ޒުވާން އަންހެން ކުއްޖަކު އުސް އިމާރާތަކުން ވެއްޓުނު ހާދިސާގައި މަރާއި ހަނގުރާމަ ކުރަމުންދާ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދުމަށް މުޒާހިރާ ކުރަމުންދާ ޒުވާނުން މުއިއްޒުއަށާއި މިސަރުކާރަށް މުހިންމު ދެ ޑިމާންޑެއް ކުރިނަމަވެސް, ޒުވާނުންގެ އެދުންތަކަށް ރައީސް މުއިއްޒު ބީރުކަންފަތެއް ދީ, ޒުވާނުންގެ ޑިމާންޑްތައް ބޮލާލާ ޖަހައިިފިއެވެ.
މީގެ 3 ދުވަސްކުރިން ފެށިގެން ކުރިޔަށްދާ މުޒާހިރާގައި ޔުމްނުގެ އާއިލާގެ ފަރާތުން މިސަރުކާރަށް ރޭވަނީ 9 ޑިމާންޑެއް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު 3 ޑިމާންޑަކީ , ޔުމްނު އިމާރާތެއްގެ މަތިން ވައްޓާލި ހާދިސާ އޮއްބާލުމަށް ފުލުހުންނަށް ނުފޫޒު ފޯރުވާފައިވާ, މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަމީން އިސްތިއުފާ ދިނުމާއި, ތަހުގީގު އޮޅުވާލާ ވަކިބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ހޯމް މިނިސްޓަރ އަލީ އިހުސާން އިސްތިއުފާ ދިނުމުގެ އިތުރުން މި ހާދިސާގައި ޝާމިލްވާ އެންމެންގެ މައްޗަށް ފިޔަވަޅު އަޅަން ފަސްޖެހި, އަދި ފުލުހުންގެ ބޭއިންސާފު ދިފާއުކޮށް ވާހަކަ ދައްކަވާފައިވާތީ މުއިއްޒު މާފަށް އެދުމަށެވެ.
އެހެންނަމަވެސް, މިސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހުސާން މިއަދު ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެކަމުގައެވެ. އަދި ޓްރާމްސްޕޯޓް އަމީންއާއި މުއިއްޒު މިމައްސަލާގައި މިހާތަނަށް ހުންނެވީ ހަނުއެވެ.
ޔުމްނުއަށް އިންސާފު ހޯދުމަށް މުޒާހިރާ ކުރަމުންދާ ބައިވެރިން ރޭވެސް މުޒާހިރާ ފެށުމާއެކު ވަނީ މިސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާފައެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރ އަލީ އިހުސާންއާއި ޓްރާންސްޕޯޓު މިނިސްޓަރ އަލީ އިހުސާންގެ އިތުރުން ފޮލިސް ކޮމިޝަނަރ ޝުޖާއުގެ އިސްތިއުފާއަށްވެސް މުޒާހިރާގެ ބައިވެރިން ވަނީ ގޮވާފައެވެ. މުޒާހިރާގެ ބައިވެރިން ވަނީ, މިމައްސަލަ އޮއްބާލާ ޔުމްނުއަށް އިންސާފު ހޯދާ ދިނުމަށް ހުރަސް އަޅަމުންދަނީ ޓްރާންސްޕޯޓު މިނިސްޓަރ އަމީންކަމަށް ވިދާޅުވެފައެވެ. އަދި ރޭ ބޭއްވުނު ޖަލްސާގައި, ފުލުހުން ދޮގު ނުހަދާނެކަމަށް ވިދާޅުވެ, ފުލުހުންގެ އަމަލުތައް ދިފާއުކޮށް މުއިއްޒު ވާހަކަ ދައްކަވާފައިވާތީ މުއިއްޒުއަށްވެސް މުޒާހިރާގެ ބައިވެރިންގެ ބަހުގެ ހަމަލާތައް ރައްދުވެފައި ވެއެވެ.
އަދި މުޒާހިރާގެ ބައިވެރިން ބުނެފައިވަނީ, ޔުމްނު އިމާރާތުން ވައްޓާލި ހާދިސާގެ ހަގީގަތް ހާމަވެ, އިންސާފު ލިބެންދެން މުޒާހިރާތައް ކުރިޔަށް ދާނެ ކަމުގައެވެ. އަދި ޔުމްނުއަށް އިންސާފު ހޯދާ ދިނުމަށް ޒުވާނުން އިސްވެ ކުރަމުންދާ މުޒާހިރާ ފުޅާވެ, ކޮންމެ ރެއަކުވެސް މުޒާހިރާގައި ބައިވެރިވާ ޒުވާނުންގެ އަދަދު ދަނީ ރެއެއް ރެއަކަށް އިތުރު ވަމުންނެވެ.
ޒުވާން އަންހެން ކުއްޖެއްކަމަށްވާ ހައްވާ ޔުމްނު ރަޝީދު އިމާރާތުން ވެއްޓި މިހާރުވެސް އޮތީ އައިސީޔޫގައި އެޑްމިޓް ކޮށްފައެވެ. އަދި އޭނާ ފުރާނައާއި ހަނގުރާމަ ކުރަމުންދާއިރު, އެނގިފައިވާ ގޮތުގައި އިތުރު ފަރުވާއަށް އޭނާ ބޭރަށް ފުރުވާލުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.
މިހާދިސާ ހިނގި ފުރަތަމަ ދުވަހުން ފެށިގެންވެސް, މުއިއްޒުގެ އެންގުމަށް ފުލުހުންގެ މުވައްސަސާއިން ވަނީ މިހާދިސާއާއި ގުޅޭ މައުލޫމާތު ސިއްރުކޮށް, ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ. ޔުމްނު އިމާރާތުން ވެއްޓުމަށްފަހު ހަފްތާއެއްވަންދެން މިހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިހާދިސާގައި ހިމެނޭ އެހެން ބައެއް މީހުންނަކީ ރައީސް އޮފީހުގައި ސިޔާސީ ވަޒީފާގައި އުޅޭ މީހުންކަމަށް އާންމުވެގެންދިޔަ ހިސާބުން ކުރިމަތިވި ޕްރެޝަރަށް ފުލުހުން އެންމެ ފުރަތަަމަ މީޑިއާތަކާއި މައުލޫމާތު ހިއްސާކުރި ނަމަވެސް, އޭރުވެސް ސިޔާސީ ވަޒީފާތަކުގައި އުޅޭ މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ހާދިސާގައި އަނިޔާވި ޔުމްނުގެ ވަނަވަރު ހާމަކުރިއިރުވެސް, މިހާދިސާގައި ކުށްވެރިވާ މީހުންގެ ވަނަވަރު ސިއްރު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް ޒުވާނުން މަގުމަތީގައި މުޒާހިރާ ކުރާން ފެށުމުން ފުލުހުންނަށް ވަނީ ހާދިސާގައި ޝާމިލްވާ އެހެން މީހުންގެ މައުލޫމާތުވެސް އާންމުކުރާން މަޖުބޫރު ވެފައެވެ.
އެއަށްފަހުވެސް ފުލުހުންދަނީ ވީވަރަކުން މިހާދިސާގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. ހާދިސާގައި ހިމެނޭ އެހެންމީހުން ހައްޔަރު ނުކުރީ, 30 ދުވަހުގެ ތެރޭގައި ތަހުގީގު ނުނިމިދާނެކަމަށް ބުނެ ފުލުހުން ބުނި ބުނަމަކީ “ގަރުނުގެ ބޮޑު ޖޯކެވެ”. ދައްކާނެ ހުއްޖަތެއް ނެތިގެން ފުލުހުންވަނީ މީޑިއާގެ ކުރިމަތީ މުތުލަގަށް ބޮޑެތި ދޮގުވެސް ހަދާފައެވެ.އެއަށްފަހު އިއްޔެ ފުލުހުން ދެއްކި ވީޑިޔޯތަކުން ޓެރަހަށް އެ އަންހެން ކުއްޖާ އެރިކަމެއް ނުވަތަ ނާރާ ކަމެއް ސާފް ނުވިނަމަވެސް އަދި ތަހުގީގަށް ވެސް އެކަން ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ބުނެ, ފުލުހުން ބުނަމުން ދަނީ ޓެރަސް ތަޅުލާފައި ވާކަމަށް އެގޭ ވެރިފަރާތުން ބުނާ ކަމަށެވެ. އެހެންނަމަވެސް ސާފުވާން އޮތް އެއް ހަގީގަތަކީ އެގޭ ވެރި ފަރާތާއި އެގޭ ދިރިއުޅޭ ހުރިހާ ފަރާތްތަކަކީ މައްސަލާގެ ސަސްޕެކްޓްސްއަށް ވާން ޖެހޭ ބައެއްކަމެވެ. ނަމަވެސް ފުލުހުން އެކަން އެގޮތަށް ނުކުރަނީ އެއީ މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަމީން އާއި އަމީންގެ އާއިލާގެ މީހުންގެ ތަނަކަށް ވާތީއެވެ. އެވަގުތު ޓްރާންސްޕޯޓު އަމީން ގޭގައި އުޅުއްވިކަންވެސް ވަރަށްވެސް ބޮޑަށް ހާމަވާން ހުއްޓެވެ. އޭނާ ލައިގެން އުޅުއްވާ ބޫޓު އޭނާ އުޅުއްވާ އެޕާޓްމަންޓް ކައިރީގައި ހުރިކަން ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ ފޫޓޭޖުން ސާފުވާން އެބަހުއްޓެވެ.
މިމައްސަލާގައި ކަންކަން ސިއްރު ކުރުމަށް ފުލުހުން މަސައްކަތްކުރާ މިންވަރަށް ބަލާއިރު, ފުލުހުން ނުކުރާ މުހިންމު ސުވާލުތަކަކީ އެ ތަޅުލާފައިވާ ޓެރަސް އަށް އެކްސަސް އޮންނަނީ ކޮން ބަޔަކަށް ތޯއެވެ. ސާފުވާން އޮތް ހަގީގަތަކީ ވެއްޓިފައިވާ ފަރާތް ވެއްޓި ޖެހިފަ އޮތް ތަނާއި، ވެއްޓުނު ކަމަށް ފުލުހުން ބުނާ ފެންލައިޓާއި، ފިސިކްސް ހަމަތަކާއި ދިމާވާ އެއްގޮތެއްވެސް ނެތްކަމެވެ. ވައްޓާފައިވާ ކުއްޖާ ވައްޓާލާފައި ވަނީ ޓެރަހުން ކަމަށް، ގަބޫލު ކުރާންޖެހެނީ އެހެންވެއެެވެ. ނަމަވެސް ޓެރަސް ތަޅުލާފައި ކަމަށް ބުނެ “މި ކްރައިމް ހިނގި ކަމަށް އެންމެ ގާތް ކުރާ ތަން” ބަލާލަންވެސް ފުލުހުން ބޭނުމެއް ނޫނެވެ. މިކަން ކުރަމުން ދަނީ ޓްރާންސްޕޯޓު މިނިސްޓަރ އަމީން އާއި އޭނާގެ އާއިލާގެ ހިމާޔަތް ކުރުމަށް މި ސަރުކާރުން ބޭނުންވާތީއެވެ. ނަމަވެސް މައްސަލަ އަކީ ޓްރާންސްޕޯޓު މިނިސްޓަރ އަމީންގެ ގެއަށް ވާތީ އެގެ ބަލާ ފާސް ނުކުރަން ވެގެން އަދި އެކަމުގައި އަމީނުގެ އާއިލާގެ ބައިވެރިވުން އުޅޭތީ ފުލުހުން ގަސްތުގައި ކުރާ ވަންހަނާއެކެވެ. ތަހުގީގަށް ފުލުހުން އަޅާ ހުރަހެކެވެ.
ހަމަ އެއާއެކު, އެންމެ މަތީ ފްލޯގައި ކެމެރާ ނެތް ކަމަށް ބުނާއިރު، އެންމެ މަތީ ތިން ފްލޯގައި ދިރިއުޅޭ އެއްވެސް ފަރާތަކާއި ފުލުހުން ސުވާލު ކޮށްފައި ނުވަނީވެސް މައްސަލަ ދެފުށް ފެންނަ ގޮތަށް ބެލުމަށް ފުލުހުން ބޭނުން ނުވާތީއެވެ. ހަގީގަތަކީ އެ އެންމެންނަކީވެސް ސަސްޕެކްޓުންނެވެ. އެންމެ މަތީ ފްލޯގައި ދިރިއުޅެނީ އަމީންގެ އާއިލާތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ މި ކަންކަން ފުލުހުން ސިއްރު ކުރަމުން ދަނީ މައްސަލައިގެ ހަގީގަތަށް ވާސިލް ވާން ފުލުހުން ބޭނުން ނުވާތީ ގަސްތުގައެވެ. މައްސަލައިގައި ހިމެނޭ ކުށްވެރިން ހިމާޔަތް ކުރުމަށް މުއިއްޒުގެ ސަރުކާރުން ތެޅިފޮޅެމުން ދާތީއެވެ.
ސީން ރީ ކޮންސްޓްރެކްޓް ކުރަމުންދަނީ ކަން ހިނގި ކަމަށް ޤަބޫލު ނުކުރެވޭ ތަނެއްގައެވެ. ފިޒިކްސް އިން އެއީ ހިނގާފާނެ ކަމަށް ބެލެވޭ ތަނެއްގައެއް ނޫނެވެ. މިއީ ކޮންކަހަލަ ތަހުގީގެއްތޯއެވެ؟
މިއީ ރައްޔިތުންގެ ފުރާނައަށް އެއްވެސް ރަހުމެއް ނެތް ސަރުކާރެކެވެ. ނެޕޯބޭބީސްގެ ސަރުކާރެކެވެ. އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ސަރުކާރެކެވެ. ކޮރަޕްޓުވެ ފައިސާއަށް ވިކި ހުސްވެފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް ރައްޔިތުން ބުނަމުން މިދަނީ އެހެންވެއެވެ.
މިއީ, މުއިއްޒުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޓްރާންސްޕޯޓު މިނިސްޓަރ އަމީންގެ މަސްލަހަތު ހިމާޔަތް ކުރަން ޚުދު މުއިއްޒު ހިންގަމުންދާ ބޮޑު ޖަރީމާއެކެވެ. ދިވެހި އަންހެންކުއްޖަކު އިމާރާތަކުން ވައްޓާލާ, ލިބުނު އަނިޔާތަކުގައި ފުރާނައާއި ހަނގުރާމަކުރަމުންދާއިރު, ދިވެހި ނިކަމެތި ރައްޔިތެއްގެ ހައްގުތަކަށްވުރެ, މުއިއްޒުއަށް ބޮޑީ ކެބިނެޓް ވަޒީރެއްގެ މަސްލަހަތެވެ. އެގެން އޮތް އެންމެ ބޮޑު ހަގީގަތަކީ, މުޅި މައްސަލަ އޮޅުވާލުމަށް ފުލުހުން މަސައްކަތް ކޮށްފައިވަނީ މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަމީންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. އޭނާއާއި އޭނާގެ އާއިލާއާއި މިމައްސަލައާއި ގުޅުމެއް ނެތްކަމަށް ސާބިތުކޮށްދޭށެވެ.
އެހެންނަމަވެސް ޓްރާންސްޕޯޓު އަމީންއާއި ސުވާލުނުކޮށް މިމައްސަލާގެ ފުނަށް ފުލުހުންނަށް ދަތުރު ނުކުރެވޭނެކަން މިއީ ސާފުވާން އޮތް ހަގީގަތެކެވެ. އޭނާގެ އާއިލާގެ މެމްބަރުންނާއި މި ހާދިސާއާއިތް ގުޅުން ފުލުހުން ހޯދާންޖެހެއެވެ. ތަހުގީގު ކުރާންޖެހެއެވެ. ހަގީގަތުގައިވެސް, މުޅި މައްސަލާގެ އެންމެ ބޮޑު ސަސްޕެކްޓަކީ މުއިއްޒުގެ ކެބިނެޓް ވަޒީރެއްގެ ގޮތުގައި ހުންނެވި ޓްރާންސްޕޯޓު މިނިސްޓަރ އަމީންއެވެ.
ޒުވާނުންގެ ޑިމާންޑްތަކަށް ބީރުކަންފަތެއް: މުއިއްޒު މާފަށްވެސް ނޭދުނު, ދެވަޒީރުން އިސްތިއުފާއެއްވެސް ނުދިން, މުއިޒު ސާބިތުކޮށްދެމުން ދަނީ މިސަރުކާރުން ޔުމްނުއަށް އިންސާފް ހޯދާ ނުދޭނެކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ