އާ ގަވާއިދާ އެކު އިންޑިއާގައި ދިވެހި ކުޅުންތެރިންނަށް ވެސް ލޯކަލް ޖާގައިގައި ކުޅެވޭނެ އާ ގަވާއިދާ އެކު އިންޑިއާގައި ދިވެހި ކުޅުންތެރިންނަށް ވެސް ލޯކަލް ޖާގައިގައި ކުޅެވޭނެ

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ގެންނަން މަޝްވަރާ ކުރަމުން އަންނަ އާ ގަވާއިދާ އެކު، ރާއްޖޭގެ ކުޅުންތެރިންނަށް ވެސް އިންޑިއާގެ ލީގުތަކުގައި ލޯކަލް ޖާގައިގައި ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ކޮމިޓީން ކުރިއަށް އޮތް ސީޒަނުން ފެށިގެން ގެންނަން މަޝްވަރާ ކުރަމުން އަންނަ އެއް ބަދަލަކީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ކުޅުންތެރިންނަށް އިންޑިއަން ސުޕަ ލީގާއި އިންޑިއަން އައި ލީގުގެ ޓީމުތަކަށް ލޯކަަލް ކުޅުންތެރިންގެ ގޮތުގައި ކުޅުމުގެ ފުރުސަތު ދިނުމަށެވެ. މި ބަދަލު މީގެ މަހެއްހާ ދުވަސް ކުރިން، ބަންގްލަދޭޝް އިން ވަނީ ގެނެސްފަ އެވެ.
އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ކަލްޔާން ޗޯބޭ، އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާ އާއި ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް މި ބަދަލުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ.
އިންޑިއާގެ ފުޓްބޯޅަ ރައީސް، ކަލްޔާން ޗޯބޭ: އޭނާ އަންނަނީ އޭއައިއެފްއެފް މެދުވެރިކޮށް، އިންޑިއާގެ ލީގުތަކުގައި ސާފްގެ ގައުމުތަކުގެ ކުޅުންތެރިންނަށް ފުރުސަތު އިތުރުކުރަން ވާހަކަ ދައްކަވަމުން.
މީގެ ކުރިން، ބިދޭސީ ކުޅުންތެރިންގެ ސްލޮޓުގައި ބޫޓާންގެ ތަރި، ޗެންޗޯ ގެޔެސްޓެން އާއި ބަންގްލަދޭޝްގެ ކެޕްޓަން، ޖަމާލް ބުޔާން ވަނީ އިންޑިއާގެ ކްލަބްތަކަށް ކުޅެފަ އެވެ. އެކަމަކު، އާ ގަވައިދު ފާސްވެއްޖެނަމަ، ސްރީ ލަންކާ، ރާއްޖެ، ޕާކިސްތާން، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ކުޅުންތެރިން އިންޑިއާ ލީގުތަކުގައި ކުޅޭނީ ބިދޭސީ ކުޅުންތެރިންނަށް އޮންނަ ހަ ޖާގައިގެ ތެރެއިންނެއް ނޫނެވެ. އޭގެ ބަދަލުގައި، ސާފް ގައުމުތަކުގެ ކުޅުންތެރިން ގުނާނީ، އިންޑިއާ ކުޅުންތެރިންނެކޭ ވެސް އެއްގޮތަށް ލޯކަލް ސްލޮޓެއްގެ ގޮތުގަ އެވެ.
އެކަމަކު، މިހާތަނަށް ރާއްޖޭގެ ކުޅުންތެރިއަކު އިންޑިއާގެ އައި ލީގާއި ސުޕަ ލީގުގައި ކުޅުނު ކަމުގެ ސީދާ ރެކޯޑެއް ފެންނަން ނެތެވެ. އެކަމަކު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އަށް އިންޑިއާ ސުޕަ ލީގުގެ ކްލަބްތަކުން ޝައުގުވެރިކަން އަބަދުވެސް ފާޅުކުރާ ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކެޕްޓަން، ސުނިލް ޗެތުރީ ވަނީ މީގެ ކުރިން އިންޓަވިއުއެއްގައި ބުނެފަ އެވެ.
އިންޑިއާ އިން ގެންނަން މަސައްކަތް ކުރާ މި ބަދަލާ ގުޅޭގޮތުން، ވަރަށް އަވަހަށް އޭއައިއެފްއެފްގެ ޓެކްނިކަލް ކޮމިޓީން ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، މި ކަމާ ގުޅޭ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ