ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މ. ދިމްޔާތު، މުހައްމަދު މުއިއްޒަކީ ހުދުމުހުތާރު ވެރިޔެކެވެ.
އެމަނިކުފާނާ ދެކޮޅަށް ހިޔާލެއް ފާޅު ކުރުމަކީ ބަލައިގަނެވޭ ކަމަކަށް ނުވެ އެވެ. އެމަނިކުފާނު އެންމެ ބޮޑަށް ބިރުގަންނަނީ، އެމަނިކުފާނާއި އެމަނިކުފާނު ސަރުކާރުގެ ހަގީގަތް ހާމަވެދާނެތީ އެވެ. ތެދާއި ހަގީގަތަކީ އެމަނިކުފާނުގެ ދުޝްމަނުންނެވެ.
ބޭނުންވެވަޑައިގަންނަވަނީ ނޫސްތަކާއި ނޫސްވެރިން، އެމަނިކުފާނަށް ސަނާ ކިޔައި، ރައްޔިތުންނަށް ހަގީގަތް ފޮރުވުމެވެ. ދެކެވަޑައިގަންނަވާ ގޮތުގައި، ނޫސްވެރިންގެ ޒިންމާއަކީ ސަރުކާރުގެ ވައްކަންތައް ފޮރުވައި، ކޮރަޕްޝަންތަކަށް ބީރު ކަންފަތެއް ދީ، އެމަނިކުފާނު އޮފުކޮށްދިނުމެވެ.
މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނާ ދެކޮޅަށް ފާޅު ކުރާ ހުރިހާ ހިޔާލަކީ ދޮގެވެ. މުއިއްޒުގެ ސިކުނޑިއަށް ވިސްނޭ ގޮތުގައި ތެދު ހަދަނީ ހަމައެކަނި އެމަނިކުފާނެވެ. މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ އެހެންވެ އެވެ.
"މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އެޅި، ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ލިބިދޭނެ ކަމަށް މި ކައުންސިލުން ދެކެން،" އެ ބިލާ މެދު ދެކޭ ގޮތް ހާމަ ކުރަމުން މޯލްޑިވްސް މީޑިއާ ކައުންސިލުން ބުންޏެވެ.
އެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދުގެ ނަމުގަ އެވެ. އެކަމަކު އެ ބިލު ފަރުމާކޮށް، ބިލު ހުށަހަޅާއިރު ކިޔަންވީ އެއްޗެއް ހަންނާނަށް ބުނެދިނީ ސަރުކާރުން ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ޔަގީންވެ އެވެ.
މިނިވަން ނޫސްވެރިކަން ނެތިކޮށްލަން ސަރުކާރުން މަސައްކަތް ކުރަން ފެށިކަން ހާމަ ކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. ސަރުކާރުން ބޭނުންވާ ގޮޅިއަކަށް ނޫސްވެރިން ފައްތަން ބޭނުންވެގެން އުޅޭކަން އެންމެ ފުރަތަމަ ހާމަ ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.
ޖޫން 13، 2024، ގައި އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ނޫސްވެރިކަމާ ގުޅޭ ގާނޫނެއް ވުޖޫދު ކުރުމުގެ ވާހަކަ އެވެ. އެކަން ކުރުމުގެ މަގުސަދަކީ، ނޫސްވެރިކަން ކުރަން ގާނޫނުއަސާސީ އިން ލިބިދީފައިވާ ހައްގު "ހިމާޔަތް" ކުރުން ކަމަށް ވެސް އުޝާމް އެއިރު ވިދާޅުވި އެވެ.
ހަމަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ދެން ވިދާޅުވީ، ހަދަން އުޅޭ ގާނޫނުގައި، ނޫސްވެރިންނަށް ދޭނެ އަދަބުތަކެއް ވެސް ކަނޑައަޅާފައި ހުރެދާނެކަމުގެ ވާހަކަ އެވެ.
"އަޅުގަނޑު މިކަން ކުރާއިރުގައި ބްރޯޑްކާސްޓިން ކޮމިޝަން. މީޑިއާ ކައުންސިލް އަދި ނޫސްވެރިންނާ ވެސް މަަޝްވަރާ ކުރުމަށްފަހު މިކަން ކުރާނީ. އެހެންވީމަ ތީގަ އަދަބެއް ހިމެނޭނެތޯ ނުވަތަ ނޫންތޯ، މިސާލަކަށް ހަމަ ތިބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ބޭނުންވެދާނެ އަދަބު ހިމަނަން. އެހެންވީމާ އަޅުގަނޑަކަށް ނުދެންނެވޭނެ ނޫންތޯ އަޅުގަނޑު އަދަބެއް ނުހިމަނާނަމެކޭ،" އުޝާމް ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން ނޮވެމްބަރު، 2024، ގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. އެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު އެވެ. އެކަމަކު، ހަންނާނު ހުށަހެޅުއްވި ނަމަވެސް ބިލު ފަރުމާ ކުރީ ބަންޑާރަނައިބުގެ އޮފީހުންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
އެ ބިލުގައި އޮތީ މީޑިއާގެ ކަންކަން ރެގިއުލޭޓުކޮށް، އަދަބު ދިނުމަށް ކޮމިޝަނެއް އުފައްދާ ވާހަކަ އެވެ. އެ ކޮމިޝަނުގައި ތިބޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ.
އެ ބިލަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، އެއީ ސަރުކާރާ ގުޅުން އޮތް ބިލެއް ނޫން ކަމަށް ސަރުކާރުން ބުނަން ފެށި އެވެ. އެކަމާ ގުޅޭ ގޮތުން މުއިއްޒު ވެސް ވާހަކަ ދައްކަވައި، ބިލުގަައި ވަނީ އެމަނިކުފާނު ގަބޫލު ކުރައްވާ ސިޔާސަތުތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން," ނޮވެމްބަރު 17، 2024، ގައި މުއިއްޒު ވިދާޅުވި އެވެ.
ހަމަ އެ ދުވަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ލައްވައި ހަންނާނު ހުށަހެޅުއްވި ބިލު ބޭރުކޮށްލައްވާނެ ކަމަށެވެ.
"އޭތި [ބިލު] ބޭރުކުރާނަން. އެކަަމާ ދެކޮޅޭ ބުނެފަ އޭތި ބަލައިގަތީމަ ކޮންތާކަށް އެ ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
އޭގެ ދެ ދުވަސް ފަހުން ނޮވެމްބަރު 19، 2024، ގައި ހަންނާނު ހުށަހެޅި ބިލު އޭނާ އަމިއްލައަށް އަނބުރާ ގެންދިޔަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، މެންބަރުންގެ ތާއީދު އެ ބިލަށް ލިބޭނެ ކަމަށް އޭނާއަށް ނުފެނުމެވެ.
"ވާގޮތަކީ 75 މެންބަރުންގެ ތާއީދު ލިބޭނެ ކަމަށް އަޅުގަނޑަށް ނުފެންނާތީ [ބިލު އަނބުރާ ގެންދިޔައީ]. އެއްވެސް ވަރަކަށް ބަޔަކާ މަޝްވަރާ ކޮށްފައެއް ނޫން ބިލު ހުށަހެޅީ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބިލަށް ތާއީދު ނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ،" ހަންނާނު ވިދާޅުވި އެވެ.
އޭގެ ފަހުން އަނެއްކާ ވެސް އެފަދަ ބިލެއް ތައާރަފު ކުރަން އުޅޭ ކަމުގެ އަޑުތަކެއް އިވެން ފެށި އެވެ. އެކަމަކު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ޖެނުއަރީ، 25، 2025، ގައި ވިދާޅުވީ މީޑިއާ ރެގިއުލޭޓު ކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް. ކުރިން ވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އޭގެ އެއް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ. އެ ބިލު ހުށަހެޅުއްވުމުގެ މަގުސަދަކީ މީޑިއާ ޒިންމާދާރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީޑިއާ ވެސް އެބަޖެހޭ ޒިންމާދާރުވާން. މީޑިއާއިން ބުނަނީ މީޑިއާއިން އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެއޭ. އެކަމު އެކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށްވެސް ނެތް. ހަމަ އެ މީހަކު ދައްކަން ބޭނުންވާ އެއްޗެއް ހަމަ ޓީވީތަކުންވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަންވެސް ލިޔަނީ،" 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހަންނާނު މިއަދު ހުށަހެޅި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ގެ ބިލަކީ ކުރީގެ ބިލާ މާ ބޮޑު ތަފާތެއް ހުރި ބިލެއް ނޫނެވެ. ބިލު ފަރުމާކޮށްފައި އޮތް ގޮތުން މަގުސަދެއް ކަމަށް ފެންނަނީ މީޑިއާތައް ރެގިއުލޭޓުކޮށް، ކޮންޓްރޯލްކޮށް، މިނިވަން މީޑިއާ ނެތިކޮށްލުމެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ބެލޭނެ އެވެ. އެކަމަކު، މައްސަލައިގައި ބުނާ ހާދިސާ ހިނގިތާ އަހަރެއް ފާއިތުވެފައި އޮވެގެން ނުވާނެ އެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ކުރާތާ އަހަރެއް ކުރިން ހިނގާފައިވާ ކަންކަމާ ގުޅޭ މައްސަލަތައް ވެސް ކޮމިޝަނަށް ބެލޭނެ އެވެ.
ބިލުގައިވާ ގޮތުން، ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނެކެވެ.
ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، މީޑިއާތަކުގެ ސުލޫކު ކަނޑައެޅުމާއި ނޫސްތައް ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފުތަރެއް އެކުލަވާލުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތަށް، ޑިމޮކްރަސީއަށް ހެޔޮ އެދޭ އެންމެންގެ ފަރާތުން ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ފާޑުކިޔާ އެންމެން ވެސް ބުނަމުންދަނީ ސަރުކާރުގެ މަގުސަދަކީ، މިނިވަން މީޑިއާ ނެތިކޮށްލުން ކަމަށެވެ.
އެ ބިލަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ. ފައްޔާޒް ވިދާޅުވީ، ބިލު ފާސްވެއްޖެ ނަމަ، ނޫސްތަކާއި ނޫސްވެރިންނަށް ލިބޭ ހިމާޔަތް ނިގުޅިގެންދާނެ ކަމަށެވެ.
"މީޑިއާ ރެގިއުލޭޝަން ބިލަކީ، ދިވެހިރާއްޖެއިން މިނިވަން މީޑިއާ ނެތިކޮށްލުމަށް މުއިއްޒު ރާއްވަވާފައިވާ ރޭވުމެއް. މީޑިއާއަކީ ޑިމޮކްރަސީއެއްގެ މައިބަދަ. ހުށަހަޅާފައިވާ ބިލުން ނޫސްވެރިންނާ މީޑިއާތަކަށް ލިބޭ ހިމާޔަތް ނިގުޅައިގަނެވި، ރެގިއުލޭޓަރީ ކޮމިޝަނުގެ ސީދާ ބަރު ރައީސްއަށް ލިބޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ ވިސްނުމާއި މަސައްކަތް ހުރި ގޮތުން، ހީވަނީ ތެދު ހަގީގަތް ހާމަކުރުމަކީ ކުށެއް ކަމަށްވެފައި އޮތް ޒަމާނަށް ރާއްޖެ އަނބުރާ ގެންދަން އުޅޭ ކަމަށެވެ.
"ތެދު ހަގީގަތް ހާމަ ކުރުމަކީ އަދަބު ލިބޭ ކުށެއް ގޮތުގައި އޮތް ޒަމާނަކަށް އަޅުގަނޑުމެންނަކަށް އަނބުރާ ނުދެވޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މީޑިއާ ނެތިކޮށްލަން ހުށަހެޅި ބިލަށް ފާޑުވިދާޅުވެފަ އެވެ. ޝާހިދު ވެސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ މީޑިއާތައް ނެތިކޮށްލަން ކަމަށެވެ.
"ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ މެމްބަރުންތަކެއް ތިއްބަވައިގެން، ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް،" ޝާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން ޝާހިދު ވިދާޅުވީ، ނޫސްވެރިކަން ނެތިކޮށްލަން ސަރުކާރުން މަސައްކަތް ކުރަނީ ރައީސް މުއިއްޒުގެ ހުދުމުހުތާރުކަމުން ކަމަށެވެ.
"ހުދުމުހުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން. ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުން. އެތައް ގުރުބާނީއަކުން މިއަދާ ހަމައަށް ދަތުރު ކޮށްފައި އޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ، އެ ބިލުގެ ސަބަބުން، އެއްވެސް އަދުލުވެރިކަމެއް ނެތި މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށެވެ.
"މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު މި އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވޭ،" އެމްއެމްސީން ބުންޏެވެ.
ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ހުށަހެޅި ބިލުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް މީޑިއާތައް ގެންދަން ފަސޭހަވާނެ ކަމަށެވެ.
"އެ ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް މި ޖަމްއިއްޔާއިން ދެކެން،" އެ އެސޯސިއޭޝަނުން ބުންޏެވެ.
~ ~
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބިލު ހުށަހެޅުމުގެ ފަހަތުގައި ވަނީ ސަރުކާރުކަން އެންމެނަށް ވެސް އެނގެ އެވެ. ސަރުކާރުން ބޭނުންނުވާ ކަމަށް އެ ބިލު މަޖިލީހަކަށް ނުވެއްދޭނެ އެވެ. ބިލުގެ ލިޔެފައި އޮތް އެއްޗަކުން، ބިލުގެ މަގުސަދު ވެސް ސާފެވެ.
ބިލުގެ މަގުސަދަކީ މިނިވަން މީޑިއާ ނެތިކޮށްލުމެވެ. ބޭނުމަކީ ސަރުކާރަށް ސަނާ ނުކިޔާ މީޑިއާތައް ފުނޑާލުމެވެ. ސަރުކާރުން އެދޭ ގޮތަކީ، ސަރުކާރާ ދެކޮޅު ހުރިހާ އަޑުތަކެއް ކަނޑުވާލުމެވެ. ޑިމޮކްރަސީގެ މުހިންމު ގުނަވަނެއް ކަމަށްވާ މިނިވަން ނޫސްވެރިން ބިމާ ހަމަކޮށްލުމެވެ.
ނޫސްވެރިކަން ނެތިކޮށްލުން: ހުދުމުހުތާރު ވެރިންގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެއް ނޫސްވެރިކަން ނެތިކޮށްލުން: ހުދުމުހުތާރު ވެރިންގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ