އެމްޑީޕީ ޕްރައިމަރީ: އިބްރޭގެ މައްޗަށް ކުރި ހޯދައި ޣާލިބް ކެލާ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފި

މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ކެލާ ދާއިރާގެ ޓިކެޓް ވަށަފަރަށް ނިސްބަތްވާ އަހްމަދު ޣާލިބް ކާމިޔާބުކޮށްފިއެވެ.
ޣާލިބް ޓިކެޓް ކާމިޔާބު ކުރީ އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ދާއިރާގެ ފޮށިތަކުން އިބްރޭ އަށް ލިބުނީ 140 ވޯޓެވެ. އަދި ޣާލިބް ވަނީ 165 ވޯޓު ހޯދާފައެވެ.
މި ދާއިރާގެ ހަތަރު ވޯށި ފޮށިން ކުރެ ތިން ވޯޓު ފޮއްޓަކުން ކުރި ހޯދާފައި ވަނީ ޣާލިބެވެ. އެއީ އޭނާގެ ރަށް، ވަށަފަރުގައި ބެހެއްޓި ފޮއްޓާއި، ފިއްލަދޫ އަދި ކެލާ ދާއިރާ މާލޭ ފޮށިންނެވެ. އިބްރޭ އަށް ކުރި ލިބުނީ އޭނާގެ ރަށް ކެލާ ފޮށިން އެކަންޏެވެ.
ވަށަފަރު ފޮށިން ޣާލިބު 31 ވޯޓު ހޯދިއިރު އެ ފޮށިން އިބްރޭ އަށް ލިބުނީ 8 ވޯޓެވެ. ފިއްލަދޫ ފޮށިން އިބްރޭ އަށް 18 ވޯޓު ލިބުނު އިރު ޣާލިބް ވަނީ 40 ވޯޓު ހޯދާފައެވެ. އިބްރޭ އަށް ކުރި ލިބުނު އޭނާގެ ރަށް ކެލާ ފޮށިން އޭނާ އަށް 63 ވޯޓު ލިބުނެވެ. އެ ފޮށިން ޣާލިބް ވަނީ 37 ވޯޓު ހޯދާފައެވެ. އަދި ކެލާ ދާއިރާގެ މާލޭ ފޮށިން އިބްރޭ އަށް 51 ވޯޓު ލިބުނުއިރު ޣާލިބަށް 57 ވޯޓު ލިބުނެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި 20 ވަނަ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގެ ވޯޓުުލުން ވަނީ ހެނދުނު 9:00 ގެ ކުރިން ފަށައިފަ އެވެ.
މި ޕްރައިމަރީގައި ޖުމުލަ 40 ދާއިރާއެއްގައި މިއަދު ބޭއްވިއިރު، ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއެވެ. އަދި 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.
އެމްޑީޕީގެ ޕްރައިމަރީ އާއި ހަމައަށް ދިޔައިރު 48 ދާއިރާއެއްގެ ޓިކެޓް އޮތީ ކަށަވަރުވެފައެވެ.
20 ވަނަ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ