާބް ބަކްތާޕޫރުގައި ހުންނަ އޭނާ ދިރިއުޅޭ ގެއިންނެވެ. ހޯމް އެފެއާސް މިނިސްޓާ ލެޚާކް ވެސް ހައްޔަރުކޮށްފައި ވަނީ ބަކްތާޕޫރުގެ ސަރަހައްދަކުން ކަމަށް އޭނާގެ ޕާސަނަލް ސެކްރެޓަރީ ޖަނަކް ބައްޓާ ކަތުމަންޑޫ ޕޯސްޓަށް ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ނޭޕާލްގެ މިހާރުގެ ހޯމް މިނިސްޓާ ސުދާން ގުރުންގް ވިދާޅުވީ މިއީ އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފުމަށް ކުރާ ކަމެއް ނޫން ކަމަށާއި އިންސާފުގެ ފެށުން ކަމަށެވެ. ކުރު މުއްދަތަކަށް ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެން ނޭޕާލްގައި ފެށި މުޒާހަރާތައް ފުޅާވެގެން ދިޔައީ ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގައި އިގްތިސާދީ ދަތިތަކާ ގުޅިގެންނެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 8-9 އަށް ކުރިއަށް ގެންދިޔަ އެ މުޒާހަރާތަކުގައި ގާތްގަޑަަކަށް 77 މީހުން މަރުވިއެވެ. މުޒާހަރާތައް ފުޅާގެ ރައްޔިތުން މަޖިލީސް ކުރާ ގެއާއި، ސަރުކާރުގެ އޮފީސްތަކުގައި އަލިފާންވެސް ރޯކުރިއެވެ. މުޒާހަރާތަކާ ގުޅިގެން އޮލީގެ ސަރުކާރު ވެއްޓި، އެކުލަވާލި ވަގުތީ ސަރުކާރުން އެކުލަވާލީ ކޮމިޝަނަކުން ވަނީ މުޒާހަރާގެ ގަތުލުއާންމާ ގުޅިގެން އޮލީ އާއި އެހެން އިސް އޮފިޝަލުންގެ މައްޗަށް ދައުވާ ކުރުމަށް ލަފާދީފައެވެ. އެ ކޮމިޝަންގެ ރިޕޯޓުގައި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ބަޑިޖަހަން އޮލީ އަމުރުކޮށްފައި ނުވި ނަމަވެސް ބައިވެރިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ހުއްޓުވުމަށް މަސައްކަތް ނުކުރައްވާކަން ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން އޮލީ ވަނީ މުޒާހަރާގެ ބައިވެރިންނަށް ބަޑިޖަހަން ސަލާމަތީ ބާރުތަކަށް އަމުރު ކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ