އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރަން ސިޓީ ކައުންސިލުން ނިންމައިފި

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ފިތުރު އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތު ކަމުގައި ކަނޑައަޅަން ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ވެހިކަލް ދުއްވުން މަނާވާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިންވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެއެވެ.
މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ރާވާފައިވާ އެހެން ބައެއް ހަރަކާތްތަކުގެ ތެރޭގައި އީދު ނަމާދަށްފަހު އެކުވެނި ޓްރެކްގައި ބާއްވާ އީދު ސައި ހިމެނެއެވެ. އަދި މިހަރަކާތްތަކުގެ ތެރޭގައި ފެން ކުޅުމާއި ބޮޑުމަސް މާލި އީދު ޕެރޭޑްގެ އިތުރުން ސްޓޭޖް ޝޯވްއާއެކު ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ