ގަވަރުނަރު ހޯދަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އެމްއެމްއޭއަށް ގަވަރުނަރު ހޯދަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އެމްއެމްއޭއަށް

ޑޮލަރުގެ އަގު އުފުލެމުންދިޔުމާއި ރިޒާވު ބޭނުންކޮށްގެން ފުށިދިއްގަރު ފަޅު ހިއްކަން ފައިސާ ދައްކަން ނިންމާފައިވާތީ ގަވަރުނަރު އަހްމަދު މުނައްވަރުއާ ބައްދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގޮސްފި އެވެ.
އެމްޑީޕީ ޕީޖީގައި ހިމެނޭ 12 މެންބަރުން ވެސް ތިބީ މިވަގުތު އެމްއެމްއޭ ރިސެޕްޝަނުގަ އެވެ. މިހާތަނަށް ގަވަރުނަރު އެ މެންބަރުންނާ ބައްދަލުކޮށްފައި ނުވެ އެވެ.
"ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީ މިވަގުތު ތިބީ ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި،" އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓުން ބުނެފައި ވެ އެވެ.
މިކަމާ ގުޅިގެން އަދަދު ނޫހަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕީޖީގެ ސްޕޯކްސްޕާސަން އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވަނީ ގަވަރުނަރާ ބައްދަލުކުރަން ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
އެ ސިޓީގައި ގަވަރުނަރާ ބައްދަލުކުރަން އެދުނީ ޑޮލަރުގެ މައްސަލައިގައި ބަހެއް ވިދާޅުނުވާތީ އާއި ފުށިދިއްގަރު ފަޅު ހިއްކަން ރިޒާވު ބޭނުން ކުރުމާ ގުޅޭ މަޝްވަރާ ކުރަން ކަން ވަނީ އެނގިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިފަހުން ހިނގި އެކި ބަހުސްތަކުގައި އެމްޑީޕީގެ މެންބަރުން ވަނީ މި ވަގުތު އޮތް އިގުތިސޯދީ ހާލަަތުން އަރައިގަތުމަށް މަނިޓަރީ ޕޮލިސީ ބަލަހައްޓަވާ ގަވަރުނަރު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކޮށްފަ އެވެ.
އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށްވުރެ މަތިވެފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ