ދައުލަތުގެ ރަސްމީ ރިޒާވް ހަތް ޕަސެންޓް ދަށްވެއްޖެ

މިދިޔަ ޖުލައި މަހު ދައުލަތުގެ ރަސްމީ ރިޒާވް އޭގެ ކުރީ މަހާ އަޅައިބަލާއިރު ހަތް ޕަސެންޓް ދަށްވެއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ރިޒާވްގައި ހުރީ 775 މިލިއަން ޑޮލަރެވެ. ނަމަވެސް، އޭގެ ކުރީ މަހު ރިޒާވްގައި 832 މިލިއަން ޑޮލަރު ހުރުމުން އެއީ 57 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. މި އަހަރު ތެރޭގައި ރިޒާވްގައި ހުރި އަދަދުތަކަށް ބަލާއިރު: ޖަނަވަރީ: 708 މިލިއަން ޑޮލަރު ފެބްރުއަރީ: 832 މިލިއަން ޑޮލަރު މާރިޗު: 791 މިލިއަން ޑޮލަރު އޭޕްރިލް: 856 މިލިއަން ޑޮލަރު މެއި: 816 މިލިއަން ޑޮލަރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގައި ޖޫން މަހު 825 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު ޖުލައި މަހު ވަނީ 767 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވެ، ޑޮލަރު އަގު ދަނީ އުފުލެމުންނެވެ. https://sun.mv/209620 ބޭރު ފައިސާގެ ރިޒާވް ދަށްވުމާ ގުޅޭ ގޮތުން މި ފަހުން އެމްއެމްއޭއިން ބުނީ، ކޮވިޑް ތެރޭ ފަތުރުވެރިކަން ދަށްވެ ޑޮލަރު ނުލިބުނު ނަމަވެސް، މިހާރު އެ ސިނާއަތް ކުރިއަރައި ބޭރު ފައިސާގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވާ ކަމަށެވެ. ނަމަވެސް, ރާއްޖޭގެ ރިޒާވުން އޭގެ އެންމެ އެދެވޭ ބަދަލު ނުފެންނަ ސަބަބުތަކުގެ ތެރޭގައި ތެލަށް ކުރާ ޚަރަދު ބޮޑުވުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށާއި އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުވުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓެމުން އަންނައިރު، އެކްސްޗޭންޖް ރޭޓް މައްޗަށް ދިޔުން ހުއްޓުވުމަށް ޓަކައި އެމްއެމްއޭއިން ފިޔަވަޅުތަކެއް އަޅައިފައިވެއެވެ. އެގޮތުން، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މި ގައުމުގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ އައު ގަވައިދެއް ތަންފީޒުކުރަން ފަށައި، ބޭންކިން ނިޒާމުގައި ދައުރުވާ އިތުރު ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފައިވެއެވެ. މި ފަހުން ރާއްޖޭގެ ފޮރިން ރިޒާވް އިތުރުވީ ސަބަބުތަކުގެ ތެރޭގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 24ގައި ހެދި އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ