ޔާމީނު ވެލާނާ އެއަރޕޯޓާ ގުޅުވާ 60 ބިލިޔަން ޑޮލަރުގެ ގެއްލުންދިން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން ހަރަދެއް ކުރަންނުޖެހޭ ގޮތަށް ބަޔަކާ ހަވާލުކޮށްފައި އޮއްވައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 
އެއާރޕޯޓް ރީތި ތަނަކަށްވާނީ ދަރަނީގެ ދަންތުރައިން ސަލާމަތްވެފައިވާ ތަނަކަށް ވެގެންކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅުވާ ފައްޔާޒު ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވީ "މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއަރޕޯޓުގެ ނަމުގައި ނެގި ދަރަނި" ކަމަށެވެ.
މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުމަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން ހަރަދެއް ކުރަންނުޖެހޭ ގޮތަށް ބަޔަކާ ހަވާލުކޮށްފައި އޮއްވައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ނިންމުން ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތުވެސް ބަންދުވެއްޖެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
2014 ވަނަ އަހަރު، އެ ގޮތަށް އަމަލު ނުކުރިނަމަ، އަދި އެ ނެގި ދަރަނިތައް ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުންނާނީ 4 މިލިއަނުން މަތީގައިކަމަށާއި ރާއްޖޭގެ ޖީޑީޕީ ހުންނާނީ ދެގުނަ މަތީގައިކަމަށް އެމްޑީޕީގެ ޗެއަރޕާސަންކަންވެސް ކުރައްވާ ފައްޔާޒު އިސްމާއީލު ވިދާޅުވެއެވެ.
ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ ކަމަށާއި މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު އިޝާރާތް ކުރައްވާ ބޭފުޅަކީ ކުރީގެ ރައީސް ޔާމީނުކަމަށް ބެލެވެއެވެ. 
ފައްޔާޒު ވިދާޅުވަނީ "މިއީ 'ފްރަންޓޮނޮމިކްސް' ގެ އިގްތިސާދީ ވިސްނުން" ކަމަށެވެ. އިގްތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މި ބޮޑު ގެއްލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ހަމަ ފާހަގަކުރަންވީތޯ ފައްޔާޒު ސުވާލު އުފައްދަވައެވެ. އަދި މިއަދު އެއަރޕޯޓު އެކުގައި ނުނިންމައި އެއެއަރޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްލާއިރު އެ ބޭކާރު ހަރަދަށްވުރެ އެ އެއަރޕޯޓު ހަގީގަތުގައިވެސް އެކުގައި ނިންމުން މާ މުހިއްމު ނޫންތޯ ފައްޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ