ޑޮލަރުގެ ތާށިކަން ބޮޑުވެ، ޑޮލަރެއް 21ރ. އަށް
ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 21ރ. އަށް އަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ. މިއަދު ކަޅު ބާޒާރުން ޑޮލަރު ގަންނަން ލިބެނީ 21 ރުފިޔާ އަށެވެ.މިދިޔަ އަހަރަށް ވުރެ މި އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވީ، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރަން މިދިޔަ އަހަރު ގާނޫނުތަކަށާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކާ އެކީގަ އެވެ. އިގުތިސޯދީ ހާލަތު މި ގޮތުގައި ދެމި އޮވެއްޖެ ނަމަ، މި އަހަރު ރެކޯޑު އަދަދަކަށް ޑޮލަރު ލިބޭނެ އެވެ.ދައުލަތަށް ޑޮލަރު ވަންނަ އަދަދު އިތުރުވީ ނަމަވެސް މީގެ ފައިސާއެއް އިގުތިސޯދަކުން އަދި ނުފެނެ އެވެ. ބައެއް މާހިރުން ބުނާ ގޮތުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލުނީ ވެސް، އިގުތިސޯދަށް ވަންނަ ޑޮލަރުގެ ބޮޑު ބަޔެއްގެ ސަރުކާރަށް ނަގައިގެން އިގުތިސޯދަށް ވަންނަ ޑޮލަރު ސަޕްލައި ކޮންޓްރޯލް ކުރަން ހަދައިގެންނެވެ.ޑޮލަރު ތާށިކަމާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބުނަނީ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް ޔަގީންކަން ދެ އެވެ.މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.އެކަމަކު، ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ